ވޮޝިންޓަން (12 ޖަނަވަރީ 2026): ޑެންމާކުގެ ސަރަހައްދެއް ކަމަށްވާ ގްރީންލޭންޑަށް އަރައިގަތުމުގެ ޕްލޭނެއް ތައްޔާރުކުރަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެމެރިކާ ސިފައިންގެ އިސް ޖެނެރަލުންނަށް އެންގެވުމުން، ޖެނެރަލުން އެ ކަމާ ދެކޮޅު ހައްދަވާފައިވާ ކަމަށް ލަންޑަންގައި ނެރޭ ނޫހެއް ކަމަށްވާ "ޑެއިލީ މެއިލް"އިން ބުނެފިއެވެ.
މި ނޫސް ބުނާގޮތުން އެމެރިކާ ސިފައިންގެ އިސް ޖެނެރަލުން މި ކަމާ ދެކޮޅު ހައްދަވަނީ އެމެރިކާ ގްރީންލެންޑް ހިފައިފިނަމަ އެކަމުގެ ސަބަބުން ނޭޓޯ ރޫޅިގެން ހިނގައިދާނެތީއެވެ. އަދި، ޔޫރަޕާއި އެމެރިކާއާ ޖެހި، އެމެރިކާގެ ސްޓްރެޓީޖިކް ބާރުވެރިކަން ބަލިކަށިވެގެން ހިނގައިދާނެތީއެވެ.
ގްރީންލޭންޑަށް އަރައިގަތުމުގެ ބަދަލުގައި ޓްރަމްޕް ބޭނުންވާ އެމެރިކާއަށް ގެއްލުން ކުޑަ އެހެން ކަންކަން ތަންފީޒުކުރުމަށް ޖެނެރަލުން ޓްރަމްޕަށް ލަފާދެއްވި ކަމަށް ވެސް "ޑެއިލީ މެއިލް"ގައި ބުނެއެވެ.
ޖެނެރަލުން ލަފާދެއްވި ކަންތައްތަކުގެ ތެރޭގައި އެމެރިކާއިން އީރާނަށް އަނެއްކާ ވެސް ބޮންއެޅުމާއި އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ގޮންޖެހުމަށް ފަހު، އީރާނާއި ރަޝިއާއިން ޗައިނާއާއި އިންޑިއާއަށް ތެލާއި ގޭސް ބޭރުކުރުމަށް ގެންގުޅޭ ޓޭންކަރުތަކަށް ގޯނާކުރުމާއި ހުރަސްއެޅުން ފަދަ ކަންކަން ހިމެނޭ ކަމަށް ވައިޓް ހައުސްގެ އިތުބާރުހުރި މަސްދަރަކާ ހަވާލާދީ "ޑެއިލީ މެއިލް"ގައި ބުނެއެވެ.
"ޑެއިލީ މެއިލް"ގައި ބުނެފައިވާގޮތުން ގްރީންލޭންޑަށް ގަދަބާރުން އަރައިގަތުމަކީ ފަސޭހައިން އެމެރިކާއަށް ކުރެވިދާނެ ކަމެކެވެ. ނަމަވެސް، އެކަމުގެ ސަބަބުން ރޯގް ސްޓޭޓެއް ނުވަތަ ބައިނަލްއަގުވާމީ ގާނޫނަށް ގޮންޖަހާފައި ބައިނަލްއަގުވާމީ އިންތަކުން ބޭރުވެގެން އުޅޭ ކުރީގެ ޔޫރަޕް ސްޓައިލްގެ އިސްތިއުމާރީ ބާރެއްގެ ގޮތުގައި އެމެރިކާ ލޭބަލް ވެދާނެ ކަމަށް ޖެނެރަލުން ދެކެއެވެ.
އެމެރިކާ ސިފައިން ވެނެޒުއެލާއަށް އަރައި އެ ގައުމުގެ ރައީސް ވަގަށް ނެގުމުން ވެސް އެމެރިކާއާ މެދު ދުނިޔޭގެ ގިނަ ބައެއްގެ ހިތްތަކުގައި ނަފުރަތު އުފެދި ރޯގް ސްޓޭޓެއްގެ ތުހުމަތު އެމެރިކާގެ މައްޗަށް ކުރެވިފައިވާކަން ޖެނެރަލުން ފާހަގަކުރެއްވިކަމަށް "ޑެއިލީ މެއިލް"ގައި ބުނެއެވެ.
ގްރީންލޭންޑަކީ ޑެންމާކުގެ ސިޔާދަތުގެ ދަށުގައިވާ އެެހެން ނަމަވެސް ލާމަރުކަޒީ ގޮތުން ވަކި ވެރިކަމެއް ކުރުމުގެ ބާރު ދީފައިވާ އައުޓޮނަމަސް ސަރަހައްދެކެވެ. ގްރީންލޭންޑުގެ އާބާދީއަކީ ގާތްގަނޑަކަށް 60،000 މީހުންނެވެ. އެ މީހުންގެ ތެރެއިން ކޮންމެ މީހަކަށް 10،000 ޑޮލަރާއި އެއް ލައްކަ ޑޮލަރާ ދެމެދުގެ އަދަދަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުމާ ބެހޭ ގޮތުން ޓްރަމްޕް ވަނީ ވާހަކަފުޅުދައްކަވާފައެވެ.
ރިޝްވަތު ދިނުމަށް ފަހު އެ ތަނަށް އެމެރިކާ އެރުމުން އެއީ ގްރީންލޭންޑްގެ ރައްޔިތުން އަތުން އެމެރިކާ ގަތް ސަރަހައްދެއް ކަމަށް ނިންމުމާމެދު އެމެރިކާގެ ރައީސް ޓްރަމްޕް ގެންދަވަނީ އޭނާގެ މުސްތަޝާރުންނާ މަޝްވަރާ ކުރައްވަމުންނެވެ.
މިގޮތަށް ގްރީންލޭންގެ ރައްޔިތުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީފިނަމަ އެކަމަށް ޚަރަދުވާނީ ގާތްގަނޑަކަށް 5.6 ވަރަކަށް ބިލިޔަން އެމެރިކާ ޑޮލަރެވެ. ރިޔާސީ ދެވަނަ ދައުރަކަށް މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އެމެރިކާގެ ރައީސްގެ ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ގްރީންލޭންޑް އިސްތިއުމާރުކޮށް، އެމެރިކާގެ ތަނަކަށް ހަދަން ބޭނުންވާކަން ތަކުރާރުކޮށް ހާމަކުރައްވަމުންނެވެ.
ދާދި ފަހުން ޓްރަމްޕް ވިދާޅުވީ، ގްރީންލޭންޑަކީ ޖިއޮ ސްޓްރެޓީޖިކް ގޮތުން އެމެރިކާއަށް މުހިންމު ސަރަޙައްދެއް ކަމަށާއި އެއީ ގިނަ އަދަދެއްގެ އަގު ބޮޑު އަދި ނާދިރު މައުދަންތައް ވެސް ހުރި ސަރަހައްދެއްކަމުން އެ މައުދަންތަކުގެ ބޭނުމުގައި ވެސް އެތަން އެމެރިކާގެ ބާރުގެ ދަށަށް ނުގެނެސް ވާން ނޯންނާނެ ކަމަށެވެ.
އެމެރިކާގެ ދެކުނު ސަރަހައްދުގެ ގިނަ ސްޓޭޓްތަކަކީ ވެސް ހަގީގަތުގައި މެކްސިކޯގެ ބިންތަކެކެވެ. އެ ތަންތަން އެމެރިކާ އަތްދަށުލާފައިވަނީ ގަދަބާރުން ވެރިވެގެނެގެންނެވެ. އެމެރިކާގެ ދެކުނުގެ ސްޓޭޓްތައް ކަމަށްވާ ނިއުމެކްސިކޯ، އެރިޒޯނާ، ޓެކްސަސް، ނެވާޑާ އަދި އަލަބާމާ ފަދަ ސްޓޭޓްތަކަކީ މެކްސިކޯގެ އަތްދަށުން އެމެރިކާ ފޭރިގެންފައިވާ ބިންތަކުގައި އުފައްދާފައިވާ ސްޓޭޓްތަކެކެވެ.
ގްރީންލޭންގެ ބޮޑުވަޒީރު ޖެންސް ފްރެޑިރިކް ނެއިލްސަން ވަނީ އެމެރިކާގެ އިސްތިއުމާރުގެ ދަށަށް ދާން ގްރީންލޭންޑް ބޭނުންނުވާ ކަމަށް ވިދާޅުވެފައެވެ. އަދި، ގްރީންލޭންޑްގެ ރައްޔިތުން އެމެރިކާ އަތުން ރިޝްވަތު ބޭނުންކޮށްގެން އެ މީހުންގެ ވަޒަން ވިއްކާލަން ބޭނުންނުވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ޔޫރަޕްގެ ލީޑަރުންވަނީ ގްރީންލެންޑް ހިފުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެކަމުގެ ސަބަބުން އެމެރިކާއާއި ޔޫރަޕްގެ އިތުބާރު ގެއްލި އެކުގައި މަސައްކަތް ކުރުމަށް ބޮޑެތި ހުރަސްތަކެއް އެޅޭނެ ކަމެއް ކަމަށް ސިފަކޮށްފައެވެ.