އެމެރިކާގެ މުޖުތަމައު ބަދަލުވާތީ އިސްރާއީލުން އެމެރިކާއަށް ބަރޯސާވުން ހުއްޓާލަނީ

ނަތަންޔާހޫ

ވޮޝިންޓަން (11 ޖަނަވަރީ 2026) : އިސްރާއީލުގެ މުސްތަގްބަލަށްޓަކައި އެމެރިކާއަށް ބަރޯސާވުން ހުއްޓާލައި ހުރިހާ ކަމެއްގައި އަމިއްލަ ނަފްސަށް ބަރޯސާވުމުގެ ދިގު މުއްދަތުގެ ޕްލޭނެއް އެކުލަވާލަމުން ގެންދާކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެއެވެ.

އިސްރާއީލުގެ ކެބިނެޓް ބައްދަލުވުމެއްގައި ނަތަންޔާހޫ ވިދާޅުވީ އެމެރިކާގެ މުޖުތަމައަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށާފައިވާތީ އަމިއްލަ ނަފްސަށް ބަރޯސާވާން އިސްރާއީލު ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭކަމުގައެވެ.

އެމެރިކާއަށް ބަރޯސާވެގެން އިސްރާއީލުގެ ދައުލަތް މުސްތަގުބަލުގައި ސަލާމަތް ނުކުރެވޭނެ ކަމަށާއި މިކަމަށް އޮތް ހައްލަކީ ހުރިހާ ކަމެއްގައި އަމިއްލަ ނަފްސަށް ބަރޯސާ ވުންކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ.

މިގޮތުން އިސްރާއީލު ދެމިއޮތުމަށް ބޭނުންވާ އަސްކަރީ ބާރުވެރިކަން އެގޮތުގައި ހިފެހެއްޓުމަށްޓަކައި ހަތިޔާރު އަމިއްލައަށް އުފެއްދުމަށް 110 ބިލިއަން ޑޮލަރު އިންވެސްޓުކުރަން ރާވާފައިވާކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ.

ނަތަންޔާހޫ ޓްރަމްޕްއާއެކު---

ނަތަންޔާހޫ ވިދާޅުވިގޮތުގައި ދާދިފަހުން އޭނާ އެމެރިކާއަށް ކުރިދަތުރުގައި އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއެކު ކުރި މަޝްވަރާތަކުގައި ޓްރަމްޕް ވަނީ އިސްރާއީލާމެދު އެމެރިކާގެ އާންމުން ދެކޭގޮތް ވަރަށް ހަލުއިމިނެއްގައި ބަދަލުވަމުންދާ ވާހަކަ ވިދާޅުވެފައެވެ. މިއާއެކު އެމެރިކާގައި ހަރަކާތްތެރިވާ އިސްރާއީލުގެ ލޮބީ ގްރޫޕްތަކުގެ ބާރު އެމެރިކާގައި ކުޑަ ވަމުންދާކަން ވެސް ޓްރަމްޕް ހާމަކުރެއްވިކަން އޭނާ އިޝާރާތް ކުރެއްވިއެވެ.

ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ ސިޔާސީ ވެރިންނަށް ރިޝްވަތު ދިނުމުގެ ކަންތައް ޔަހޫދީ ލޮބީ ގްރޫޕްތަކުން މިހާރު ކުރިޔަށް ގެންދަނީ ކުރިން އެކަން ކުރާހާ ފާޅުކަންބޮޑު ގޮތެެއްގައެއް ނޫނެވެ. ސިއްރިޔާތުގައި ނޫނަސް ތަންކޮޅެއް ނުކިއްސަރު ގޮތަކަށެވެ.

މިހާރު އެމެރިކާ އިސްރާއީލުގެ ދިފާއުގައި ހުރިހާ ކަމެއްގައި އެމެރިކާ އޮންނަ ގޮތަށް އަދި އިސްރާއީލަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދޭން އެެމެރިކާ އޮންނަ ގޮތަށް މުސްތަގުބަލުގައި އެކަން އޮންނާނެކަމަށް ނުބެލެވޭކަމަށް ނަތަންޔާހޫ ވިދާޅުވިއެވެ.

މިކަންކަމަށް ރިއާޔަތްކޮށް އިސްރާއީލުގެ މުސްތަގުބަލަށްޓަކައި އެމެރިކާއަށް ބަރޯސާވުން ހުއްޓާލުމަށް އިސްރާއީލު ރާވަމުންދާކަން ޓްރަމްޕް އާ ހިއްސާ ކުރިކަމަށް ވެސް ބައިނަލްއަގުވާމީ އަދާލަތަށް ބޭނުންވެފައިވާ ނަތަންޔާހޫ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެފަހަރެއްގެ މަތިން ވަނީ އިސްރާއީލާމެދު އެމެރިކާގެ އާންމުން ދެކޭގޮތް ވަރަށް ބޮޑަށް ބަދަލުވަމުންދާ ކަމުގެ އިންޒާރު ދެއްވާފައެވެ. އަދި މީގެ ވިއްސަކަށް އަހަރު ކުރިން އެމެރިކާގެ ކޮންގްރެސްގައި އިސްރާއީލުގެ ބާރާއި ނުފޫޒު އޮތްވަރަށް މިހާރު އެ ނުފޫޒު ކޮންގްރެސްގައި ނެތްކަމަށް ވެސް ދެފަހަރެއްގެ މަތިން ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އެމެރިކާއިން ކޮންމެ އަހަރަކު ވެސް ފަސް ވަރަކަށް ބިލިޔަން ޑޮލަރުގެ އަސްކަރީ އެހީ އިސްރާއީލަށް ދެއެވެ. އަދި އެމެރިކާގައި އުފައްދާ އެންމެ ޒަމާނީ ހަތިޔާރު އެއްވެސް ޝަރުތަކާ ނުލައި އިސްރާއީލަށް ވިއްކަމުން ގެންދެއެވެ.

މީގެ އިތުރުން މެދުއިރުމަތީގައި އިސްރާއީލަށް ވުރެ އަސްކަރީ ގޮތުން އެއްވެސް ގައުމެއް ބާރުގަދަވިޔަ ނުދިނުމަކީ އެމެރިކާ ވަރަށް ހަރުކަށިކޮށް ތަންފީޒު ކުރަމުން ގެންދާ ސިޔާސަތެކެވެ. އީރާނަށް ހަމަލާދީ އަދި ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި އީރާން އިނދަޖައްސާލަން މަސައްކަތް އެމެރިކާ ކުރަމުން ގެންދަނީ މިކަމަށްޓަކައެވެ. އީރާނުން އިސްރާއީލަށް ރައްދު ދެވޭވަރުގެ ހަތިޔާރު އަމިއްލަ ޓެކްނޮލޮޖީގައި އުފައްދާތީ އެކަން ހުއްޓުވުމަށެވެ.

އެމެރިކާގެ ސިޔާސަތަކީ އިސްރާއީލު ދޭ ހަމަލާއަކަށް ރައްދު ދެވޭވަރުގެ އެއްވެސް ބާރެއް މެދުއިރުމަތީގެ ގައުމެއްގައި ގާއިމު ވުމުގެ ފުރުސަތު ނުދިނުމެވެ. އަދި އިސްރާއީލުގެ އަސްކަރީ ކޮންޓްރޯލްގެ ދަށުގައި ސަރަހައްދުގެ ހުރިހާ ގައުމުތަކެއް ބޭއްވުމެވެ. މިކަން އެމެރިކާގެ މަސްއޫލުވެރިން ވަނީ ސީދާ ގޮތެއްގައި އެތަށް ފަހަރަކު ވިދާޅުވެފައެވެ.

އެމެރިކާއާއި އިސްރާއީލު ވަނީ މި މަގުސަދު ވަރަށް ބޮޑަށް ހާސިލް ކޮށްފައެވެ. އަރަބި ގައުުމުތައް އިސްރާއީލަށް ރައްދު ނުދެވޭފަދަ ހާލަތެއްގައި އޮތްނަމަވެސް އީރާނަކީ އިސްރާއީލަށް ރައްދު ދެވޭވަރުގެ އަމިއްލަ ޓެކްނޮލޮޖީ ހުރި ގައުމެއްކަން އީރާން އަމިއްލައަށް ވަނީ ސާބިތުކޮށްދީފައެވެ.

އީރާން އިނދަޖައްސާލަން އުޅެނީ މިހެންވެއެވެ. ނަމަވެސް އީރާން އިނދަޖައްސާލުމަށް ނޫނީ އީރާނުގެ ސިނާއަތު ފުނޑާލުމަށް ނޫނީ އީރާނުގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް އެެމެރިކާއާއި އިސްރާއީލު ކުރާ މަސައްކަތް އަދި ކާމިޔާބު ވެފައެއް ނުވެއެވެ.

އިސްރާއީލަށް ހަތިޔާރާއި އަސްކަރީ އެހީދިނުމަށް އެންމެ އެމެރިކާ އެންމެ ފަހުން އެއްބަސްވުމެއްގައި ސޮއިކުރީ 2016 ވަނަ އަހަރުގައެވެ. މި އެއްބަސްވުމުގެ ދަށުން 2028 ވަނަ އަހަރާ ހަމައަށް 38 ބިލިއަން ޑޮލަރުގެ ހަތިޔާރާއި، އަސްކަރީ ސާމާނު ގަތުމަށް 33 ބިލިއަން ޑޮލަރުގެ ހިލޭ އެހީއާއި އަސްކަރީ އެކިއެކި ނިޒާމުތައް ގާއިމުކުރުމަށް ޓަކައި އިތުރު ފަސް ބިލިއަން ޑޮލަރު ހިލޭ އެހީދިނުމަށް އެމެރިކާ ވަނީ ނިންމާފައެވެ.

މީގެ އިތުރުން އިސްރާއީލު އަމިއްލައަށް އުފައްދާ ހަތިޔާރަށް ބޭނުންވާ ޓެކްނޮލޮޖީގެ އެހީއާއި މާލީ އެހީވެސް ދެނީ އެމެރިކާ އިންނެވެ. އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ހޮލޮކޯސްޓް ހިންގަނީވެސް އެމެރިކާގެ ފޯރުކޮށްދޭ ހަތިޔާރުންނެވެ. އަދި އިސްރާއީލު ހިންގާ ސްޓޭޓް ޓެރަރިޒަމްގެ އަމަލުތައް ރަސްމީކޮށް ސްޕޮންސާ ކުރަނީވެސް މައިގަނޑު ގޮތެއްގައި އެމެރިކާއެވެ.

comment ކޮމެންޓް