ބޮލީވުޑްގެ އެކްޓަރު އަކްޝޭ ކުމާރުގެ އާ ހޮލޯ ކޮމެޑީ ފިލްމު "ބޫތު ބަންގްލާ" ރިލީޒްކުރުން ފަސްކުރިކަން އިއުލާނުކޮށްފިއެވެ.
މި އަހަރު ސިނަމާތަކަށް ގެންނަ އަކްޝޭގެ ފިލްމުތަކުގެ ތެރެއިން ގިނަ ބަޔަކު އިންތިޒާރުކުރާ މި ފިލްމު ކުރިން ރިލީޒްކުރަން ނިންމާފައިވަނީ މި އަހަރުގެ އޭޕްރިލް މަހެވެ. ނަމަވެސް، މި އަހަރުގެ މާޗް މަހުތެރޭ އިންޑިއާގެ ބޮޑު ބަޖެޓް ދެ ފިލްމު ކަމަށްވާ "ދުރަންދަރު 2" އަދި "ޓޮކްސިކް" ސިނަމާތަކަށް ގެންނާތީ ފިލްމު ރިލީޒްކުރުން މި އަހަރުގެ މެއި މަހަށް ފަސްކޮށްފައިވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.
ބާލާޖީ މޯޝަން ޕިކްޗާސް އަދި އަކްޝޭގެ އަމިއްލަ ފިލްމު ކުންފުނި ކޭޕް އޮފް ގުޑް ފިލްމްސްއިން ގެނެސްދޭ "ބޫތު ބަންގްލާ" އަކީ އަކްޝޭގެ ފުރަތަމަ ހޮރޯ-ކޮމެޑީ ފިލްމު "ބޫލް ބުލައްޔާ"ގެ ޑައިރެކްޓަރު ޕްރިޔާދަރުޝަން އުފައްދާ ފިލްމެކެވެ. ޕްރިޔާދަރުޝަންއާ އެކު އަކްޝޭ މަސައްކަތްކުރި ފިލްމުތަކުގެތެރޭ "ގަރަމް މަސާލާ" އަދި "ބާގަމް ބާގް" ވެސް ހިމެނެއެވެ.

"ބޫތު ބަންގްލާ"ގެ ބަތަލާ ވަމީގާ އަދި އަކްޝޭ--ފޮޓޯ/ފިލްމުފެއަ
ފިލްމު މެއި މަހުގެ 15 ވަނަ ދުވަހު ސިނަމާތަކަށް ގެނެސްދޭނެކަން އިއުލާނުކުރަމުން ބާލާޖީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނެފައިވަނީ ބިރުވެރި ހާދިސާތަކެއް ފެންނާނެ ބަންގްލޯގެ ދޮރު މެއި މަހު ހުޅުވާނެ ކަމަށެވެ. އެހެންވެ، ބެލުންތެރިން ފިލްމަށް އިންތިޒާރު ކުރުމަށް އެ ސްޓޫޑިއޯއިން ވަނީ އެދިފައެވެ.
ސާދަ އަހަރަށް ފަހު ޑައިރެކްޓަރު ޕްރިޔާދަރުޝަންއާ އެކު އަކްޝޭ މަސައްކަތްކުރާ ފިލްމު "ބޫތު ބަންގްލާ"ގެ ކާސްޓުންގެތެރޭ ވަމީގާ ގައްބީ، ތައްބޫ، ޕަރޭޝް ރާވަލް، ރާޖްޕަލް ޔާދަވް އަދި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މަރުވި ކޮމެޑީ އެކްޓަރު އަސްރާނީ ހިމެނެއެވެ.