ތުޅާދޫގައި އިމާރާތްކުރި 100 ފުލެޓަށް ކުރިމަތިލާން މިއަދުން ފެށިގެން ތިން މަސް ދީފި

ބ. ތުޅާދޫ މަތިން ބަނދަރާއި ދިމާލުން ނަގާފައިވާ ފޮޓޯއެއް: ތުޅާދޫގައި އިމާރާތްކުރި 100 ފުލެޓަށް ކުރިމަތިލާން ވަނީ ހުޅުވާލައިފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބ. ތުޅާދޫގައި އެމްޑީޕީގެ ސަރުކާރުން އިމާރާތްކުރި ފުލެޓުތަކަށް ކުރިމަތިލުމަށް ހުޅުވާލަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިޚާބަށް ނުފޫޒު ފޯރުވަން ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފައި ވަނިކޮށް، ފުލެޓުތަކަށް ކުރިމަތިލާން ސަރުކާރުން މިއަދު ހުޅުވާލައި، ތިން މަސް ދުވަހުގެ މުއްދަތެއް ދީފިއެވެ.

ހައުސިން މިނިސްޓްރީން ގެޒެޓުގައި އާންމުކުރި މައުލޫމާތުގައި ވަނީ، ތުޅާދޫގައި އިމާރާތްކުރި ސަތޭކަ ފުލެޓު ދޫކުރާނީ މިދިޔަ ނޮވެންބަރު މަހުގެ މެދުތެރޭ ސަރުކާރުން އިފްތިތާހުކުރި "ބޯހިޔާވަހިކަން އެންމެންނަށް"، މި ސިޔާސަތުގެ ދަށުން ކަމަށެވެ.

ފުލެޓުތަކަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް ހައުސިން މިނިސްޓްރީގެ ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ކުރިމަތިލުމަށް، މިއަދުން ފެށިގެން އޭޕްރިލް މަހުގެ 11ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

މިނިސްޓްރީން އާންމުކުރި އުސޫލުގައިވާ ގޮތުން، ތުޅާދޫގައި އިމާރާތްކުރި ފުލެޓުތަކަށް ކުރިމަތިލެވޭނީ އެ ރަށުގެ ރަށްވެހިންނަށާއި އެ ރަށަށް ހިޖުރަކޮށް، މެދުކެނޑުމެއް ނެތި 10 އަހަރު އުޅެފައިވާ މީހުންނަށެވެ.

ތުޅާދޫގެ އިތުރުން ތ. ވިލުފުށީގައިވެސް ސަރުކާރުން އިމާރާތްކުރި ފުލެޓުތަކަށް ކުރިމަތިލާން ހުޅުވާލާފައިވަނީ މިއަދުން ފެށިގެން ތިން މަހުގެ މުއްދަތަކަށެވެ. އެއީ އޭޕްރިލް މަހުގެ 11ވަނަ ދުވަހުގެ ނިޔަލަށެވެ.

ތުޅާދޫގެ ފުލެޓުތަކަށް ކުރިމަތިލާން ހުޅުވާލާފައިވަނީ އޭޕްރިލް މަހުގެ 11ވަނަ ދުވަހުގެ ނިޔަލަށް ކަމަށްވާއިރު، ހަމަ އެ މަހުގެ ހަތަރުވަނަ ދުވަހު ކައުންސިލްތަކުގެ އިންތިޚާބުވެސް އޮވެއެވެ.

އެހެންވެ، ތުޅާދޫގައި އިމާރާތްކޮށް ނިމިފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލާން މިނިސްޓްރީން ހުޅުވާލަނީ ގާނޫނާ ޚިލާފަށް، މި އަހަރު ބާއްވާ ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވަން ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކުރިއެވެ.

އެމްޑީޕީގެ ދައުރުގައި ތުޅާދޫގައި އިމާރާތްކޮށް ނިމިފައިވާ ރޯހައުސްތައް ދޫކުރަން ކައުންސިލުން ނެރުނު ދާއިމީ ލިސްޓު ހައުސިން މިނިސްޓްރީން ވަނީ ބާތިލުކޮށްފައެވެ.

https://sun.mv/216229

އެ ކަމާ ގުޅިގެން އެމްޑީޕީން މިމަހުގެ ތިންވަނަ ދުވަހު ނެރުނު ބަޔާނެއްގައި ވަނީ، ތުޅާދޫ ކައުންސިލުން އެ ޔުނިޓުތަކުގެ ހައްގުވެރިންނަށް ދިނުމުގެ މަސައްކަތް ކުރަނިކޮށް، ކޯޓު އަމުރެއްގެ ދަށުން އެކަން ހުއްޓުވާފައިވާ ކަމަށެވެ.

ނަމަވެސް، އެ ރަށު ކައުންސިލްގެ ދައުރެއް ނޯންނަ ގޮތަށް ހައުސިން ޔުނިޓުތަކަށް ކުރިމަތިލާން މިނިސްޓްރީން ހުޅުވާލުމަކީ، ގާނޫނުއަސާސީއާއި ލާމަރުކަޒީ ގާނޫނާ ޚިލާފުވެ، ލާމަރުކަޒީ ނިޒާމުގެ ރޫހާ ކަނޑައެޅިގެން ދެކޮޅަށް ކުރާ ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.

މިއީ، ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް "މަކަރުވެރި" ރޭވުމެއްގެ ތެރެއިން ސަރުކާރުން ކުރާ ކަމެއް ކަމަށް ތުހުމަތުކޮށް، އެމްޑީޕީން ވަނީ، އެ ކަންކަން ހުއްޓާލަން ސަރުކާރަށް ގޮވާލާފައެވެ.

އޭގެއިތުރަށް، އެ ކަން ހުއްޓުވުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަށް ތުޅާދޫ ކައުންސިލަށް ގޮވާލައި، އެމްޑީޕީން ވަނީ އެ މަސައްކަތުގައި އެ ޕާޓީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދީފައެވެ.

https://sun.mv/211492

ފާހަގަކުރެވޭ ގޮތުގައި، ތުޅާދުގައި އިމާރާތްކޮށްފައި ހުރި ހައުސިން ޔުނިޓުތައް ދޫކުރުން ލަސްވާތީ މިދިޔަ ސެޕްޓެމްބަރު މަހު ރައްޔިތުން ނުރުހުން ފާޅުކޮށް، ކައުންސިލް އިދާރާގައި މުޒާހަރާ ކުރިއެވެ. އޭގެ ސަބަބުން ކައުންސިލްގެ ހިންގުން މެދުކަނޑާލަން ވެސް ޖެހުނެވެ.

އެ މުޒާހަރާ ފެށި ފަހުން، އެ ކައުންސިލުން ވަނީ ހައުސިން ޔުނިޓަށް އެދިފައިވާ މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓް އާންމުކޮށްފައެވެ.

އެހެންނަމަވެސް ހައުސިން މިނިސްޓްރީން ވަނީ، އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ކައުންސިލުން އެކުލަވާލި ލިސްޓު އުސޫލާ ޚިލާފު ކަމަށް ނިންމައި، އެ ލިސްޓު ބާތިލުކޮށްފައިވާކަން މިދިޔަ މަހު އިއުލާންކޮށްފައެވެ.

comment ކޮމެންޓް