ތުޅާދޫ ހައުސިން ޔުނިޓުތައް ދޫކުރަން މިނިސްޓްރީން ހުޅުވާލަނީ، ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވަން: އެމްޑީޕީ

އެމްޑީޕީގެ ޖަލްސާއެއްގައި ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ އާއި އިތުރު މެންބަރުން: ތުޅާދޫ ހައުސިން ޔުނިޓުތައް ދޫކުރަން މިނިސްޓްރީން ހުޅުވާލަނީ، ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވަން ކަމަށް އެ ޕާޓީން ވަނީ ތުހުމަތުކޮށްފައި --- ސަން ފޮޓޯ/ ހުސައިން ހާފިޒު

ބ. ތުޅާދޫގައި އިމާރާތްކޮށް ނިމިފައިވާ 100 ހައުސިން ޔުނިޓަށް ކުރިމަތިލާން މިނިސްޓްރީން ހުޅުވާލަނީ ގާނޫނާ ޚިލާފަށް، އަންނަ އަހަރު ބާއްވާ ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވަން ކަމަށް އިދިކޮޅު މައި ޕާޓީ، އެމްޑީޕީން މިއަދު ތުހުމަތުކޮށްފިއެވެ.

އެމްޑީޕީގެ ދައުރުގައި ތުޅާދޫގައި އިމާރާތްކޮށް ނިމިފައިވާ ރޯހައުސްތައް ދޫކުރަން ކައުންސިލުން ނެރުނު ދާއިމީ ލިސްޓު ހައުސިން މިނިސްޓްރީން ވަނީ ބާތިލުކޮށްފައެވެ.

އޭގެފަހުން، ހައުސިން މިނިސްޓްރީން ވަނީ، އެ ޔުނިޓުތަކަށް ކުރިމަތިލާން މި މަހު 11ގައި ހުޅުވާލާނެކަން އިއުލާނުކޮށްފައެވެ.

އެ ކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ވަނީ، ތުޅާދޫ ކައުންސިލުން އެ ޔުނިޓުތަކުގެ ހައްގުވެރިންނަށް ދިނުމުގެ މަސައްކަތް ކުރަނިކޮށް، ކޯޓު އަމުރެއްގެ ދަށުން އެކަން ހުއްޓުވާފައިވާ ކަމަށެވެ.

ބ. ތުޅާދޫ: ތުޅާދޫ ހައުސިން ޔުނިޓުތައް ދޫކުރަން މިނިސްޓްރީން ހުޅުވާލަނީ، ކައުންސިލް އިންތިޚާބަށް ނުފޫޒު ފޯރުވަން ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް، އެ ރަށު ކައުންސިލްގެ ދައުރެއް ނޯންނަ ގޮތަށް ހައުސިން ޔުނިޓުތަކަށް ކުރިމަތިލާން މިނިސްޓްރީން ހުޅުވާލުމަކީ، ގާނޫނުއަސާސީއާއި ލާމަރުކަޒީ ގާނޫނާ ޚިލާފުވެ، ލާމަރުކަޒީ ނިޒާމުގެ ރޫހާ ކަނޑައެޅިގެން ދެކޮޅަށް ކުރާ ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.

މިއީ، ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް "މަކަރުވެރި" ރޭވުމެއްގެ ތެރެއިން ސަރުކާރުން ކުރާ ކަމެއް ކަމަށް ތުހުމަތުކޮށް، އެމްޑީޕީން ވަނީ، އެ ކަންކަން ހުއްޓާލަން ސަރުކާރަށް ގޮވާލާފައެވެ.

އޭގެއިތުރަށް، އެ ކަން ހުއްޓުވުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަށް ތުޅާދޫ ކައުންސިލަށް ގޮވާލައި، އެމްޑީޕީން ވަނީ އެ މަސައްކަތުގައި އެ ޕާޓީގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދީފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ތުޅާދުގައި އިމާރާތްކޮށްފައި ހުރި ހައުސިން ޔުނިޓުތައް ދޫކުރުން ލަސްވާތީ މިދިޔަ ސެޕްޓެމްބަރު މަހު ރައްޔިތުން ނުރުހުން ފާޅުކޮށް، ކައުންސިލް އިދާރާގައި މުޒާހަރާ ކުރިއެވެ. އޭގެ ސަބަބުން ކައުންސިލްގެ ހިންގުން މެދުކަނޑާލަން ވެސް ޖެހުނެވެ.

https://sun.mv/211492

އެ މުޒާހަރާ ފެށި ފަހުން، އެ ކައުންސިލުން ވަނީ ހައުސިން ޔުނިޓަށް އެދިފައިވާ މީހުންނަށް ޕޮއިންޓް ލިބިފައިވާ ގޮތުގެ ދާއިމީ ލިސްޓް އާންމުކޮށްފައެވެ.

އެހެންނަމަވެސް ހައުސިން މިނިސްޓްރީން ވަނީ، އިދިކޮޅު އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ކައުންސިލުން އެކުލަވާލި ލިސްޓު އުސޫލާ ޚިލާފު ކަމަށް ނިންމައި، އެ ލިސްޓު ބާތިލުކޮށްފައިވާކަން މިދިޔަ މަހު އިއުލާންކޮށްފައެވެ.

comment ކޮމެންޓް