ރެއާލުގެ ވިސްނުންހުރީ އެމްބާޕޭއަށް ތަދުކަނޑުވާ އިންޖެކްޝަން ޖަހަން

ކަކުލުގެ އަނިޔާއަށްފަހު އަދި ރަނގަޅަށް ފޯމަކަށް ނޭޅި ހުރި ރެއާލް މެޑްރިޑުގެ ފްރާންސް ތަރި ކީލިއަން އެމްބާޕޭއަށް ތަދުކަނޑުވާ އިންޖެކްޝަން ޖަހައިގެން ނަމަވެސް މިރޭ އޮތް އެލް ކްލަސިކޯ މެޗުގައި ކުޅުވަން ރެއާލް މެޑްރިޑުން ވިސްނާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އެމްބާޕޭއަކީ މި ސީޒަނުގައި ރެއާލުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާއެވެ. އޭނާ ވަނީ މި ސީޒަނުގައި މިހާތަނަށް ރެއާލުން ކާމިޔާބުކުރި ލަނޑުތަކުގެ ދެބައިކުޅަ އެއްބައި ޖަހާފައެވެ.

އަނިޔާގެ ސަބަބުން ރެއާލުން އެންމެ ފަހުން ކުޅުނު ދެ މެޗުގައިވެސް އެމްބާޕޭ ނުކުޅެއެވެ. ނަމަވެސް މިރޭ ސައުދީ އަރަބިއްޔާގައި ކުޅޭ ބޮޑު މެޗަށް އޭނާ މިހާރު ވަނީ ޓީމާ ގުޅިފައެވެ.

މުޅިން ފިޓުނުވި ނަމަވެސް ރެއާލުގެ ކޯޗު އަލޮންސޯގެ ވިސްނުންހުރީ އެމްބާޕޭ ލައްވާ ކުޅުވަން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެމްބާޕޭ ލައްވާ ކުޅުވާނަންތޯ ނޫސްވެރިން ސުވާލުކުރުމުން ވެސް އަލޮންސޯ އެ ވާހަކަތައް ދޮގެއް ނުކުރެއެވެ.

އަލޮންސޯ ބުނީ އެންމެ ފުރަތަމަ އޭނާ މަސައްކަތްކުރީ އެތުލެޓިކޯ މެޑްރިޑު މެޗުގައި އެމްބާޕޭ ލައްވާ ކުޅުވަން ކަމަށާއި، ނަމަވެސް އޭރު އޭނާގެ ހާލަތު ރަނގަޅުނޫން ކަމަށެވެ. އަދި މި މެޗަށް އޭނާ ގެނައީ ކަކުލުގެ އެ ތަދު ބޮޑުތަނުން ރަނގަޅުވުމުން ޓީމުގެ އޮފިޝަލުންނާ މަޝްވަރާކުރުމަށްފަހު ކަމަށް އަލޮންސޯ ބުންޏެވެ. ނަމަވެސް ފައިނަލް ނިންމުން ނިންމާނީ މެޗާ ގާތްކުރުމަށްފަހު ކަމަށްވެސް ބުންޏެވެ.

ކޯޗު ބުނީ އެމްބާޕޭގެ ކަކުލުގެ ތަދު ހުރިނެތް ބެލުމަށްފަހު އޭނާ ލައްވައި ކުޅުވާނަމަ ނަގަން ޖެހޭނީ ރިސްކެއް ކަމަށެވެ. އެހެންކަމުން ތަދުކަނޑުވާ އިންޖެކްޝަނެއް ބޭނުންކޮށްގެން ނަމަވެސް ކުޅުވުމަކީ ވިސްނުމެއް ކަމަށް ބުންޏެވެ.

comment ކޮމެންޓް