''ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން ރެއާލަށް ގެންނާނަން''

ރެއާލް މެޑްރިޑުގެ ރައީސް ޕްރޭޒް--

ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން އެ ކްލަބަށް ގެންނާނެކަން ހާމަކުރައްވާފައެވެ. ސްޕެއިންގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވަނީ 2025/26 ގެ އުނދަގޫ ސީޒަނަށްފަހު ޓީމު އަލުން ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ކްލަބުގެ އެތެރޭގެ މައްސަލަތަކާއި، ކުޅުންތެރިންގެ މުސްތަގުބަލާ ގުޅޭގޮތުންވެސް އޭނާ ވަނީ މުހިންމު މައުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ.

  • ކުރިއަށް އޮތް ޓްރާންސްފާ މާކެޓުގައި އެންމެ މޮޅު ކުޅުންތެރިން ގެނައުމަށް އަމާޒުހިފުން.
  • ޑްރެސިން ރޫމްގެ ސިއްރުތައް ލީކުކުރާ ފަރާތް ދެނެގަނެވިފައިވާކަން ހާމަކުރުން.
  • ވަލްވާޑޭ އާއި ޗުއަމެނީގެ މައްސަލައަކީ އާދައިގެ ކަމެއްކަމަށް ވިދާޅުވުން.
  • ވިނީޝިއަސްގެ ކޮންޓްރެކްޓް އައުކުރުމަށް އަވަސްވެނުގަތުން އަދި އެމްބާޕޭއަށް ތައުރީފުކުރުން.

ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް، ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން އެ ކްލަބަށް ގެންނާނެކަމުގެ ވަރުގަދަ އިޝާރާތެއް ދެއްވައިފިއެވެ.

ސްޕެއިންގެ "ލަ ސެކްސްޓާ" ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި 79 އަހަރުގެ ޕެރޭޒް ވިދާޅުވީ، ރެއާލް މެޑްރިޑްގެ އަމާޒަކީ އަބަދުވެސް އެންމެ މޮޅު ކުޅުންތެރިން ހޯދުން ކަމަށެވެ

"ދުނިޔޭގެ ކޮންމެ ތަނެއްގައި މޮޅު ކުޅުންތެރިއަކު ހުރި ނަމަވެސް، އޭނާ ރެއާލަށް ގެންނާނަން" ޕެރޭޒް ވިދާޅުވިއެވެ.

މިއީ މިހާރު ހިނގަމުންދާ 2025/26 ގެ އުނދަގޫ ސީޒަނަށްފަހު، ޓީމު އަލުން ބިނާކުރުމަށް ޕެރޭޒް ގެންގުޅުއްވާ "ގެލެކްޓިކޯ" ސިޔާސަތު އަލުން އިއާދަކުރާނެ ކަމުގެ ހެއްކެކެވެ.

މި އިންޓަވިއުގައި ޕެރޭޒް ވަނީ ކްލަބުގެ އެތެރޭގައި ހުރި ބައެއް ނުތަނަވަސް ކަންތައްތަކަށްވެސް އަލިއަޅުވާލާފައެވެ.

ވަކިން ހާއްސަކޮށް، ޓީމުގެ ޑްރެސިން ރޫމްގެ ސިއްރުތައް މީޑިއާއަށް ލީކުކުރާ ޖާސޫސަކު ހުރިކަން އެނގިވަޑައިގަންނަވާ ކަމަށާއި، އެއީ ކާކުކަން މިހާރު ދެނެގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ފެޑެރީކޯ ވަލްވާޑޭ އާއި ޗުއަމެނީއާ ދެމެދު ހިނގި ހަމަނުޖެހުންތަކަކީ ބޮޑު ކަމެއް ނޫން ކަމަށާއި، އެއީ ވާދަވެރި ތަމްރީނުތަކުގެ ތެރެއިން ހިނގާފާނެ އާދައިގެ ކަންކަން ކަމަށް ވިދާޅުވެ، ޓީމުގެ ރޫހު ރަނގަޅު ކަމަށް އޭނާ ވަނީ ދިފާއުގައި ވާހަކަދައްކަވާފައެވެ.

ކުޅުންތެރިންގެ މުސްތަގުބަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕެރޭޒް ވިދާޅުވީ، ވިނީޝިއަސް ޖޫނިއާގެ ކޮންޓްރެކްޓް އައުކުރުމުގެ އަވަސް އެއްވެސް ބޭނުމެއް ނެތް ކަމަށާއި، އޭނާގެ ކޮންޓްރެކްޓްގައި އަދި އެއް އަހަރު އެބައޮތް ކަމަށެވެ.

ކީލިއަން އެމްބާޕޭ އަކީ މިވަގުތު ޓީމުގައި ހުރި އެންމެ މޮޅު ކުޅުންތެރިއާގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ރެއާލް މެޑްރިޑްގެ ކޯޗު އަލްވާރޯ އަރުބެލޯގެ މަގާމާ މެދު ސުވާލު އުފެދި، ޖޯސޭ މޮރީނިއޯ އެނބުރި އަތުވެދާނެ ކަމުގެ އަޑުތައް ގަދަވެފައިވާއިރު، ޕެރޭޒް ވަނީ ޓީމުގެ ކަންކަން ނިންމުމުގައި ކޯޗުންނަށް ފުރިހަމަ ބާރު އޮންނާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް