މިދިޔަ އަހަރު ނެޝަނަލް އެވޯޑު ކާމިޔާބުކުރި ބޮލީވުޑްގެ ބަތަލާ ރާނީ މުކަރުޖީގެ ކެރިއަރުގެ އެންމެ މަގުބޫލު އެއް ފްރެންޗައިސް ފިލްމު "މަރުދަނީ"ގެ ތިން ވަނަ ފިލްމު ރިލީޒްކުރުން އަވަސްކޮށްފިއެވެ.
މި ފިލްމުގެ ފަސްޓް ލުކް ޕޯސްޓަރު ވެސް ބެލުންތެރިންނަށް ގެނެސްދީފައިވާއިރު ފިލްމު ކުރިން ރިލީޒްކުރާނެ ތާރީޚަކަށް ބުނެފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ 27އެވެ. ނަމަވެސް ދާދިފަހުން ޔަޝް ރާޖް ފިލްމްސްއިން އިއުލާނުކޮށްފައިވާ ގޮތުގައި ފިލްމު ސިނަމާތަކަށް ގެންނާނެ އާ ތާރީޚަކީ މި މަހުގެ 30ވާ ހުކުރު ދުވަހެވެ.
ފިލްމު "މަރުދާނީ 3" އަކީ ޑައިރެކްޓަރު އަބިރާޖް މިނަވާލް ޑައިރެކްޓްކޮށް ރާނީގެ ފިރިމީހާ އަދިތިޔަ ޗޯޕްރާ ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމެކެވެ. މި ފިލްމުގެ ޑައިރެކްޓަރު އަބިރާޖް ވަނީ ވައިއާރްއެފްގެ ފިލްމުތައް ކަމަށްވާ ސަލްމާން ޚާންގެ "ޓައިގާ 3" އާއި "ސުލްތާން"ގެ އިތުރުން ރަންވީރު ސިންގް އާއި އަރުޖުން ކަޕޫރްގެ "ގުންޑޭ"ގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.

ފިލްމު 'މަރުދާނީ 2'ގެ މަންޒަރެއްގައި ބަތަލާ ރާނީ އަދި ތިން ވަނަ ފިލްމުގެ ޕޯސްޓަރެއް--ފޮޓޯ/ސައިންއެކްސްޕްރެސް
ބޮލީވުޑްގެ އެންމެ ތަޖުރިބަކާރު ބަތަލާއިންގެތެރޭ ހިމެނޭ ރާނީ ފުލުސް އޮފިސަރެއްގެ ރޯލް ކުޅޭ "މަރުދާނީ 3" ވެސް ބިނާކޮށްފައި ވަނީ އިންޑިއާގައި އެންމެ ފުޅާކޮށް ހިންގާ ހިއުމަން ޓްރެފިކިންގްގެ ހާދިސާއަކަށް ބިނާކޮށެވެ.
ފިލްމު "މަރުދާނީ" އަކީ މިހާތަނަށް ހިންދީ ސިނަމާއިން އަންހެން ބަތަލާއަކު ލީޑް ރޯލް ކުޅެމުން އަންނަ އެންމެ ވަރުގަދަ އެއް ފްރެންޗައިސް ފިލްމު ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
މި ފްރެންޗައިސްގެ ދަށުން ފުރަތަމަ ފިލްމު ބެލުންތެރިންނަށް ގެނެސްދިނީ 2014 ވަނަ އަހަރުއެވެ. ދެވަނަ ފިލްމު 2019 ވަނަ އަހަރު ގެނެސްދިނުމާ އެކު ތިން ވަނަ ފިލްމަކަށް ވެސް ބެލުންތެރިން ވަރަށް ބޮޑަށް އިންތިޒާރުކުރާނެ ކަމަށް އޭރު ފިލްމު ރިލީޒްވުމާ އެކު ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ރާނީގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ ޝާހްރުކް ޚާންއާ އެކު ކުޅޭ އެކްޓަރުގެ ފިލްމު "ކިންގް" ހިމެނެއެވެ. މި ފިލްމުގެ ކާސްޓުގައި ރާނީ ހިމެނޭކަން ކަށަވަރުވެފައިވާއިރު ފިލްމުގައި ބަތަލާ ކުޅޭ ކެރެކްޓާގެ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.