މިދިޔަ އަހަރު ފިލްމު އިންޑަސްޓްރީއަށް ތައާރަފްވި ޒުވާން ބަތަލާ ޝަނާޔާ ކަޕޫރުގެ ކެރިއަރުގެ ދެވަނަ ފިލްމު "ތޫ ޔާ މޭ"ގެ ފުރަތަމަ ޓީޒާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.
މި ފިލްމަކީ ޑިޖިޓަލް ދުނިޔޭގައި ކޮންޓެންޓް އުފެއްދުމުގެ މަސައްކަތުގައި އުޅޭ ދެ ޒުވާނުންގެ މަސައްކަތުގެ ދުނިޔެ ބެލުންތެރިންނަށް ދައްކާލަދޭނެ ފިލްމެކެވެ. ފިލްމުގައި ޝަނާޔާއާ އެކު ލީޑް އެކްޓަރުގެ ރޯލްއިން ފެންނާނީ ހުނަރުވެރި ޒުވާން އެކްޓަރު އާދާޝް ގޯރަވްއެވެ.
ޝަނާޔާ އާއި އާދާޝް ފިލްމުގައި ފެންނާނީ މުޅިން ތަފާތު ދެ ބެކްގްރައުންޑަކުން އައިސް އެއް މަސައްކަތެއް ކުރުމުގައި ދިރިއުޅުމުގެ ވަގުތުތައް ހޭދަކުރާ ދެ ޒުވާނުންގެ ގޮތުގައެވެ.
މުޅިން ތަފާތު ޚިޔާލެއްގެވެރި ދެ މީހަކު އެއް ޕްރޮޖެކްޓެއްގައި މަސައްކަތްކުރަން ޖެހުމުން ކުރިމަތިވާ ގޮންޖެހުންތަކާ އެކު ދެ މީހުންގެ މެދުގައި އުފެދޭ ލޯބީގެ ގުޅުން ފިލްމުން ފެންނާނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ފިލްމު "ތޫ ޔާ މޭ"ގެ މަންޒަރެއްގައި ޝަނާޔާ އަދި އާދާޝް--ފޮޓޯ/އެންޑީޓީވީ
އާނަންދު އެލް ރާއީ ޕްރޮޑިއުސްކޮށް ބީޖޯއި ނަމްބިއާރު ޑައިރެކްޓްކޮށް ގެނެސްދޭ "ތޫ ޔާ މޭ" އަކީ ކަލަ ޔެލޯ އާއި ބަނޫޝާލީ ސްޓޫޑިއޯ ގުޅިގެން އުފައްދާ ފިލްމެކެވެ. މި ފިލްމު ސިނަމާތަކަށް އަންނާނީ ކުރިއަށް އޮތް ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ.
ބޮލީވުޑްގެ އެކްޓަރު ސަންޖޭ ކަޕޫރުގެ ދަރިފުޅު ޝަނާޔާ ކަޕޫރު ފިލްމީ ދާއިރާއަށް ތައާރަފްވީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "އާނކޯ ކީ ގުސްތާކިޔާ"އިންނެވެ.
ޝަނާޔާގެ އެކްޓިންގްއަށް ބެލުންތެރިންގެ ތައުރީފު ލިބުނު އެ ފިލްމުގެ ލީޑް އެކްޓަރަކީ ވިކްރާންތު މަސޭއެވެ. ފިލްމީ އާއިލާއަކަށް ނިސްބަތްވާ ޝަނާޔާގެ ކުރިއަށްހުރި ފިލްމުތަކުގެތެރޭ ދަރުމާ ޕްރޮޑަކްޝަންސްގެ ދަރުމެޓިކް ކުންފުނިން ގެނެސްދޭ "ސްޓޫޑަންޓް އޮފް ދަ އިޔަ 3" ހިމެނެއެވެ.