'ދަ ކެރެލާ ސްޓޯރީ'ގެ ދެވަނަ ބައި އަންނަ މަހު ސިނަމާތަކަށް'

ފިލްމު "ދަ ކެރެލާ ސްޓޯރީ"ގެ ޕޯސްޓަރެއް--ފޮޓޯ/ހިންދުންސްތާންޓައިމްސް

މީގެ ތިން އަހަރު ކުރިން އިންޑިއާގައި ރިލީޒްކުރި ކާމިޔާބު ހިންދީ ފިލްމު "ދަ ކެރެލާ ސްޓޯރީ"ގެ ސީކުއަލް އަންނަ މަހު ރިލީޒް ކުރާނެކަން އިއުލާނުކޮށްފިއެވެ.

މި ފިލްމު ގެނެސްދެނީ "ބިޔޯންޑް ދަ ކެރެލާ ސްޓޯރީ"ގެ ނަމުގައެވެ. ސަންޝައިން ޕިކްޗަސް ލިމިޓެޑްއިން ގެނެސްދޭ މި ފިލްމު ރިލީޒްކުރާ ތާރީޚާ އެކު ފިލްމުގެ މޯޝަން ޕޯސްޓަރެއް ވެސް އެ ސްޓޫޑިއޯއިން ބެލުންތެރިންނަށް ވަނީ ދައްކާލާފައެވެ.

މި ޕޯސްޓަރާ އެކު ކެޕްޝަންގައި ލިޔެފައި ވަނީ "ދަ ކެރެލާ ސްޓޯރީ"އަކީ ބަޔަކު މީހުން އޭގެ ވާހަކަ ހިންދާލަން ވަރަށް ބޮޑަށް މަސައްކަތްކުރި ފިލްމަކަށްވީ ނަމަވެސް އެ ވާހަކައިގެ ހަގީގަތް އާއްމުންނަށް އެނގެން މާ ގިނަ ދުވަހެއް ނުނެގި ކަމަށާއި ހަގީގަތް ފޮރުވަން ކުރި މަސައްކަތްވީ ނާކާމިޔާބު ކަމަށެވެ.

ފިލްމު "ދަ ކެރެލާ ސްޓޯރީ"ގެ ބަތަލާ އާދާ ޝަރުމާ--ފޮޓޯ/ހިންދުންސްތާންޓައިމްސް

މިފަހަރު "ބިޔޯންޑް ދަ ކެރެލާ ސްޓޯރީ"އިން ގެނެސްދޭ ވާހަކަތަކުގެ މާނަ މާ ފުން ކަމަށާއި އެއީ އަސަރުން ފުރިގެންވާ ވާހަކަތަކެއްގެ އިތުރުން ގިނަ ބަޔަކަށް ހިތަށް ކުޅަދާނަނުވާ ވަރުގެ ގިނަ ހާދިސާތަކެއް ބެލުންތެރިންނަށް ފެންނާނެ ކަމަށް ސަންޝައިން ޕިކްޗަސްއިން ވަނީ ބުނެފައެވެ.

ވިޕުލް އަމްރުތްލާލް ޝާހް ޕްރޮޑިއުސްކުރާ މި ފިލްމުގެ ޑައިރެކްޓަރަކީ ނެޝަނަލް އެވޯޑު ކާމިޔާބުކޮށްފައިވާ ކަމަހްޔާ ނާރަޔަން ސިންގްއެވެ. ފުރަތަމަ ފިލްމުގެ ޑައިރެކްޓަރަކީ ސުޑިޕްތޯ ސެންއެވެ.

ރިޕޯޓުތައް ބުނާގޮތުން ދެވަނަ ފިލްމުގައި ގެނެސްދޭން ނިންމާފައި ވަނީ މުޅީން އާ ވާހަކަތަކެއް ކަމުން ސީކުއަލްގެ ކާސްޜު ވެސް މުޅިން ތަފާތުވާނެއެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވާ ތާރީޚަކީ އަންނަ މަހުގެ 27 ވަނަ ދުވަހެވެ.

ފިލްމު "ދަ ކެރެލާ ސްޓޯރީ" ރިލީޒްކުރުމާ އެކު އެ ފިލްމާ ދެކޮޅަށް ކެރެލާ ސްޓޭޓްގެ ސަރުކާރުން އޭރު ވަނީ ފިލްމު ރިލީޒްކުރުން ހުއްޓުވުމަށް ވެސް ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް އެންމެ 15 ކްރޯޑު ރުޕީސްގެ ބަޖެޓަކުން އުފެއްދި ފިލްމަށް ބޮކްސް އޮފީހުގައި 300 ކްރޯޑުގެ އާމްދަނީ ލިބި ފިލްމަށް ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.

ފުރަތަމަ ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ ކެރެލާއަށް ނިސްބަތްވާ ހިންދޫ އަންހެނަކު ދީނީ ހަރުކަށި ފިކުރަށް ތަރުހީބުކުރާ ބަޔަކާ ގުޅި އިސްލާމްދީން ގަބޫލުކޮށް އޭނާ އޮޅުވާލައިގެން ސީރިއާގެ ހަނގުރާމައިގެ ސަރަހައްދަށް ގެންގޮސް ޓެރަރިސްޓް ގްރޫޕަކާ ގުޅެން މަޖުބޫރުކުރުމުން އެކަމުން މިންޖުވުމަށް ކުރާ މަސައްކަތްތަކުގެ މައްޗަށެވެ.

comment ކޮމެންޓް