ބޮޑުތަކުރުފާނު މަގުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުވި، ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ އޮފީސް ހުއްދަތައް ނުނަގާ އިމާރާތްކޮށްފައިވާތީ، އެ އިމާރާތުގެ ވެރިފަރާތް 128،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިއަދު 'ސަން'އަށް ވިދާޅުވީ، ހ. ވެޔޮވިލާގޭގައި ޕީއެންސީ އޮފީސް އިމާރާތްކުރީ، ހުއްދަތައް ނުނަގާ ކަމަށެވެ. އެހެންވެ، ނިމުނު ޑިސެމްބަރު 25ގައި އެ ގޭގެ ވެރިފަރާތް 128،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.
އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލަށް ދައްކަން އޮތީ އަންގާފައެވެ. މޭޔަރު ވިދާޅުވީ، އެ ފައިސާ ނުދައްކައިފިނަމަ، ތިން މަސް ފަހުން ދެވަނަ ފަހަރަށް ޖޫރިމަނާކުރެވޭނެ ކަމަށެވެ.
މީގެ ކުރިން އިދިކޮޅު އެމްޑީޕީއާއި، އޭގެ ފަހުން އެމްޑީޕީ ދޫކޮށް ދިޔަ މެންބަރުން އުފެއްދި ޑިމޮކްރެޓްސްއިން ބޭނުންކުރި ހަރުގެ ޕީއެންސީން ބޭނުންކުރަން ފެށީ ޖުލައި، 2024ގެ ކުރީކޮޅެވެ.
އޭގެފަހުން މަރާމާތުތަކަށް ފަހު، ފަސް ފަންގިފިލާއަށް އިމާރާތް ވަނީ އުސްކޮށްފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވައިދެއްވި، އެ އިމާރާތުގައި ޕީއެންސީގެ ބޮޑު އޮފީހަކާއި ހަރުގެއެއް ވަނީ ހިންގަން ފަށާފައެވެ.
އާޓިފިޝަލް ބީޗު ކުރިމައްޗަށްވާހެން ހަދައިފައިވާ އެ ޖަގަހައިގެ ފާރުގައި ބޮޑު ލެޑް ސްކްރީނެއް ވެސް ހަރުކޮށްފައިވެއެވެ. ބެލެވޭ ގޮތުގައި، އެއީ ޕާޓީއާ ގުޅޭ މައުލޫމާތުތައް އާންމުންނަށް ފޯރުކޮށްދިނުމަށާއި، ބޮޑެތި ޖަލްސާތައް ކުރިއަށްދާ ވަގުތު އާންމުންނަށް އެ ޖަލްސާތަކުގެ ވާނުވާ ސާފުކޮށްދޭން ހަރުކޮށްފައިވާ ސްކްރީނެކެވެ.
ޕީއެންސީއަކީ، މިހާރު ރާއްޖޭގައި ހިންގާ އެންމެ މެންބަރުން ގިނަ ޕާޓީއެކެވެ. އިލެކްޝަންސް ކޮމިޝަނުގެ ހިސާބުތަކުން އެނގޭ ގޮތުގައި، 74،048 މެންބަރުން މި ވަގުތު އެ ޕާޓީގައި ތިބިއިރު، ޕީއެންސީގެ އަމާޒަކީ އެއް ލައްކަ މެންބަރުން ހަމަކުރުމެވެ.