މިދިޔަ އަހަރުގެ މަގޭ ދަރަވަންދޫ ލައިފްޓައިމް ސާވިސް އެވޯޑު އެ ރަށު، އަބްދުލްހަކީމް އިދުރީސް (ބޮޑު ތުއްތުބެ)އަށް ދީފިއެވެ.
ރޭ ބޭއްވި މަގޭ ދަރަވަންދޫ އެވޯޑު ހަފުލާގައި މި އެވޯޑު ހަވާލުކޮށްދެއްވީ، ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.
ދަރަވަންދޫއަށް އެންމެ ޚިދުމަތްތެރި ބޭފުޅާގެ އެވޯޑު ލިބުނު ބޮޑުތުއްތުބެއަކީ، ޅަ އުމުރުން ފެށިގެން ރަށު ފެންވަރުގައާއި ގައުމީ ފެންވަރުގައި ވަރަށް ގިނަ އިޖުތިމާއީ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.
އެގޮތުން، އަމިއްލައަށް އިސްނަންގަވައިގެން ތަފާތު ކުޅިވަރުތައް ކުރިއެރުވުމަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވިއެވެ.

އޭގެފަހުން، މުޖުތަމައުއަށް ފައިދާހުރި މަސައްކަތެއް ކޮށްދެއްވުމަށް އެކަމުގެ ތެރެއަށް ވަންނަވައި، މަސްވެރިކަން ކުރާނެ ތިން މަސް ދޯންޏެއް ބެންނެވިއެވެ. މަސްދޯނިތަކުގައި އިންޖީނު އަޅަން ފެށި ދުވަސްވަރުގައި މުޅި ރާއްޖެއިން އިންޖީނު އެޅި ދެވަނަ ދޯންޏަކަށް 'ނަސްރު' ވެގެން ދިޔުމުގައި، އަބްދުލްހަކީމުގެ ދައުރު ބޮޑެވެ.
އެ ދޯނިތައް ދުއްވުމަށް މޮޅެތި ކެޔޮޅުންތަކެއް އޭނާ އުފެއްދެވިއިރު، ފުރަތަމަ ފަހަރަށް ދަރަވަންދޫއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއްވީ، ބޮޑުތުއްތުބެއެވެ. އަދި، ރަށުގެ ތަރައްގީއަށް ކުރާ ހުރިހާ މަސައްކަތެއްގައި އަމަލީ ގޮތުން، އިސް ސަފުގައި އޭނާ ހަރަކާތްތެރިވެވަޑައިގެންނެވިއެވެ.
އޭގެއިތުރުން، ކުރިން ރަށުގައި ހުރި އެންމެ ތަނަވަސްމީހާއަކީ، އަބްދުލްހަކީމް ކަމަށްވާއިރު، އޭރު ދާއިމީ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެއްވިއެވެ. މިހާރު އާލާސްކަންފުޅާ އުޅުއްވި ނަމަވެސް، އެތައް ޚިދުމަތްތަކެއް އޭނާ ވަނީ ކޮށްދެއްވާފައެވެ.
އަބްދުލް ހަކީމްގެ އިތުރަށް، ހަތް ދާއިރާއަކުން 74 އެވޯޑު މި ހަފުލާގައި ވަނީ ދީފައެވެ. އެއީ، އެކި ރޮނގުތަކުން ކުރިއްސުރެ ދަރަވަންދުއަށް ޚިދުމަތް ކޮށްދެއްވާފައިވާ މީހުންގެ އަގު ވަޒަން ކުރުމަށެވެ.

ދަރަވަންދޫ ކައުންސިލުގެ ރައީސް އަލީ ސަމީހު ވާހަކަދައްކަވަނީ ----
އޭގެއިތުރުން، މި ހަފުލާ ޝަރަފުވެރިކޮށްދެއްވި މިނިސްޓަރު އާދަމް ޝަރީފްގެ ވާހަކަފުޅުގައި ވަނީ، ދަރަވަންދުއަކީ، ޒަމާނުއްސުރެ މެހެމާންދާރީއަށް ނަމޫނާ ރަށެއްކަން ފާހަގަކުރައްވާފައެވެ. އެ ކަން މިނިސްޓަރު ހިއްސާކޮށްދެއްވީ، ކުޑައިރުގެ ހަނދާންތަކާ ގުޅުވާފައެވެ. އަދި، މުސްތަގުބަލުގައި ވެސް ދަރަވަންދޫގެ އެ ރީތި ސިފަ ދަމަހައްޓަން މިނިސްޓަރު ވަނީ އިރުޝާދުދެއްވާފައެވެ.
މި ހަފުލާގައި ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހު ވަނީ، މިދިޔަ ފަސް އަހަރު އެ ރަށު ކައުންސިލުން ވަރަށް ގިނަ ކަންކަން ކޮށްދީފައިވާކަން ފާހަގަކުރައްވައިފައެވެ. އެ ކަންކަމުގެ ތަފުސީލީ ވީޑިއޯ ރިޕޯޓެއް އެ ހަފުލާގައި ވަނީ ދައްކާފައެވެ.
އެއާއެކު، އެ ޚިދުމަތްތައް ރަށަށް ކޮށްދިނުމުގައި އެވޯޑު ލިބުނު ބޭފުޅުން ބޮޑު ދައުރެއް އަދާކޮށްދެއްވިކަން ސަމީހު ފާހަގަކުރެއްވިއެވެ. އުންމީދަކީ މަގޭ ދަރަވަންދޫ އެވޯޑު، މުސްތަގުބަލުގައި ވެސް ދެމުން ދިޔުން ކަމަށް ސަމީހު ވިދާޅުވިއެވެ.
ވަރަށް ކުލަގަދަކޮށް ކުރިއަށްގެންދިޔަ އެ ހަފުލާ ނިންމާލީ، ހަވާ އެރުވުމުގެ ހަރަކާތަކުންނެވެ. ދަރަވަންދޫގެ ގިނަ ރައްޔިތުން ހާޒިރުވި އެ ހަފުލާގައި، އެންމެންގެ މޫނުމަތިން ފެނުނީ އުފާވެރިކަމާއި ހިނިތުންވުމެވެ. އެއީ، ގިނަ ދުވަސްތަކަކަށް ފަހު، ރަށަށް ކޮށްދެވުނު ޚިދުމަތްތަކުގެ އަގު ވަޒަން ކުރީތީއެވެ.