ބެކަމްގެ ދެމަފިރިންނަށް ދަރިފުޅުގެ ފަރާތުން އެންމެފަހުން ގާނޫނީ ނޯޓިސް ފޮނުވައިފި

ބްރޫކްލީން އަންހެނުން ނިކޮލާއާ އެކު--ފޮޓޯ/ޕީޕްލް

މަޝްހޫރު އިނގިރޭސި ފުޓްބޯޅަ ކުޅުންތެރިޔާ ޑޭވިޑް ބެކަމްގެ ދެމަފިރިންނަށް ދޮށީ ދަރިފުޅު ބްރޫކްލިން ބެކަމްގެ ފަރާތުން ގާނޫނީ އިންޒާރާ އެކު ނޯޓިސް ފޮނުވައިފިއެވެ.

ދަރިފުޅު ބްރޫކްލިންއާ އެކު އޮތް އާއިލީ ގުޅުން ވަރަށް ބޮޑަށް ނުތަނަވަސްވެ އާއިލާގެ އެއްވެސް މެމްބަރަކާ ގުޅުން ނުބާއްވާކަމުގެ ޚަބަރުތައް މީޑިއާތަކުން ދައްކަމުން އަންނަތާ މިހާރު ވަރަށް ދުވަސްވެއްޖެއެވެ.

ބްރޫކްލިންގެ ފަރާތުން މައިންބަފައިންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެކަމަށް ބުނެ ނޯޓިސް ފޮނުވަން ޖެހުނީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން ސިއްރުކޮށް ބޭއްވުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކާއި، ސޯޝަލް މީޑިއާގައި ހިނގަމުންދާ މުއާމަލާތްތަކާ ގުޅިގެން ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

މަޝްހޫރު ފޮޓޯގްރާފަރު އަދި ވިޔަފާވެރިޔާ ބްރޫކްލިން ބެކަމް ވަނީ އޭނާގެ މައިންބަފައިން ކަމަށްވާ ޑޭވިޑް ބެކަމް އާއި ވިކްޓޯރިއާ ބެކަމްގެ އިތުރުން އޭނާގެ ކޮއްކޮ ކްރޫޒް ބެކަމް ސޯޝަލް މީޑިއާގައި ބްލޮކްކޮށް، އެމީހުންނާ އޮތް ގުޅުން ރަސްމީކޮށް ކަނޑާލާފައި ކަމަށް އެމެރިކާގެ ނޫހެއް ކަމަށްވާ ޕޭޖް ސިކްސްގައި، މިކަމާ ގުޅިގެން ޝާއިއުކުރި ރިޕޯޓްގައި ވަނީ ބުނެފައެވެ.

ޑޭވިޑް ބެކަމް އަދި ވިކްޓޯރިއާ ދަރިފުޅު ބްރޫކްލީންއާ އެކު--ފޮޓޯ/ޕީޕަލް

ބްރޫކްލިން މައިންބަފައިންނަށް ފޮނުވި ގާނޫނީ އިންޒާރުގެ ނޯޓިސްގައި ބުނެފައިވާ ގޮތުގައި މީގެ ފަހުން އޭނާއާ ކުރާ އެންމެހައި މުއާމަލާތްތަކެއް ކުރިއަށް ގެންދަން ޖެހޭނީ ގާނޫނީ ވަކީލުން މެދުވެރިކޮށް ކަމަށް ޕޭޖް ސިކްސްގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ރިޕޯޓުތައް ބުނާގޮތުން ބްރޫކްލީންގެ ފަރާތުން ބެކަމްގެ ދެމަފިރިންނަށް ގާނޫނީ އިންޒާރުގެ ނޯޓިސް ފޮނުވާފައި ވަނީ މިދިޔަ އަހަރުގެ މެދުތެރޭގައެވެ. މި ނޯޓިސްގައި، އޭނާއާ އެއްވެސް މުއާމަލާތެއް ކުރަންވާނީ ހަމައެކަނި ގާނޫނީ ވަކީލުން މެދުވެރިކޮށް ކަމަށާއި، ސޯޝަލް މީޑިއާގައި އޭނާ "ޓެގް" ކުރުމުން ދުރުހެލިވުމަށް މައިންބަފައިންނަށް ބްރޫކްލީން ވަނީ އަންގާފައެވެ.

މީޑިއާތަކަށް ވެސް ހައިރާންކަމެއް ގެނުވި މި ގާނޫނީ އިންޒާރު ރިޕޯޓަރުން ސިފަކޮށްފައި ވަނީ ބްރޫކްލީންގެ އަމިއްލަ މިނިވަންކަން ކަށަވަރުކޮށް އޭނާގެ ނަން ބޭނުންކޮށްގެން މަންމަ ވިކްޓޯރިއާ އާއި ބައްޕަ ބެކަމް އާއްމުންގެތެރޭ ހިންގާ މުއާމަލާތްތައް މަދުކުރުމުގެ ބޭނުމުގައި ފޮނުވި އަމުރެއްގެ ގޮތުގައެވެ.

ރިޕޯޓުތައް ބުނާގޮތުން ބެކަމްގެ އާއިލާގެތެރޭގައި މި ނުތަނަވަސްކަން ބޮޑުވެގެން ދިޔައީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެއީ ބްރޫކްލިން އާއި އޭނާގެ އަންހެނުން، އެކްޓްރެސް ނިކޮލާ ޕެލްޓްޒް ބެކަމް، ކުރިން އެ އާއިލާއާ ސުލްހަވާން ކުރި މަސައްކަތްތަކަށް ބެކަމްގެ ދެމަފިރިން އަޅާނުލާ ދޫކޮށްލާފައިވާ ކަމަށް އެމީހުންނަށް އިހުސާސް ކުރެވުމުންނެވެ.

'ދަ ނިއުސް' އިން ރިޕޯޓްކުރާ ގޮތުގައި، ބްރޫކްލިން އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއަކަށް ވިކްޓޯރިއާ ބެކަމް "ލައިކް" ދިނުމުން، އެއީ ކުރިން ފޮނުވި ގާނޫނީ ނޯޓިސްގެ އުސޫލުތަކާ ޚިލާފުވުން ކަމަށް ބްރޫކްލިން ވަނީ ބަލާފައެވެ. އޭނާގެ މައިންބަފައިންނާއި ކޮއްކޮ ސޯޝަލް މީޑިއާގައި ބްލޮކް ކުރަން ނިންމި މައިގަނޑު އެއް ސަބަބަކީ ވެސް އެއީ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

ބްރޫކްލިންގެ ކޮއްކޮ ކްރޫޒް ބެކަމް ވެސް ވަނީ އޭނާގެ އިތުރުން މަންމަ އާއި ބައްޕަ ވެސް ބްރޫކްލިން ބްލޮކްކޮށްފައި ވާކަން ސޯޝަލް މީޑިއާގައި ކަށަވަރުކޮށްދީފައެވެ. މިއާއެކު، ޑޭވިޑް އާއި ވިކްޓޯރިއާ އަމިއްލައަށް ބްރޫކްލިން "އަންފޮލޯ" ކުރީ ކަމަށް ދެކެވުނު ވާހަކަތައް ކްރޫޒް ވަނީ ދޮގުކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުން، ބްރޫކްލިން އޭނާގެ މައިންބަފައިންނާ ގާނޫނީ ގޮތުން ވަކިވެފައިވީ ނަމަވެސް، އޭނާގެ ކާފައާއި މާމައާ އެކު އޮންނަ ގުޅުން ރަނގަޅެވެ. އަދި ބްރޫކްލީން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އަނބިމީހާ ނިކޮލާއާ އެކު އަމިއްލަ ދިރިއުޅުން ބިނާކުރުމަށް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ދޮށީ ދަރިފުޅު ބްރޫކްލީންއާ މުއާމަލާތްތައް މެދުކެނޑިފައިވާތީ ޑޭވިޑް އަދި ވިކްޓޯރިއާ އެކަމާ ހިތާމަކުރާ ކަމަށާއި އެ މީހުންގެ އުއްމީދަކީ ބްރޫކްލީންގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ނިމުމެއް އައިސް އަލުން އެއް ބައެއްގެ ގޮތުގައި އާއިލީ ގުޅުން ރަނގަޅުވުން ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ މުއާމަލާތްތަކުގައި ބްރޫކްލީން ނުހިމެނުމަށް އަންގައި އިންޒާރުގެ ނޯޓިސް ފޮނުވި ނަމަވެސް މިދިޔަ ކްރިސްމަސް އަދި އާ އަހަރުގެ މުނާސަބަތާ ގުޅިގެން ޑޭވިޑް އިންސްޓަގްރާމްގައި ޕޯސްޓްކުރި ވީޑިއޯގައި ބްރޫކްލީންގެ ފޮޓޯ ވަނީ ހިމަނާފައެވެ.

comment ކޮމެންޓް