ފަރާގެ ރިއަލިޓީ ޝޯއިން ޓެލެވިޒަން ދާއިރާއަށް ބޮޑު އިންގިލާބެއް ގެނެސްދޭނެ ކަމަށް ބުނެފި

އިންޑިއާގެ ފިލްމު ޑައިރެކްޓަރު ފަރާ ޚާން އަދި ފަރާ ގެނެސްދޭ "ދަ 50"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ

"ދަ 50"ގެ ނަމުގައި އިންޑިއާގެ ކުޅަދާނަ ފިލްމު ޑައިރެކްޓަރު އަދި ކޮރިއަގްރާފަރު ފަރާ ޚާން ގެނެސްދޭ ރިއަލިޓީ ޝޯއަކީ ޓެލެވިޒަން ދާއިރާއަށް ބޮޑު އިންގިލާބެއް ގެނެސްދޭނެ ޝޯއެއް ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ބަނީޖޭ އޭޝިއާއިން ޕްރޮޑިއުސްކޮށް ޖިއޯހޮޓްސްޓާ އަދި ކަލަސްއިން ސްޓްރީމްކުރަން ހަމަޖެހިފައިވާ މި ޝޯ ޕްރީމިއާކުރާނީ ކުރިއަށް އޮތް ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހެވެ. މި ޝޯއަކީ މިހާތަނަށް އިންޑިއާގެ ޓެލެވިޒަންތަކުން ފެނިފައިވާ ގޭމްތަކަށް ގޮންޖަހާލާނެ ވަރަށް ވަރުގަދަ ގޭމް ޝޯއަކަށްވާނެ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

މި ޝޯއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ފަރާ ބުނީ މިހާތަނަށް އިންޑިއާގައި ގެނެސްދީފައިވާ ރިއަލިޓީ ޝޯތަކަކީ މުޅިން ވެސް ވަކި ގޮތަކަށް ބައްޓަންކޮށް އެ ކުރެހުމާ އެއްގޮތަށް އަހަރުތަކެއް ވަންދެއް ދިގުދެމިގެންދާ ގޮތަށް ގެނެސްދީފައިވާ ޝޯތަކެކެވެ.

ފަރާ ޚާން ސަމޭ ރައިނާގެ ޝޯގައި ފަނޑިޔާރެއްގެ ގޮތުގައި ބައިވެރިވަނީ--ފޮޓޯ/ދަސްޓޭޓްސްމޭން

ނަމަވެސް ފަރާގެ "ދަ 50"އިން އެކަން ބަދަލުކޮށްލާނެ ކަމަށާއި މިއީ ބައިވެރިންނަށް ހަމަޖެހުމުގެ ނޭވާއެއް ލުމުގެ ފުރުސަތު އެއްގޮތަކަށް ވެސް ދެވޭނެ ޝޯއެއް ނޫން ކަމަށް ކުޅަދާނަ ޑައިރެކްޓަރު ވަނީ ބުނެފައެވެ.

ޝޯގެ ޚާއްސަ ކަމަކީ ޝޯގެ ފުރަތަމަ އެޕިސޯޑްއިން ފެށިގެން އެންމެފަހު ނިމޭ އެޕިސޯޑާ ހަމައަށް ވެސް ބައިވެރިން އުޅޭނީ ގޭމްތައް ނިންމުމުގައި އަވަދިނެތި ކަމަށާއި ހުރިހާ ބައިވެރިން ވެސް މި ޝޯގެ ގޭމްތައް ކުޅޭނީ ވަރަށް ޕްރެޝަރުގައި ކަމަށް ފަރާ ވަނީ ބުނެފައެވެ.

ފަރާ މިހާތަނަށް ހޯސްޓްކޮށް ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ޝޯތަކުގެތެރޭ "އިންޑިއަން އައިޑޮލް"، "ޑާންސް އިންޑިއާ ޑާންސް ލިޓްލް މާސްޓަސް"، "ޖަސްޓް ޑާންސް" އަދި "ސެލެބްރިޓީ މާސްޓަ ޝެފް"ގެ އިތުރުން "ބިގް ބޮސް ހައްލާ ބޯލް" ހިމެނެއެވެ.

comment ކޮމެންޓް