އާއިލާއާ ގުޅުވާ ކޮއްކޮ ފައިސަލް ދެއްކި ވާހަކައަށް ބުނާނެ އެއްޗެއް އާމިރަށް ނޭނގޭ

ބޮލީވުޑްގެ އެކްޓަރުން އަދި ދެ ބެއިން ކަމަށްވާ އާމިރު ޚާން އާއި ފައިސަލް ޚާން--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭ ބޮލީވުޑްގެ އެކްޓަރު އާމިރު ޚާންގެ ކޮއްކޮ ފައިސަލް ޚާން، އެ އާއިލާގެ މެންބަރުންނާ ގުޅޭގޮތުން ދެއްކި ވާހަކަތަކާ ގުޅޭ ގޮތުން ބުނާނެ އެއްޗެއް ނޭނގޭ ކަމަށް އާމިރު ބުނެފިއެވެ.

ދާދި ފަހުން އާމިރު މީޑިއާގައި ވާހަކަދައްކަމުން ބުނީ، ފައިސަލަކީ އަދިވެސް އާއިލާގެ މެންބަރެއް ކަމަށް ދެކޭ ކަމަށާއި އާމިރާއި އެކްޓަރުގެ އާއިލާގެ މެންބަރުންނާ ގުޅޭގޮތުން ފައިސަލް ދެއްކި ވާހަކަތަކަށް ބުނާނެ އެއްޗެއް ނޭނގޭ ކަމަށެވެ. އެއީ، ތަޤްދީރުގައި އާމިރަށް އޮތްގޮތް ކަމަށް ގަބޫލުކުރުން ނޫންގޮތެއް ނެތް ކަމަށާއި އާއިލާގެ މެންބަރަކާ ދެކޮޅަށް ތެދުވެ ޒުވާބުކުރުމުގެ ހިތްވަރެއް އޭނާގެ ނެތް ކަމަށް އާމިރު ވަނީ ބުނެފައެވެ.

ފައިސަލް މީޑިއާއަށް ދިން އިންޓަވިއުއެއްގައި ވަރަށް ހާމަކަން ބޮޑު ގޮތެއްގައި އާމިރާއި އާއިލާގެ އެހެނިހެން މެންބަރުންނާ ގުޅޭގޮތުން ވާހަކަދައްކަމުން ބުނީ، އާއިލާއިން އޭނާ ގޭ ބަންދުކޮށްގެން ދިގު މުއްދަތަކަށް ގެންގުޅުނު ކަމަށެވެ.

ފައިސަލް ޚާން މަންމަ ޒީނަތު އަދި އާއިލާގެ އެހެނިހެން މެމްބަރުންނާ އެކު--ފޮޓޯ/ޒޫމް

އެއީ، އޭނާއަށް ކުރިމަތިވި ނަފުސާނީ ބަލިކަށިކަމަކާ ގުޅިގެން ކަމަށް އާއިލާއިން ބުނެފައިވާ ކަމަށާއި އެކަމުގައި އިސްކޮށް އުޅުނީ ބޭބެ އަދި އެކްޓަރު އާމިރު ކަމަށް ފައިސަލް ވަނީ ބުނެފައެވެ. އާމިރާއި ފައިސަލް އެކީގައި 2000 ވަނަ އަހަރު ކުޅުނު ފިލްމު "މޭލާ"ގެ ނާކާމިޔާބީގެ ޒިންމާ ވެސް ފައިސަލް ވަނީ އާމިރުގެ ބޮލުގައި އަޅުވާފައެވެ.

ނަމަވެސް، އެ ފިލްމު ބޮކްސް އޮފީހުގައި ފެއިލްވުމާ ގުޅޭގޮތުން އާމިރު ބުނެފައިވަނީ އެއީ އާމިރަށް ވެސް ލިބުނު ވަރަށް ބޮޑު ދެރައެއް ކަމަށާއި ނަމަވެސް އޭގެ އަސަރު ފައިސަލަށް މާ ބޮޑަށް ކުރި ކަމަށެވެ. އާއިލާގެ މެންބަރުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރުމަށް ފަހު، ފައިސަލް ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ތެރޭ އާއިލާއާ ގުޅުން ކަނޑާލިކަން ޕަބްލިކް ޕްލެޓްފޯމެއްގައި އިއުލާނުކޮށްފައެވެ.

އެއީ މިހާރު ދުނިޔެ ދޫކޮށްފައިވާ އޭނާގެ ބައްޕަ ތާހިރު ހުސައިނާއި މަންމަ ޒީނަތު ތާހިރު ހުސެއިންގެ ދަރިއެއް ނޫން ކަމަށާއި އެ އާއިލާއިން އޭނާއަށް ލިބެންޖެހޭ އެއްވެސް ހައްގެއް އަދި ތަރިކަ މުދަލެއް ހޯދުމަށް އޭނާ ދައުވާ ނުކުރާނެ ކަމަށް ފައިސަލް އެ ކަމާ ގުޅޭގޮތުން އާއްމުކުރި ބަޔާނުގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް