'ސްކޯޕިއަންސް'ގެ މިއުޒިކް ޝޯތަކެއް އޭޕްރީލް މަހު އިންޑިއާގައި

'ސްކޯޕިއަންސް' ބޭންޑުގެ ޕޯސްޓަރެއް--ފޮޓޯ/ރޯލިންގްސްޓޯންއިންޑިއާ

ޖަރުމަނުގެ މަޝްހޫރު ހާޑް ރޮކް ބޭންޑް "ސްކޯޕިއަންސް"އިން، އެ ބޭންޑުގެ "ކަމިން ހޯމް" ޓުއާގެ ދަށުން އިންޑިއާގެ ހަތަރު ސިޓީއެއްގައި ޝޯތައް ހުށަހަޅައިދޭނެކަން އިއުލާނުކޮށްފިއެވެ.

"ރޮކް ޔޫ ލައިކް އަ ހަރިކޭން"، "ވިންޑްސް އޮފް ޗޭންޖް" އަދި "ސްޓިލް ލަވިން ޔޫ" ފަދަ ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ލަވަތަކެއް ގެނެސްދީފައިވާ މި ބޭންޑުގެ ޝޯތައް އޮންނާނީ މި އަހަރުގެ އޭޕްރީލް މަހެވެ. 'ސްކޯޕިއަންސް'ގެ ޝޯތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ހިލް ސްޓޭޝަނެއް ކަމަށްވާ ޝިލޮންގް، ބެންގަލޫރު، ނިއު ދިއްލީގެ އިތުރުން މުމްބާއީގައެވެ.

ޝޯ ބޭއްވުމަށް ކަނޑައަޅާފައިވާ ތާރީޚުތައް ބަހާލެވިފައިވާ ގޮތުން އޭޕްރީލް 21 ގައި ޝިލޮންގްގެ ޖޭއެން ސްޓޭޑިއަމް، އޭޕްރީލް 24 ގައި ގުރޫގްރާމްގެ ހޫޑާ ގްރައުންޑްސް، އޭޕްރީލް 26 ގައި ބެންގަލޫރުގެ ނައިސް ގްރައުންޑްސްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

'ސްކޯޕިއަންސް' ބޭންޑްގެ މެމްބަރުން މިއުޒިކް ޝޯއެއް ދިނުމުގައި ހަރަކާތްތެރި ވަނީ--ފޮޓޯ/ރޯލިންގްސްޓޯންއިންޑިއާ

ބުކްމައިޝޯ ލައިވްއިން އިންތިޒާމްކޮށް ޕްރޮމޯޓްކުރަން ހަމަޖެހިފައިވާ މި ޓުއާގެ ވަރަށް ޚާއްސަ ޝޯއެއް އޭޕްރިލް މަހުގެ 30 ވަނަ ދުވަހު ޖިއޯ ގާޑެންސްގައި ވެސް އޮންނާނެއެވެ. 'ސްކޯޕިއަންސް'ގެ ޝޯއެއް އިންޑިއާގައި މި ބާއްވަނީ 2007 ވަނަ އަހަރުގެ ޑިސެންބަރު މަހު އެ ބޭންޑުން އިންޑިއާގައި ޝޯއެއް ބޭއްވުމަށް ފަހު، ގާތްގަނޑަކަށް 18 އަހަރުގެ މެދުކެނޑުމަކަށް ފަހެވެ.

މި ބޭންޑުގައި ހިމެނޭ މަޝްހޫރު ލަވަކިޔުންތެރިންގެ ތެރޭ ކްލައުސް މައިނޭ، ގިޓަރިސްޓް އަދި ބޭންޑް އުފެއްދި ރުޑޮލްފް ޝެންކާ، ގިޓަރިސްޓް މަޓިއަސް ޖެބްސް، ބޭސިސްޓް ޕަވެލް މަސިވޮޑާ އަދި ޑްރަމަރު މިކީ ޑީ ހިމެނެއެވެ.

އިންޑިއާގެ ޓުއާއާ ގުޅޭގޮތުން ކްލައުސް މައިނޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގިނަ ދުވަސްތަކަކަށް ފަހު އިންޑިއާގައި އަލުން ޓުއާއެއް ބޭއްވޭތީ އެ ބޭންޑުން ތިބީ ވަރަށް އުފަލުން ކަމަށާއި އިންޑިއާގައި ތިބި އެތައް ސަޕޯޓަރުންނާ ބައްދަލުވާނެތީ އެކަމާ ވަރަށް ބޮޑަށް އުފާކޮށް އެ ދުވަހަށް އިންތިޒާރުކުރާ ކަމަށެވެ. ހަމައެއާއެކު މި ޓުއާގެ ދަށުން ބާއްވާ ކޮންސެޓްތަކަކީ އެ ބޭންޑަށް ވެސް ވަރަށް ޚާއްސަ ތަޖުރިބާއަކަށް ވާނެ ކަމަށް ކްލައުސް މައިނޭގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އާއްމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ބޭންޑް އުފެއްދިތާ 60 އަހަރު ފުރުމާ ދިމާކޮށް ބާއްވާ "ކަމިން ހޯމް" ކޮންސެޓް އިންޑިއާއަށް ގެނައުމަކީ ސަޕޯޓަރުންނާއި ބޭންޑަށް ވެސް ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމަށް ބޭންޑް އުފެއްދި ރުޑޮލްފްޝެންކާ ވެސް ވަނީ ބުނެފައެވެ.

ޝެންކަ އިސްވެ ހުރެ 1965 ވަނަ އަހަރު އުފެއްދި ޖަރުމަނުގެ މި ބޭންޑަކީ ފާއިތުވި ހަ އަހަރު ތެރޭގައި މިއުޒިކީ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނުވި ވަރުގަދަ ތާރީޚެއް ބިނާކޮށްފައިވާ ބޭންޑެކެވެ. މިހާތަނަށް 19 ސްޓޫޑިއޯ އަލްބަމް ނެރެފައިވާ މި ބޭންޑުގެ އެންމެ ފަހުގެ އަލްބަމަކީ 2022 ވަނަ އަހަރު ނެރުނު "ރޮކް ބިލީވާ"އެވެ.

ދުނިޔޭގެ 80 އަށް ވުރެ ގިނަ ގައުމުގައި 'ސްކޯޕިއަންސް'އިން ޝޯތައް ހުށަހަޅައި ދީފައިވާއިރު މި ބޭންޑަކީ "އެރީނާ-ރޮކް" މިއުޒިކުގެ ވަރުގަދަ އަޑު ބައްޓަންކުރުމުގައި އިސް ދައުރެއް އަދާކޮށްފައިވާ ބޭންޑެކެވެ.

މި ޝޯގެ އާޓިސްޓް ޕްރީ-ސޭލް ޓިކެޓް ވިއްކަން ފަށާނީ މި ފެށޭ ހަފުތާގެ ބުދަ ދުވަހުގެ މެންދުރު 12:00އިން ފެށިގެންނެވެ. މީގެ އިތުރުން، ކޮޓަކް މަހިންދްރާ ބޭންކުގެ ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ޚާއްޞަ ޕްރީ-ސޭލްއެއް ފެށޭ ހަފުތާގެ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގައި ހުޅުވާލެވޭނެ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ.

މި ޝޯއަށް އާންމުކޮށް ހުޅުވާލައިގެން ޓިކެޓް ވިއްކަން ފަށާނީ މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އިން ފެށިގެން "ބުކްމައިޝޯ" މެދުވެރިކޮށެވެ.

comment ކޮމެންޓް