އިލްމުވެރިންނަކީ "މުރުތައްދު ވެފައިވާ ބައެއް" ކަމަށް ރީކޯ ވިދާޅުވި މައްސަލަ ފުލުހަށް ހުށަހަޅައިފި

މިދިޔަ އަންގާރަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ޖަގަހަ ޖަލްސާގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން (ރީކޯ) މޫސާ މަނިކު ވާހަކަދައްކަވަނީ: އިލްމުވެރިންނަކީ 'މުރުތައްދު ވެފައިވާ ބައެއް' ކަމަށް ވިދާޅުވި މައްސަލަ ފުލުހަށް ހުށަހަޅައިފި -- ފޮޓޯ/ އެމްޑީޕީ

މިދިޔަ އަންގާރަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ޖަގަހަ ޖަލްސާގައި އިލްމުވެރިންނަކީ 'މުރުތައްދު ވެފައިވާ ބައެއް' ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން (ރީކޯ) މޫސާ މަނިކު ވިދާޅުވި މައްސަލަ ބަލައިދިނުމަށް އެދި، އިލްމުވެރިންގެ ގުޅުން ޖަމިއްޔާގެ ފަރާތުން ފުލުހަށް ހުށަހަޅައިފިއެވެ.

އެމްޑީޕީގެ ޖަގަހަ ޖަލްސާގައި ރީކޯ ވަނީ ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް ޖުވާ ކުޅުމާއި ޖުވާ ކުޅޭ ތަންތަން ހިންގުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައެޅުމުގެ ބިލާ ގުޅިގެން އޭނާގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވައިފައެވެ. އަދި އެފަދަ ކަންކަމުގައި އެމްޑީޕީން ބަސްބުނުމުން އެ ޕާޓީގެ މެންބަރުންނާ ދިމާލަށް 'ހަރާމް ކަންކަން ކުރާ ބައެކޭ' ބުނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ވާހަކައިގެ ތެރެއިން ރީކޯ ވިދާޅުވީ ރާއްޖޭގައި އުޅޭ އިލްމުވެރިންނަކީ އަމިއްލަ މަންފާއަށްޓަކައި ހަދީސާއި ޤުރުއާނުގެ އާޔަތްތައް ބަދަލުކޮށްގެން އެކި ފަހަރު އެކި ގޮތަށް ވާހަކަދައްކާ ބައެއް ކަމަށެވެ. އަދި ސިޔާސީ ގޮތުން ނުކުންނަ އިލްމުވެރިންނަކީ 'މުސީބާތެއް' ކަމަށާއި، އެފަދަ ބޭފުޅުން ގެގައި މަޑުން ތިއްބެވުމަށް ވެސް ރީކޯ ގޮވައިލެއްވިއެވެ.

މި ޕާޓީއާ ދިމާލަށް އެމީހުން އަޅުގަނޑުމެންނަކީ ހަރާމް ކަންތައް ކުރާ ބައެކޭ، އަޅުގަނޑުމެންނަކީ މުރުތައްދުވެފައިވާ ބައެއް ކަމަށް ބުނާއިރު ޝަހާދަތުގެ ދެކަލިމަ ކިޔައި، އިސްލާމީ ރުކުންތައް ގަބޫލުކުރި މީހަކާ ދިމާލަށް ފުރަތަމަ ކާފަރެކޭ ބުނުމަކީ ކާފަރަކަށްވުން. އޭނަ ޖެހޭނެ ތައުބާވާން. އެވަރުގެ ގޮތެއް ފޮތެއް ނެތް ދަންނަބޭކަލުންގެ ވާހަކަ މިދައްކަނީ. އެމީހުން އަމިއްލައަށް މުރުތައްދުވެފައި ހުރި ބައެއް އެއީ، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން (ރީކޯ) މޫސާ މަނިކު

އެކަމާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން ނެރުނު ބަޔާނެއްގައި ބުނީ އިލްމުވެރިންނަށް ނިސްބަތްކޮށް، އެއީ 'މުރުތައްދު ވެފައިވާ ބައެއް' ކަމަށް ރީކޯ ވިދާޅުވެފައިވާ މައްސަލައަކީ ވަރަށް ނުރައްކާތެރި ހައްސާސީ މައްސަލައެއް ކަމަށެވެ. އަދި ރީކޯގެ ވާހަކައަކީ ރާއްޖޭގައި އިސްލާމް ދީނާއި، ދިވެހީންގެ ދީނީ ވަޙްދަތު ނެގަހެއްޓުމުގައި އެންމެ ގިނަ އަދި ބުރަ މަސައްކަތްތަކެއް ކުރަމުންދާ ދީނީ އިލްމުވެރިންނާ މެދު ނަފުރަތު އުފެއްދުމަށްޓަކައި ކޮށްފައިވާ ނޭންގާނީ ދަށު ދަރަޖައިގެ އަދި އެއްވެސް ޒިންމާދާރުކަމެއް ނެތް އަމަލެއް ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އެ ޖަމިއްޔާއިން ބުނި ގޮތުގައި އެކަމަކީ ޑރ. އަފްރާޝީމް އަލީއެކޭ އެއްފަދައިން މިހާރު ތިއްބެވި ދަންނަބޭކަލުންގެ ފުރާނަ ވެސް ނުރައްކަލަށް ހުށައެޅިގެން ގޮސްދާނެ ދޮރެކެވެ.

އެހެންކަމުން ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ހަރުކަށި ފިކުރު ފެތުރުމާއި، މީހުންނަށް އަނިޔާވެރިވުމަށް ހިތްވަރު ލިބޭ ގޮތަށް 'ތަކްފީރު ކުރުމުގެ' ފިކުރު ފެތުރުމުގެ ކުށަކަށް ރީކޯ އަރައިގެންފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ. އަދި އޭނާ ވަނީ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން މަނާކޮށްފައިވާ، ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ގެއްލޭ ފަދަ އަދި މީހުންގެ މެދުގައި ފިތުނަ އުފެދޭ ފަދަ ގޮތަކަށް ވާހަކަދައްކާފައި ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އޭގެ އިތުރުން ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގެ ދަށުން މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، މީހަކާ މެދު ނަފްރަތު އުފެއްދުމުގެ ގަސްތުގައި މީހަކީ މުރުތައްދެއް ކަމަށް އާންމު ތަނެއްގައި ތުހުމަތުކުރުމަކީ ކުށެއް ކަމަށް ކަނޑައަޅާފައިވާ ގާނޫނާ ވެސް ރީކޯ ޚިލާފުވެފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

އެކަންކަމުގެ ސަބަބުން ރީކޯއާއި، އޭނާގެ ވާހަކަ ލައިވްކޮށް ބްރޮޑްކާސްޓުކުރި ޗެނަލްގެ ޒިންމާވާ ފަރާތްތަކާ މެދު ތަހުގީގު ހިންގައި، ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް އެދި އެ މައްސަލަ ވަނީ އިލްމުވެރިންގެ ގުޅުމުގެ ފަރާތުން ފުލުހަށް ހުށަހަޅައިފައެވެ.

comment ކޮމެންޓް