ދަރުމަވަންތައިގައި ފުރަތަމަ ފަހަރަށް އައިވީއެފް ފުރިހަމަކުރި ދެމަފިރިންނަށް ދަރިއަކު ލިބިއްޖެ

ނެޝަނަލް ފާޓިލިޓީ ސެންޓަރު: ދަރުމަވަންތައިން ފުރަތަމަ ފަހަރަށް އައިވީއެފް ފުރިހަމަކުރި ދެމަފިރިންނަށް ދަރިއަކު ލިބިއްޖެ -- ފޮޓޯ/ ރައީސް އޮފީސް

އައިވީއެފް މެދުވެރިކޮށް، ދަރުމަވަންތަ ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުގައި ފުރަތަމަ ފަހަރަށް އައިވީއެފް މެދުވެރިކޮށް ކުއްޖަކު އުފަންވެއްޖެއެވެ.

މިކަމާ ގުޅިގެން މިރޭ ނެރުނު ބަޔާނެއްގައި އައިޖީއެމްއެޗުން ބުނީ، އައިވީއެފް މެދުވެރިކޮށް ކާމިޔާބުކަމާއެކު ދަރިފުޅު އުފަންވީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

ދަރިފުޅުގެ ހާލު ރަނގަޅުކަން ފާހަގަކޮށް، މި ކާމިޔާބީ ހާސިލްކުރުމުގައި ޑޮކްޓަރުންނާއި ނަރުހުންނާއި ފާޓިލިޓީ ސެންޓަރުގެ ހިއްސާ ބޮޑުކަން އައިޖީއެމްއެޗުން ފާހަގަކުރިއެވެ.

މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)ގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މި ތާރީޚީ ކާމިޔާބަކީ ރާއްޖޭގައި ދަރިމައިވުމުގެ ސިއްހަތާގުޅޭ ފަރުވާ ހޯދަމުންދާ އާއިލާތަކަށް ލިބުނު އުންމީދެއް ކަމަށެވެ.

އަދި އައިވީއެފްގެ ޚިދުމަތް ހޯދުމަށް ރާއްޖޭން ބޭރުގައި އާއިލާތަކުން ގިނަ ދުވަސްތަކެއް ހޭދަކުރަންޖެހުމަކީ، މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ދިވެހި އާއިލާތަށް އުފުލަމުންދިޔަ ބޮޑު ތަކުލީފެއްކަން ޙަލީމް ފާހަގަކުރެއްވިއެވެ.

ފާހަގަކުރެވޭ ގޮތުގައި އާސަންދައިން އައިވީއެފްގެ ފަރުވާއަށް 50 ޖާގަ ހުޅުވާލީ މިދިޔަ ނޮވެންބަރު މަހުގެ މެދު ތެރޭގައެެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)އިން ކުރި އިއުލާނެއްގައިވާ ގޮތުން މިދިޔަ އަހަރު އައިވީއެފްގެ ފަރުވާއަށް 50 ދެމަފިރިއަކަށް އެހީ ހަމަޖައްސައިދޭން ނިންމާފައިވެއެވެ.

މިވަގުތު ރާއްޖެއިން އައިވީއެފްގެ ޚިދުމަތް ފޯރުކޮށްދެނީ ޓްރީޓޮޕް ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުންނެވެ.

ދަރިމައިވުމުގެ މައްސަލަތައް ހުންނަ ގިނަ ދިވެހީން، ބޮޑެތި ޚަރަދުތައް ކޮށްގެން އައިވީއެފްގެ ފަރުވާ އާންމުކޮށް ހޯދަނީ ރާއްޖެއިން ބޭރަށް ގޮސްގެންނެވެ. އެހެންކަމުން ދަރިމައިވުމުގައި ދަތިތައް ހުންނަ ފަރާތްތަކަށް ފޯރުކޮށްދޭ އައިވީއެފްގެ ޚިދުމަތް އާސަންދަ މެދުވެރިކޮށް ލިބޭނެގޮތް ހަމަޖައްސައިދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

comment ކޮމެންޓް