ވޮޝިންޓަން (7 ޖަނަވަރީ 2026): އެމެރިކާއިން ގްރީންލޭންޑް އަތުލާނީ ފައިސާ ދީގެން ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވެއްޖެއެވެ.
ކޮންގްރެސްގެ ދެ ގޭގެ މެންބަރުން ހިމެނޭގޮތަށް ބޭއްވި ޖަލްސާއެއްގައި ކިޔުބާ ދަރިކޮޅުގެ ބޭފުޅެއް ކަމަށްވާ އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވިދާޅުވީ, އެމެރިކާ ގެންދަނީ ގްރީންލެންޑް ގަތުމާ ބެހޭ މަޝްވަރާތައް ޑެންމާކު ސަރުކާރާ އެކު ކުރަމުން ކަމަށެވެ.
ޑެންމާކާ ދެކޮޅަށް އަސްކަރީ ބާރު ބޭނުންކޮށްގެން ގްރީންލެންޑް އަތުލުމުގެ ބަދަލުގައި އެމެރިކާއިން ބޭނުންވަނީ ސުލްހަވެރިކަމުގައި އެ ސަރަހައްދު އެމެރިކާގެ ދަށަށް ގެނައުމަށް ކަމަށާއި އެކަން ކުރަން އެންމެ ރަނގަނޅު ގޮތަކީ ފައިސާ ދިނުން ކަމަށް ވެސް ކޮންގްރެސްގެ ދެ ގޭގެ މެންބަރުންނަށް މައުލޫމާތު ދެއްވަމުން ރޫބިއޯ ވިދާޅުވިއެވެ.
ރޫބިއޯ މިހެން ވިދާޅުވުމުގެ ކުރިން އެމެރިކާގެ "ނިޔުޔޯކް ޓައިމްސް"ގައި ބުނެފައިވާ ގޮތުގައި ގްރީންލެންޑް އެމެރިކާގެ ތަނަކަށް ހެދުމާ ބެހޭ މަޝްވަރާތައް ވަރަށް ފުޅާ ދާއިރާއެއްގައި އިއްޔެ ވައިޓްހައުސްގައި ރައީސް ޓްރަމްޕް އިސްކޮށް ހުންނަވައިގެން ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި މަޝްވަރާތަކުގައި ފައިސާގެ ބޭނުންކޮށްގެން ގްރީންލޭންޑް އެމެރިކާގެ ކޮންޓްރޯލްގެ ދަށަށް ނުގެނެވިއްޖެ ނަމަ އެކަން ކުރާނެ އެ ނޫން ވަސީލަތްތައް ވެސް ހުންނާނެކަން ޓްރަމްޕް ފާހަގަކުރެއްވި ކަމަށް ވައިޓްހައުސްގެ މަސްދަރުތަކާ ހަވާލާދީ "ނިޔުޔޯކް ޓައިމްސް"ގައި ބުނެފައިވެއެވެ.

ގްރީންލޭންޑް
ނަމަވެސް، ކޮންގްރެސްގެ މެންބަރުންނަށް މައުލޫމާތު ދެއްވަމުން ރޫބިއޯ ވިދާޅުވީ، ގްރީންލެންޑް އަތުލުމަށް ފައިސާގެ ބަދަލުގައި އެހެން ވަސީލަތްތައް ވެސް ހުންނާނެ ކަމަށް ޓްރަމްޕް ވިދާޅުވި ވާހަކައިގެ މާނައަކީ ބާރުގެ ބޭނުންކުރުން ނޫން ކަމުގައެވެ.
ގްރީންލޭންޑަކީ ޑެންމާކުގެ ސިޔާދަތުގެ ދަށުގައިވާ ސަރަހައްދެކެވެ. ޑެންމާކުން މި ސަރަހައްދު އެ ގައުމުގެ އަތްދަށަށް ގެނަސް އެތަން ހިފާފައިވަނީ ޔޫރަޕުން އިސްތިއުމާރީ ކުޅިގަނޑު ކުޅުނު ދުވަސްވަރު (ދުނިޔޭގައި މީހުން އަޅުވެތި ކުރުމާއި ތަންތަނަށް އަރައިގަނެ އަތްގަދަ ކުރުމުގެ އިސްތިއުމާރީ ކުޅިގަނޑު ކުޅުނު ދުވަސްވަރު) ބާރުގެ ބޭނުންކޮށްގެންނެވެ.
ޑެންމާކުން ވަނީ ގްރީންލޭންޑް އެމެރިކާއަށް ވެސް އަދި އެހެން ގައުމަކަށް ވެސް ނުވިއްކާނެ ކަމަށް ތަކުރާރުކޮށް ބުނެފައެވެ. ޔޫރަޕްގެ ބާރުގަދަ އިސްތިއުމާރީ ބާރުތައް އަދުގެ ދުނިޔޭގައި ވަނީ އެމެރިކާ ޗައިނާ އަދި ރަޝިއާ ފަދަ ބިޔަ އަދި އަސްކަރީ ގޮތުންނާއި ޓެކްނޮލޮޖީގެ ގޮތުން ބާރުގަދަ ޖަޔަންޓުންގެ ކުރިމަތީގައި މާ ބޮޑު ޖިއޮޕޮލިޓިކަލް ދައުރެއް އަދާކުރެވޭ ވަރަށް ވުރެ ހުރިހާ ގޮތަކުން ވެސް ނިކަމެތިވެ، ބަލިކަށިވެފައެވެ.
މި ތިން ގައުމުގެ ބޮޑުމިނާއި އާބާދީއާއި ގުދުރަތީ ވަސީލަތްތަކާއި އަސްކަރީ ބާރަށް ބަލާއިރު ޔޫރަޕްގެ އެއްވެސް ގައުމަކީ މި ތިން ގައުމުގެ ކުރިމަތީގައި މާ ބޮޑު ބާރެއް އަދި ބުރަދަނެއް ހުރި ގައުމުތަކެއް ނޫނެވެ. އެހެންކަމުން މުސްތަގުބަލުގައި ޔޫރަޕްގެ ގައުމުތަކަށް ޖެހޭނީ ރަޝިއާ ދެކެ ކިތަންމެ ރުޅިއައި ނަމަވެސް ރަޝިއާއާ ވާހަކަދައްކައިގެން ރަޝިއާ ސުލްހަ ގާއިމުކުރަން ކަމަށް މުހައްލިލުން ވިދާޅުވެއެވެ.
އެމެރިކާގެ ސުލޫކާއި ސިޔާސަތުތައް ހުރިގޮތުން އެމެރިކާއަކީ ޔޫރަޕްގެ ހިމާޔަތުގައި ރަޝިއާއާ ދެކޮޅަށް ތެދުވާނެ ގައުމެއް ނޫންކަން ދަނީ ހާމަވެފައެވެ.
ޑެންމާކުން ބާރުގެ ބޭނުންކޮށްގެން އެ ގައުމުގެ ކޮންޓްރޯލްގެ ދަށަށް މީގެ ހައެއްކަ ގަރުނުގެ ކުރިން ގްރީންލެންޑް ގެނައުމަށް ފަހު، ގްރީންލެންޑުން ވަނީ ޑެންމާކުން އެ ސަރަހައްދުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ނުވަންނަ ގޮތަށް އަދި ދާޚިލީ ގޮތުން އަމިއްލަ ވެރިކަމެއް ކުރާގޮތަށް އިއްތިޙާދީ އެއްބަސްވުމެއްގެ ދަށުން އެ ސަރަހައްދު ޑެންމާކުގެ ބެލުމުގެ ދަށުގައި އޮންނަ ގޮތަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ގްރީންލޭންޑަކީ ގާތްގަނޑަކަށް 2.2 މިލިޔަން އަކަ ކިލޯމީޓަރުގެ ބޮޑު ސަރަހައްދެކެވެ. ނުވަތަ އެމެރިކާގެ ބިމުގެ ސަރަހައްދުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި ވަރުގެ ބޮޑު ސަރަހައްދެކެވެ. އެއީ، ދުނިޔޭގެ ނޯތްޕޯލްއަށް އެކްސެސްވާ ޖިއޮޕޮލިޓިކަލީ ވަރަށް ސްޓްރެޓީޖިކް ސަރަހައްދެކެވެ. އެޓްލާންޓިކް ކަނޑުގެ އުތުރުގައި ކެނެޑާއާއި ޔޫރަޕާ ދެމެދު އޮންނަ މި ސަރަހައްދަކީ ތެލާއި ގޭހާ އަދި އަގު ބޮޑު ނާދިރު މައުދަންތައް ވަރަށް ގިނައިން ހުރި ސަރަހައްދެއް ކަމަށް ޖިއޮލޮޖިކަލް ސާވޭތަކުން ދައްކައެވެ.
އެމެރިކާގެ އިގުތިސާދީ ހާލަތު މިހާރު އޮތްގޮތުން ދުނިޔޭގެ ތަންތަނަށް ވެރިވެގަނެ، ގަދަބާރުން ތަންތަން ފޭރިގަނެގެން މެނުވީ އެމެރިކާއަށް ދުނިޔޭގެ އެންމެ ބޮޑު އިގުތިސާދުގެ ގޮތުގައި ދެން ނޯވެވޭނެ ކަމަށް ކަމާބެހޭ ތަޖުރިބާކާރުން ވިދާޅުވެއެވެ.
އެމެރިކާ ވެނެޒުއެލާގެ ވެރިކަން ބަދަލުކުރުމަށްޓަކައި އެ ގައުމަށް އަރައިގަނެ، ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކުރީ ވެސް ވެނެޒުއެލާގައިވާ ތެލާއި ގޭހާއި ލެތިޔަމް އަދި ޕްލެޓިނަމް ފަދަ ގުދްރަތީ ރިސޯސްތަކަށް އަތްގަދަކުރުމުގެ ބޭނުމުގައި ކަމަށް ތަހުލީލީ ރިޕޯޓްތައް ބުނެއެވެ.