ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ނުރައްކާ މިންވަރަކަށް ވައި ނުސާފުވެއްޖެ

ބިދޭސީއަކު މާސްކް އަޅައިގެން މަސައްކަތުގައި: މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައި ވަރަށް ނުސާފު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުޅި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު, ސިއްހަތަށް ނުރައްކާ މިންވަރަށް ވައި ނުސާފުވެފައިވާ ކަމަށް, ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

އާއްމުކޮށް ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު, އިރުއުތުރުން ވައި ޖެހޭނަމަ, އިންޑިއާ ސަރަހައްދުން އަންނަ ނުސާފު ވަޔާއެކު ރާއްޖޭގެ ޖަށްވުވެސް ނުސާފުވެއެވެ. އޭގެ ސަބަބުން ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ އިތުރުން ދުރުފެންނަ މިންވަރު ދަށަށް ދެއެވެ.

ވައި ސާފު މިންވަރު ބުނެދޭ, އައިކިޔުއެއާ އެޕުން ދައްކާ ގޮތުގައި، މިއަދު މާލެ ސަރަހައްދާއި ދ. އަތޮޅުގެ އިތުރުން ލ. އަތޮޅު ހިމެނޭހެން ބޮޑު ސަރަހައްދަކަށް ވައި ވަނީ ސިއްހަތަށް ނުރައްކާ މިންވަރަކަށް ނުސާފުވެފައެވެ. އެއީ "ރެޑް އެލާޓް" ލެވަލްއަށެވެ.

އަދި ރާއްޖޭގެ އެންމެ ދެކުނާއި ފުވައްމުލަކަށް ވައި ހުރީ އޮރެންޖް އެލާޓް ލެވަލްގައެވެ. އޭގެ މާނައަކީ ސިއްހީ ގޮތުން ނާޒުކު މީހުންނަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފެވެ.

އާދައިގެ މިންވަރަކަށް ނުވަތަ "މޮޑަރޭޓް" ލެވަލްއަކަށް ހުރީ އައްޑު އަތޮޅުގައި އެކަންޏެވެ.

ވައި ނުސާފުވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ސިއްހީ އިދާރާތަކުން އަބަދު ވެސް އިލްތިމާސްކުރެއެވެ. އެގޮތުން، ނުރައްކާތެރި ވަރަކަށް ވައި ނުސާފުވުމުން ނާޒުކު ހާލަތުގައިވާ މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ފާހަގަކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ނާޒުކު ހާލަތްތަކުގައިވާ މީހުން ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމާއި، ވައި ނުވަންނަހެން ދޮރުތައް ލައްޕާފައި ބެހެއްޓުމާއި، އެއާ ޕިއުރިފަޔާ ބޭނުންކުރުން ހިމެނެއެވެ.

އެޗްޕީއޭއިން ވަނީ ވައި ނުސާފު ވަގުތުތަކުގައި ނާޒުކު ހާލަތުގައިވާ މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލަން ވެސް އިލްތިމާސްކޮށްފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ, މެޓުގެ އޮފިޝަލަކު ކުރިން ވިދާޅުވިގޮތުގައި މިހާރު މިޖެހޭ ގޮތަށް ވައި ޖެހޭއިރު, ފަސޭހައިން ވައި ސާފުވާނީ ވަރަށް ބޯކޮށް ވާރޭވެހިގެން ކަމަށެވެ.

comment ކޮމެންޓް