މިދިޔަ މަހުގެ 19ގައި ސިނަމާތަކުގައި ރިލީޒްކުރި ހޮލީވުޑްގެ މަގުބޫލު ފެންޓަސީ ފިލްމު ފްރެންޗައިސް "އެވެޓާ"ގެ ތިން ވަނަ ފިލްމަށް 15 ދުވަހު ލިބުނު އާމްދަނީގެ އަދަދު 1 ބިލިއަން ޑޮލަރަށް އަރައިފިއެވެ.
މި އަދަދާ އެކު ޑައިރެކްޓަރު ޖޭމްސް ކެމެރަން ގެނެސްދިން ފިލްމު "އެވެޓާ: ފަޔަ އެންޑް އޭޝް" ވެފައި ވަނީ މިހާތަނަށް ބިލިއަނަކާ ގާތަށް ބޮކްސް އޮފީހުގައި އާމްދަނީ ހޯދި ޖޭމްސްގެ ހަތަރު ވަނަ ފިލްމަށެވެ.
ބޮކްސް އޮފީސް މޯޖޯއާ ހަވާލާދީ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ހަމައެކަނި ނޯތު އެމެރިކާއިން މި ފިލްމަށް ލިބުނު އާމްދަނީގެ އަދަދު 306 މިލިއަން ޑޮލަރަށް އަރާފައިވާއިރު އިންޓަނޭޝަނަލް މާކެޓްތަކުން ފިލްމަށް ލިބުނު އާމްދަނީގެ އަދަދު 777.1 މިލިއަން ޑޮލަރަށް އަރައެވެ.

ފިލްމު "އެވެޓާ: ފަޔަ އެންޑް އޭޝް"ގެ ޑައިރެކްޓަރު ޖޭމްސް ކެމެރަން--ފޮޓޯ/ޓެލެގްޜާފްއިންޑިއާ
ފިލްމު "އެވެޓާ: ފަޔަ އެންޑް އޭޝް" ވެފައި ވަނީ މިހާތަނަށް ހޮލީވުޑްއިން ގެނެސްދިން ފިލްމުތަކުގެތެރެއިން އެންމެ ހަލުވިކަމާ އެކު އެއް ބިލިއަން ޑޮލަރުގެ އާމްދަނީ ކަޑައްތުކުރި 8 ވަނަ ފިލްމަށެވެ.
ހަމައެއާއެކު ޑައިރެކްޓަރު ކެމެރަން ވެފައި ވަނީ އެންމެ ހަލުވިކަމާ އެކު 1 ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދި ހަތަރު ފިލްމު އޮތް ހަމައެކަނި ހޮލީވުޑް ޑައިރެކްޓަރަށެވެ. އޭގެތެރޭގައި "ޓައިޓޭނިކް"، "އެވެޓާ" އަދި އެވެޓާ: ދަ ވެއި އޮފް ވޯޓަ" ހިމެނެއެވެ.
ފިލްމު "އެވެޓާ"ގެ ތިން ވަނަ ބައިގެ ވާހަކަ ބިނާކޮށްފައި ވަނީ ދޮށީ ދަރިފުޅު ނެތެޔަމްގެ މަރަށްފަހު އެ ހިތާމައިގައި އުޅެނިކޮށް ޖޭކް އާއި ނޭތުރީ ޕެންޑޯރާގެ އެހެން ގަބީލާއަކާ އެކު ކުރާ ހަނގުރާމައިގެ މައްޗަށެވެ. އެއީ އެމީހުންގެ ހަތިޔާރަކަށް އަލިފާން ގެންގުޅޭ ބައެކެވެ.
އެހެންވެ ފިލްމުގެ ނަން ވެސް ގުޅުވާފައި ވަނީ އެ ތީމާ އެއްގޮތަށެވެ. މި ފްރެންޗައިސްގެ ތިން ވަނަ ފިލްމު މި އަހަރު ރިލީޒްކޮށްފައި ވާއިރު ހަތަރު ވަނަ ފިލްމު ގެނެސްދެނީ 2027ގައެވެ. އަދި ފަސްވަނަ ފިލްމު ގެނެސްދެނީ 2029ގައެވެ.