ރަންވީރުގެ ފިލްމަށް އާލިއާއެއް ނޫން، 'ލޮކާ'ގެ ބަތަލާ ކަލްޔާނީ؟

ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގް އަދި ސައުތު ބަތަލާ ކަލްޔާނީ ޕްރިޔާދަރުޝަން--ފޮޓޯ/ފިލްމުފެއަ

މި އަހަރުތެރޭ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ އެކްޓަރު ރަންވީރު ސިންގްގެ ފިލްމު "ޕްރަލޭ"ގެ ބަތަލާގެ ރޯލަށް ކާމިޔާބު ފިލްމު "ލޮކާ ޗެޕްޓަ 1: ޗަންދްރާ"ގެ ތަރި ކަލްޔާނީ ޕްރިޔާދަރުޝަން ގެނައުމުގެ މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރަންވީރު ލީޑް ރޯލްއިން ފެންނާނެ ފިލްމު "ޕްރަލޭ"އަކީ މަޝްހޫރު ޑައިރެކްޓަރު ހަންސަލް މެހެތާގެ ދަރިފުޅު ޖޭ މެހެތާ ޑައިރެކްޓްކޮށް ގެނެސްދޭ ޒޮމްބީ ފިލްމެކެވެ.

މީޑިއާތަކުން ބުނެފައިވާ ގޮތުގައި "ޕްރަލޭ"ގެ ބަތަލާގެ ރޯލަކީ ވަރަށް ވަރުގަދަ ރޯލެއް ކަމަށާއި އެ ރޯލަށް ބޭނުންވަނީ މީގެކުރިންވެސް ސުޕަހީރޯ ކެރެކްޓާއަކުން ފެނިފައިވާ ބަތަލާއެއް ކަމަށެވެ.

ބެލުންތެރިންގެ ތަރުހީބުގެ އިތުރުން ބޮކްސް އޮފީހުގައި ވެސް ވަރަށް ރަނގަޅު ކާމިޔާބީއެއް ހޯދި މަޅަޔާލަމް ފިލްމު "ލޮކާ"ގައި ބަތަލާ ކަލްޔާނީ ކުޅުނު ކެރެކްޓާއަކީ މިހާތަނަށް އިންޑިއާގެ ފިލްމަކުން އަންހެން ތަރިއަކު ސުޕަހީރޯއެއްގެ ގޮތުގައި ގެނެސްދިން ފުރަތަމަ ކެރެކްޓާ ކަމަށް މީޑިއާތަކުން ވަނީ ބުނެފައެވެ.

މަޅަޔާމަލް ފިލްމު "ލޮކާ"ގެ ބަތަލާ ކަލްޔާނީ--ފޮޓޯ/ޕިންކްވިލާ

ފިލްމު "ޕްރަލޭ"ގެ ރޯލް ބަތަލާ އާލިއާ ބަޓަށް ހުށަހަޅާފައިވާ ކަމަށް ވެސް ބައެއް މީޑިއާތަކުން މިދިޔަ މަހުތެރޭ ވަނީ ބުނެފައެވެ. އެހެންނަމަވެސް ފަހުގެ ޚަބަރުތައް ބުނާގޮތުން ޖެއި މެހެތާ ވަނީ މި ފިލްމުގެ ބަތަލާގެ ރޯލަށް ކަލްޔާނީ ގެންނަން ނިންމާފައެވެ.

މިއީ ޖޭ މެހެތާ އަލަށް ޑައިރެކްޝަނަށް ނުކުންނަ ކެރިއަރުގެ ފުރަތަމަ ފިލްމަށް ވެފައި ފިލްމުގެ ހުރިހާ ނިންމުންތައް ވެސް ނިންމާނީ ވަރަށް ރަނގަޅަށް ވިސްނުމަށްފަހު ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ފިލްމުގެ ޓީމާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ "ޕްރަލޭ"ގެ މަސައްކަތް މި އަހަރުގެ އޭޕްރިލް މަހު ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ. މި ފިލްމަކީ އެންމެ ފަހުން ރިލީޒްވި ރަންވީރުގެ ކާމިޔާބު ފިލްމު "ދުރަންދަރު"އަށްފަހު އެކްޓަރު މަސައްކަތް ފަށާނެ ފުރަތަމަ ފިލްމެވެ.

comment ކޮމެންޓް