ފިލްމު 'ދުރަންދަރު'ގެ އަމިއްލަ ވާޝަނެއް އުފެއްދުމަށް ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާ ޕާކިސްތާނަށް ގޮވާލައިފި

ފިލްމު "ދުރަންދަރު: ދަ ރިވެންޖް"ގެ މަންޒަރެއްގައި ރަންވީރު ސިންގް އަދި ފިލްމު ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާ--ފޮޓޯ/ހިންދުންސްތާންޓައިމްސް

މިދިޔަ ބުރާސްފަތި ދުވަހު ރިލީޒްކުރި ފިލްމު "ދުރަންދަރު 2"އަށް ފާޑުކިޔާ ޕާކިސްތާނު މީހުން އެ ނަމުގައި އަމިއްލަ ވާޝަންގެ ފިލްމެއް އުފައްދަން ބޮލީވުޑްގެ ފިލްމު ޑައިރެކްޓަރު ރާމް ގޯޕާލް ވަރުމާ ޕާކިސްތާނަށް ގޮވާލައިފިއެވެ.

ރާމް ގޯޕާލް ވަރުމާ، "ދުރަންދަރު: ދަ ރިވެންޖް"ގެ އަމިއްލަ ވާޝަނެއް އުފެއްދުމަށް ޕާކިސްތާނަށް ގޮވާލާފައި މި ވަނީ އެ ފިލްމަށް އަމާޒުކޮށް އެއީ ވަކި ފަރާތަކަށް ޖެހިފައިވާ (ޕްރޮޕެގަންޑާ) ފިލްމެއް ކަމަށް ބުނެ ކުރިމަތިވި ފާޑުކިޔުންތަކަށް ރައްދު ދެމުންނެވެ. އެހެންކަމުން ފިލްމުގެ ވާހަކައާ މެދު ސުވާލު އުފައްދާ ޕާކިސްތާނާ އެއްކޮޅަށް ވާހަކަ ދައްކާ އަދި އެ ޤައުމަށް ނިސްބަތްވާ މީހުންވެސް "ދުރަންދަރު: ދަ ޓްރުތު"ގެ ނަމުގައި އަމިއްލަ ފިލްމެއް އުފެއްދުން މާ ރަނގަޅުވާނެ ކަމަށް ވަރުމާ ވަނީ އެކްސްގައި ކުރި ޕޯސްޓެއްގައި ގޮވާލާފައެވެ.

" "ދުރަންދަރު 2" އަކީ ދޮގުން ފުރިގެންވާ ޕްރޮޕެގަންޑާ ފިލްމެއް ކަމަށް ބުނާ ޕާކިސްތާނުގެ މީހުންނަށް އަހަރެންގެ ވަރަށް މޮޅު ޚިޔާލެއް އެބައޮތް. އެމީހުންގެ އަމިއްލަ 'އަދިތްޔަ ދާރް'އެއް ހޯދައިގެން "ދުރަންދަރު: ދަ ޓްރުތު" އުފައްދަންވީ ނޫން ހެއްޔެވެ؟" އެކްސްގައި ކުރި ޕޯސްޓުގައި ރާމް ގޯޕާލް ވަރުމާ ބުނެފައިވެއެވެ.

ވަރުމާގެ މި ބަހުގެ ހަމަލާ އައީ، ނާޒުކު މައުޟޫއުތަކެއް ފިލްމުގައި ދައްކުވައިދީފައިވާ ގޮތާ މެދު އުފެދިފައިވާ ދެބަސްވުންތަކުގެ ތެރެއިންނެވެ. ޚާއްޞަކޮށް އަވަށްޓެރި ޕާކިސްތާނުގެ ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާއިރު، ވަރުމާ ވަނީ އެ ފާޑުކިޔުންތަކަށް ފަރުވާލެއް ނެތްކަން ހާމަކޮށް، ފިލްމީ އުފެއްދުންތެރިކަމުގެ ތެރެއިން އެކަމަށް ރައްދު ދިނުމަށް ހިތްވަރު ދީފައެވެ.

"ދުރަންދަރު: ދަ ރިވެންޖް"ގެ ޕެއިޑް ޕްރީމިއަ ޝޯތައް ބަލާލަން ބަޔަކު މީހުން ސިނަމާ ހޯލްގެ ބޭރުގައި ކިއު ހަދާފައި--ފޮޓޯ/ހިންދުންސްތާންޓައިމްސް

މިއީ މި ފިލްމާ ގުޅޭގޮތުން ވަރުމާ ވަރުގަދަ ބަހުގެ ހަމަލާއެއް ދިން ފުރަތަމަ ފަހަރެއް ނޫނެވެ. ފިލްމު ރިލީޒްކުރި ދުވަހުން ފެށިގެން އޭނާ ދަނީ ފިލްމަށް ތާއީދުކޮށް، މިއީ އިންޑިއާގެ ސިނަމާއަށް ޑައިރެކްޓަރު އަދިތިޔަ ދާރު ގެނައި ވަރަށް ވަރުގަދަ އިންގިލާބެއް ކަމަށް ބުނަމުންނެވެ.

ހަމައެއާއެކު މި ފިލްމަކީ އިންޑިއާގެ ސިނަމާގެ "ރީސެޓް ބަޓަން" ކަމަށް ވެސް އޭނާ ވަނީ މީގެކުރިން ސިފަކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ފިލްމު އުފައްދާ ފަރާތްތަކުން މި ފިލްމު މިންގަނޑަކަށް ބަލަންޖެހޭނެ ކަމަށާއި، މި ބަދަލާ އެއްގޮތަށް ކުރިއަށް ނުދާ މީހުން ފަސްޖެހި ބާކީވާނެ ކަމަށް ވަރަށް ވަރުގަދަ އެކްޝަން ތުރިލާތަކެއް ޑައިރެކްޓްކޮށްފައިވާ ވަރުމާ ވަނީ ބުނެފައެވެ.

މީގެ އިތުރުން، "ޝޯލޭ" އާއި "މުގަލޭ އައުޒަމް" ފަދަ މަޝްހޫރު ފިލްމުތަކާ އަޅާބަލާއިރު ވެސް މި ފިލްމު މާ ފުރިހަމަވާނެ ކަމަށް އޭނާ ވަނީ ދައުވާކޮށްފައެވެ.

އަދިތްޔަ ދާރް ޑައިރެކްޓްކޮށް، ރަންވީރު ސިންގް މުހިންމު ރޯލެއް ކުޅެފައިވާ "ދުރަންދަރު: ދަ ރިވެންޖް"އަށް ގިނަ ބައެއްގެ ސަމާލުކަން ލިބެމުންދަނީ އޭގެ ސިޔާސީ ގޮތުން ނުފޫޒުގަދަ ވާހަކަތަކެއް ހިމަނައި އެ ވާހަކަތައް ގެނެސްދީފައިވާލެއް ފުރިހަމަކަމުންނެވެ.

ފިލްމު "ދުރަންދަރު: ދަ ރިވެންޖް" ރިލީޒްކުރިތާ އިއްޔެ ހަފްތާއެއްވެފައިވާއިރު ފިލްމުގެ އަޑު އަދިވެސް ދަނީ ގަދަވަމުންނެވެ. މިހާތަނަށް ބޮކްސް އޮފީހުގައި މި ފިލްމަށް 942.03 ކްރޯޑު ރުޕީސްގެ އާމްދަނީ ލިބިފައިވާއިރު މި ފިލްމު އުފައްދާފައި ވަނީ 300-250 ކްރޯޑު ރުޕީސްގެ ބަޖެޓަކުންނެވެ.

މީގެއިތުރުން މި ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހު ވެސް ފިލްމު ވަނީ ބޮކްސް އޮފީހުގެ 100 ކްރޯޑު ކްލަބުން ޖާގަ ހޯދައި ރެކޯޑެއް ޤާއިމުކޮށްފައެވެ.

comment ކޮމެންޓް