އާސަންދައިން އޮޅުވާލައިގެން ބޭސް ނަގާ މީހެއްގެ މައްސަލަ ކަމާ ބެހޭ އިދާރާތަކަށް ރިޕޯޓު ކުރުމުން ވެސް ނުހުއްޓުވި، އެ މީހާ އެއް ލައްކަ ރުފިޔާއަށް ވުރެ އަގު ބޮޑު ބޭސް ނެގި މައްސަލައެއް އޮޑިޓާ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.
އޮޑިޓް އޮފީހުން ނެރުނު، އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމުގެ އޮޑިޓުގައި ވަނީ، އޮޅުވާލައިގެން، އެހެން މީހުންގެ ނަމުގައި ބޭސް ނަގާ ކަމުގެ ޝަކުވާ އާސަންދައަށް ހުށަހަޅައިފައިވީ ނަމަވެސް، އެ ކުންފުނިން އެކަށީގެންވާ ފިޔަވަޅު އަޅައިފައި ނުވާ ކަމަށެވެ. އެގޮތަށް 175،174 ރުފިޔާގެ ބޭސް އެކި މީހުން، އެހެން މީހުންގެ ނަމުގައި ނަގައިފައިވާ ކަމަށް އޮޑިޓް ސާމްޕަލްގެ ގޮތުގައި ބަލައިފައިވާ ކޭސްތަކުން ފާހަގަވި ކަމަށް އެ ރިޕޯޓުގައިވެއެވެ.
އޮޑިޓް އޮފީހުން ވަނީ، ބޭސް ސިޓީ ފޯޖުކޮށް، ތަކުރާރުކޮށް އެއް ބޭސްތަކެއް އެކި ޑޮކްޓަރުން ލައްވައި ލިޔެ، ބޭސް ނަގައި އޭގެ ވިޔަފާރި ކުރުމާ ގުޅޭ ކޭސް ސްޓަޑީއެއް ހަދައިފައެވެ. އެ މައްސަލައިގައި ތުހުމަތުވާ މީހާ، ފެބްރުވަރީ 20، 2023ގައި ބޭސް ސިޓީ ފޯޖުކޮށްގެން ބޭސް ސިޓީ އާކުރަން ދިޔަ މައްސަލައެއް، މާލޭގެ ހޮސްޕިޓަލަކުން އާސަންދައަށް ރިޕޯޓުކުރި ކަމަށް އެ މައުލޫމާތުގައިވެއެވެ.
އޭގެ ޖެހިގެން އައި ދުވަހު ވެސް އެ މީހާ، އޭނާގެ ބައްޕަގެ ނަމުގައި އޮޅުވާލައިގެން ބޭސް ނަގަމުންދާ މައްސަލައެއް އާސަންދަ ކުންފުންޏަށް ރިޕޯޓުކޮށްފައިވާ ކަމަށް އޮޑިޓުން ހާމަވިއެވެ. އޭނާގެ ބައްޕަ ދިރިއުޅެމުން ދަނީ މާލޭގައި ނޫން ކަމާއި، 2021އިން ފެށިގެން މާލެއަށް ޑޮކްޓަރަކަށް ދައްކައިފައި ނުވާ ކަމަށް ރިޕޯޓުގައިވެއެވެ. ނަމަވެސް، އެ ބައްޕަގެ ނަން މަތީގައި މާލޭގެ އެކި ފާމަސީތަކުން ބޭސް ނަގަމުންދާ ކަމަށާއި އެ މީހާއަކީ މަސްތުވާތަކެތި ބޭނުންކުރުމުގެ ރެކޯޑު އޮތް މީހެއް ކަމަށް ބުނެ، އާސަންދައަށް ރިޕޯޓުކޮށްފައިވެއެވެ.
އެހެންނަމަވެސް، އެދެވޭ ހައްލެއް ނުލިބި، މާލޭގެ އެކި ފާމަސީތަކުން އޭނާގެ ބައްޕަގެ ނަމުގައި ބޭސް ނަގަމުންދާތީ، ޖުލައި 2، 2023ގައި އަނެއްކާ އާސަންދައަށް ޝަކުވާއެއް ރިޕޯޓުކޮށްފައިވެއެވެ.
އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެ މައްސަލަ އެ އަހަރުގެ ޑިސެންބަރު މަހުގެ 19 ވަނަ ދުވަހު ފުލުހަށް ހުށަހަޅައިފައިވާ ކަމަށް އާސަންދައިން ވަނީ މައުލޫމާތު ދީފައެވެ. ނަމަވެސް، ފެބްރުވަރީ 21، 2023އިން ފެށިގެން ޖެހިގެން އައި އަހަރުގެ އޭޕްރިލް 30ގެ ނިޔަލަށް އެ މީހާ އޭނާގެ ބައްޕަގެ ނަން މަތީގައި މާލޭ ހޮސްޕިޓަލްތަކަށް ދައްކައިގެން 112،586 ރުފިޔާގެ ބޭސް ނަގައިފައިވާ ކަމަށް އޮޑިޓުން ދައްކައެވެ.
ބޭސް ޑިސްޓްރިބިއުޝަން ސެންޓަރެއްގައި މުވައްޒަފުން: ފުލުހަށް ރިޕޯޓު ކުރުމުން ވެސް ނުހުއްޓުވި، އޮޅުވާލައިގެން އެއް ލައްކަ ރުފިޔާގެ ބޭސް ނެގި މައްސަލައެއް އޮޑިޓުން ވަނީ ހާމަކޮށްފައި -- ސަން ފޮޓޯ: ފަޔާޒު މޫސާ
އެ އަދަދަކީ، އެ މުއްދަތުގައި އޭނާގެ ބައްޕަ ދިރިއުޅޭ ރަށުން ނަގައިފައިވާ ބޭހާ އަޅައިބަލާއިރު ހަތަރު ގުނަ އިތުރު އަދަދެއްކަން އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ފުލުހަށް މައްސަލަ ހުށަހެޅި ތާރީޚުގެ ފަހުން ވެސް އެ މީހާގެ ބައްޕަ ދިރިއުޅޭ ރަށް އަދި މާލޭ ހޮސްޕިޓަލުން އޮންލައިން ކޮންސަލްޓޭޝަން ނޫން ގޮތަށް ރާއްޖޭގެ ދެ ހިސާބެއްގައި ހުރެގެން އެއް ތާރީޚެއްގައި ޑޮކްޓަރަށް ދައްކައި ބޭސް ނަގައިފައިވާކަން ފާހަގަކުރެވުނު ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.
އެ މައްސަލަތަކާ ގުޅުވައި އޮޑިޓް އޮފީހުން ދިން ލަފާގައި ވަނީ، އާސަންދަ ނަހަމަ ގޮތުގައި ބޭނުން ކުރުން ހުއްޓުވުމުގެ ގޮތުން، ސްކީމުގެ ކޮންޓްރޯލްތައް ވަރުގަދަ ކުރުމަށާއި ސްކީމުގެ ހިންގުން ހަރުދަނާ ކުރުމަށް ސިޔާސަތުތައް އެކުލަވައިލައި އަމަލު ކުރުމަށް އިލްތިމާސްކޮށްފައެވެ.
އޮޑިޓް ރިޕޯޓުގައިވަނީ އާސަންދައިގެ ޚަރަދުތައް އަހަރުން އަހަރަށް އިތުރުވަމުން އަންނަކަން ފާހަގަކޮށްފައެވެ. އެގޮތުން، 2019އިން 2024އަށް ޖުމުލަ 16.1 ބިލިއަން ރުފިޔާ ސްކީމަށް ޚަރަދު ކޮށްފައިވާއިރު އެއީ އެވަރެޖުކޮށް އަހަރަކަށް 2.68 ބިލިއަން ރުފިޔާ ކަމަށް އޮޑިޓް އޮފީހުން ފާހަގަކުރިއެވެ.
އެ އޮފީހުން ވަނީ، ބޭސްފަރުވާގެ ޚިދުމަތް ހޯދާ މީހުންގެ އަދަދު އިތުރުވި ނިސްބަތަށްވުރެ ސްކީމުގެ ޚަރަދު އިތުރުވެފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން، 2019އިން 2023އަށް ސްކީމުން ޚިދުމަތް ހޯދި މީހުންގެ އަދަދު ހަތް ޕަސެންޓަށް އިތުރުވެފައިވާއިރު، ސްކީމުގެ ޚަރަދުތައް 32 ޕަސެންޓް އިތުރުވެފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.
އާސަންދައިން ކުރާ ހޭދައިގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބޭހަށް ކުރާ ހޭދަ ކަމަށްވާއިރު، އެވަރެޖުކޮށް އަހަރަކު 924 މިލިއަން ރުފިޔާ ބޭހަށް ޚަރަދުކޮށްފައިވާ ކަމާއި، އެ ޚަރަދު އަހަރަކު ހަތް ޕަސެންޓަށް އިތުރުވަމުންދާ ކަމަށް ރިޕޯޓުގައިވެއެވެ.
އާސަންދަ ހިންގަނީ ދެމެހެއްޓެނިވި ގޮތެއްގައި ނޫން ކަމަށް ބުނެ، ބޭރުގެ އިދާރާތަކުން ވެސް މީގެ ކުރިން ވަނީ އެ ނިޒާމު އިސްލާހު ކުރުމަށް ގޮވާލައިފައެވެ.