ދައުލަތުގެ ސިއްހީ އިންޝުއަރެންސް ސްކީމުން ފަސް އަހަރުތެރޭ ޚިދުމަތް ހޯދި މީހުންގެ އަދަދު އިތުރުވީ ހަތް ޕަސެންޓަށް ނަމަވެސް، އެ މުއްދަތުގައި ޚަރަދަށް 32 ޕަސެންޓް އިތުރުވެފައިވާ ކަމަށް، އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
އާސަންދައިން ކުރާ ހޭދަތައް ހިމެނޭ އޮޑިޓް ރިޕޯޓުގައި ވަނީ، ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމާއި ބޭސްފަރުވާއަށް ދައުލަތުން ކުރާ ހޭދައިގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ސަރުކާރު ހޮސްޕިޓަލްތައް ހިންގުމަށް ކުރާ ޚަރަދާއި އާސަންދަ ސްކީމުން ކުރާ ޚަރަދާއި ސްކީމުގެ ބޭރުން ބެސްފަރުވާއަށް ކުރާ ޚަރަދު ކަމަށެވެ. އެގޮތުން 2019އިން 2024އަށް 35.8 ބިލިއަން ރުފިޔާ ބޭސްފަރުވާއަށް ހޭދަކޮށްފައިވާއިރު، އެއީ އެވަރެޖުކޮށް އަހަރަކަށް 5.97 ބިލިއަން ރުފިޔާކަން ރިޕޯޓުގައިވެއެވެ.
އެ ރިޕޯޓުގައިވަނީ ސަރުކާރު ހޮސްޕިޓަލްތަކަށް ދައުލަތުން ކުރާ ހޭދަ ފިޔަވައި ދައުލަތުގެ ބަޖެޓުން އެންމެ ބޮޑު ހޭދައެއް ކުރަމުން އަންނަނީ އާސަންދަ ސްކީމަށް ކަމަށެވެ. އެގޮތުން، 2019އިން 2024އަށް ޖުމުލަ 16.1 ބިލިއަން ރުފިޔާ ސްކީމަށް ޚަރަދު ކޮށްފައިވާއިރު އެއީ އެވަރެޖުކޮށް އަހަރަކަށް 2.68 ބިލިއަން ރުފިޔާ ކަމަށް އޮޑިޓް އޮފީހުން ފާހަގަކުރިއެވެ.
އެ އޮފީހުން ވަނީ، ބޭސްފަރުވާގެ ޚިދުމަތް ހޯދާ މީހުންގެ އަދަދު އިތުރުވި ނިސްބަތަށްވުރެ ސްކީމުގެ ޚަރަދު އިތުރުވެފައިވާކަން ފާހަގަކޮށްފައެވެ. އެގޮތުން، 2019އިން 2023އަށް ސްކީމުން ޚިދުމަތް ހޯދި މީހުންގެ އަދަދު ހަތް ޕަސެންޓަށް އިތުރުވެފައިވާއިރު، ސްކީމުގެ ޚަރަދުތައް 32 ޕަސެންޓް އިތުރުވެފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

އައިޖީއެމްއެޗް ކުރިމަތި: ސިއްހީ ފަރުވާއަށް އެހީ ހޯދި މީހުންގެ އަދަދު 7 ޕަސެންޓް އިތުރުވީއިރު، ޚަރަދަށް 32 ޕަސެންޓް ވަނީ އިތުރުވެފައި -- ފޮޓޯ/ މާނިއު މުހައްމަދު
އާސަންދައިން ކުރާ ހޭދައިގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ބޭހަށް ކުރާ ހޭދަ ކަމަށްވާއިރު، އެވަރެޖުކޮށް އަހަރަކު 924 މިލިއަން ރުފިޔާ ބޭހަށް ޚަރަދުކޮށްފައިވާ ކަމާއި، އެ ޚަރަދު އަހަރަކު ހަތް ޕަސެންޓަށް އިތުރުވަމުންދާ ކަމަށް ރިޕޯޓުގައިވެއެވެ.
އެ އިތުރުވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ބޭހުގެ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރުޕީ) ތަންފީޒުނުކުރެވި، ބޭހުގެ އަގު ކޮންޓްރޯލް ނުކުރެވުމާއި ސްކީމުން ވިއްކާ ބޭހުގެ އަގު ކަނޑައެޅުމުގައި އެމްއާރުޕީ ގަވައިދަށް އަމަލުކޮށްފައި ނުވުމާއި، ސްކީމަށް އަލަށް ބޭސް އިތުރު ކުރުން ކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.
މީގެ އިތުރުން ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލްތަކަށް 2019އިން 2024ގެ ނިޔަލަށް އާސަންދަށް ސްކީމުން 3.1 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު، އެ މުއްދަތުގައި ކްލިނިކްތަކަށް 779.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ކްލިނިކްތަކަށް ކުރާ ޚަރަދަކީ ސްކީމުގެ ޖުމްލަ ޚަރަދުގެ ކުޑަ އިންސައްތައެއް ނަމަވެސް، އެ ޚަރަދު ވެސް އަހަރަކު 18 ޕަސެންޓް އިތުރުވަމުން އަންނަ ކަމަށް ކަމަށް އޮޑިޓުގައިވެއެވެ. ނަމަވެސް ދެމެހެއްޓެނިވި ގޮތެއްގައި އެ ޚަރަދު ހިފެހެއްޓުމަށް އެކަށީގެންވާ ފިޔަވަޅު އަޅައިފައި ނުވާ ކަމަށް އޮޑިޓް އޮފީހުން ބުނެފައިވެއެވެ.
އެ މައްސަލަތައް ހައްލުކުރަން އޮޑިޓް އޮފީހުން ދިން ލަފާތަކުގެ ތެރޭގައި، ބޭހުގެ މަތީ އަގު ނުވަތަ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްޕީއާރު) ކަނޑައެޅުމާއި ތަންފީޒުކުރުމުގެ ގަވައިދަށް އަމަލުކުރުން ހިމެނެއެވެ. އަދި އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ ގާނޫނު ތަންފީޒުކޮށް، ގާނޫނުގެ ދަށުން އެކުލަވާލައިފައިވާ ގަވައިދުތައް ތަންފީޒު ކުރަމުންދޭތޯ ބަަލަމުން ދިޔުމަށާއި އާސަންދަ ސްކީމުގެ ސިޔާސަތުތައް ކަނޑައަޅައި، ސްކީމު ހިނގަމުންދަނީ ދެމެހެއްޓެނިވި ގޮތެއްގައި ބެލުމަށް ލަފާދީފައިވެއެވެ.

އާސަންދަ ކައުންޓަރު: އާސަންދައަށް ކުރާ ހޭދަ އަންނަނީ އިތުރުވަމުން -- ފޮޓޯ/ އާސަންދަ
އޭގެ އިތުރުން، ފަރުވާ ހޯދާ މީހުންގެ ފަރުދީ ޒިންމާ އިތުރުކުރުމަށާއި ސްކީމުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ރާއްޖެއިން ބޭރުން ހޯދާ ފަރުވާއަށް ކޯޕޭމެންޓް ސިސްޓަމެއް ތައާރަފުކުރުމަށް އޮޑިޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގާނޫނުގައި އޮތް ގޮތަށް ސްކީމް ހިންގުމަށާއި، ސިއްހީ ޚިދުމަތް ހޯދުމަށް އެހީ ބޭނުންވާ ހާލަތްތަކުގައި އެ މީހުންނަށް އަމާޒުކޮށްގެން "ޓާގެޓެޑް" ސަބްސިޑީ ތައާރަފުކޮށް، މެޑިކަލް ވެލްފެއާ އުސޫލަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.
އާސަންދައަށް ކޮންމެ އަހަރަކު ވެސް ކަނޑައަޅާ ބަޖެޓަށް ވުރެ އިތުރަށް ޚަރަދުކުރަމުން އަންނައިރު، އާސަންދައާއި ސަބްސިޑީގެ ނިޒާމު ހިންގަނީ ދައުލަތަށް ބުރަ ބޮޑުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ނޫން ކަމަށް ކަމާ ގުޅޭ އިދާރާތަކުން މީގެ ކުރިން ވެސް ބުނެފައިވެއެވެ.
މިދިޔަ އަހަރު ވެސް ބަޖެޓުގައި ޖެހި 1.8 ބިލިއަން ރުފިޔާއަށްވުރެ އިތުރަށް އެތައް މިލިއަން ރުފިޔާއެއް ހޭދަކުރިއެވެ. މިދިޔަ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހާ ހަމައަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި އެ މުއްދަތުގައި އާސަންދައަށް ދެ ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި، މެޑިކަލް ވެލްފެއާގެ ގޮތުގައި 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރިއިރު، ސަބްސިޑީއަށް ވެސް 3.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
މި އަހަރުގެ ބަޖެޓު ޚާއްސަކޮށްފައިވަނީ ސިއްހީ ދާއިރާއަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާއިރު، މި އަހަރު އާސަންދައަށް އެ ދާއިރާއަށް އަންނަ އަހަރުގެ ބަޖެޓުން 8.8 ބިލިއަން ރުފިޔާ ކަނޑައަޅައިފައިވެއެވެ.