ހުރިހާ އެންމެންނަށް އެއް ހަމައަކުން ބޭސް ފަރުވާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި ހަމައެކަނި ބޭނުންޖެހިފައިވާ ފަރާތްތަކަށް އެ އެހީތެރިކަން ފޯރުކޮށްދޭން އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމްގެ ޕާފޯމަންސް އޮޑިޓް ރިޕޯޓުގައި މިއަދު ލަފާ ދީފިއެވެ.
އާސަންދައާއި އެންސްޕާއިން ބޭސް ފަރުވާއަށް ކޮންމެ އަހަރަކު ވެސް ބޮޑު ހޭދައެއް ކުރަންޖެހެއެވެ.
އެ ފަދަ އެހީތައް ހަމައެކަނި ބޭނުންޖެހިފައިވާ މީހުންނަށް ދޭން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް މީގެ ކުރިން ދިވެހިރާއްޖެއަށް ލަފާ ދީފައިވެއެވެ. އެކަމަކު، އެ ބަދަލުތައް ސަރުކާރުން ގެނެސްފައެއް ނުވެއެވެ.
އޮޑިޓް އޮފީހުން މިއަދު އާންމުކުރި 2019 އިން 2024އަށް އާސަންދައާއި އެންސްޕާގެ ޕާފޯމަންސާ ބެހޭ އޮޑިޓުން އެނގޭ ގޮތުގައި އެ މުއްދަތުގައި ބޭސް ފަރުވާއަށް 35.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެއީ އެވްރެޖްކޮށް އަހަރަކު 5.9 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 16 ބިލިއަން ރުފިޔާއަކީ އާސަންދަ ސްކީމަށް ކުރި ޚަރަދެވެ.
އޮޑިޓް ރިޕޯޓުގައި ވާގޮތުން އެ މުއްދަތުގައި ސްކީމުން ކުރި ޚަރަދު 32 އިންސައްތަ އިތުރުވިއިރު ޚިދުމަތް ހޯދި މީހުންގެ އަދަދުން އިތުރުވީ އެންމެ ހަތް އިންސައްތައެވެ.
އެހެންވެ، ބައެއް އިސްލާހީ ފިޔަވަޅުތައް އަޅަން އޮޑިޓް ރިޕޯޓުގައި ވަނީ ލަފާދީފައެވެ. އެ ގޮތުން، ސިއްހީ ޚިދުމަތް ހޯދަން ދައުލަތުގެ އެހީތެރިކަން ބޭނުންވާ ހާލަތުގައިވާ މީހުންނަށް އެކަނި އަމާޒުކޮށްގެން ޓާގެޓެޑް ސަބްސިޑީގެ ނިޒާމެއް ތައާރަފުކުރަން ވަނީ ލަފާދީފައެވެ. އަދި، އެންމެ ބޮޑުކޮށް ބޭސް ވިއްކޭނެ އަގުތަކެއް ކަނޑައެޅުމަށާއި ރާއްޖޭން ބޭރުން ފަރުވާ ހޯދާ މީހުންގެ އަތުން ކޮންމެ ވެސް އަދަދެއްގެ ފައިސާ ނެގޭނެ ކޯ ޕޭމަންޓް ނިޒާމެއް ތައާރަފުކުރަން ވެސް ވަނީ ލަފާ ދީފައެވެ.
މީގެ އިތުރުން، ދިގު މުއްދަތެއްގައި ސިއްހީ ދުޅަހެޔޮކަން ކަށަވަރުކުރަން ޕްރިވެންޓިވް ހެލްތު ކެއާ ނުވަތަ ބަލިވުމުގެ ކުރިން ރައްކާތެރިވާން މަސައްކަތްކުރަން ވެސް ވަނީ ލަފާ ދީފައެވެ.
އާސަންދައާއި އެންސްޕާއިން އެހީއަށް ބޮޑު ހޭދައެއް ކޮންމެ އަހަރަކު ވެސް ކުރެއެވެ. އެ ގޮތުން، މިދިޔަ އަހަރު ވެސް ބަޖެޓުގައި ޖެހި 1.8 ބިލިއަން ރުފިޔާއަށްވުރެ އިތުރަށް އެތައް މިލިއަން ރުފިޔާއެއް ހޭދަކުރިއެވެ. މިދިޔަ ޑިސެންބަރު މަހުގެ 18 ވަނަ ދުވަހާ ހަމައަށް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި އެ މުއްދަތުގައި އާސަންދައަށް ދެ ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި، މެޑިކަލް ވެލްފެއާގެ ގޮތުގައި 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރިއިރު، ސަބްސިޑީއަށް ވެސް 3.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
ދަރަނީގެ މައްސަލަތައް ބޮޑުވެ، ސަބްސިޑީއާއި ބޭސް ފަރުވާގެ އެހީ ޓާގެޓްކޮށްގެން ނިކަމެތިންނަށް އެކަނި ދޭން ބޭރުގެ މާލީ އިދާރާތަކުން ވެސް ލަފާދެމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ.
އެކަމަކު، އެ ފިޔަވަޅުތައް ތަންފީޒުކުރަން ރާވާފައި، ސަރުކާރުން ފަހުުން ނިންމުން ބަދަލުކުރީއެވެ.
ދަރަނީގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު، މި އަހަރު އެކަނި ވެސް ރާއްޖޭން އެއް ބިލިއަން ޑޮލަރު ދަރަންޏަށް ދައްކަންޖެހެއެވެ. އޭގެ ތެރޭގައި އެއް ފަހަރާ ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ވެސް ހިމެނެއެވެ. އެ ކަންބޮޑުވުންތަކުގެ ސަބަބުން ބޭރުގެ ކްރެޑިޓް ރޭޓިންތަކުން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން ވެސް ވަނީ 'ޖަންކް' ރޭޓިންއަކަށް ބަދަލުކޮށްފައެވެ. އެހެންވެ، ބޭރުގެ އެހީއާއި ހެޔޮ އަގުގައި ދަރަނި ހޯދަން ދަތިވާނެއެވެ.
އެކަމަކު، ސަރުކާރުން ވަނީ ވަގުތުގައި ދަރަނިތައް ދެއްކޭނެކަމުގެ ޔަގީންކަން ދީފައެވެ.