މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ދިވެހި ދައުލަތުން, މި އަހަރު ސަބްސިޑީ އާއި އެހެނިހެން އެހީތަކަށް ދެ ބިލިއަނަށް ވުރެން ގިނަ ރުފިޔާ ހޭދަކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ދައުލަތުން ފޯރުކޮށްދޭ ސަބްސިޑިއާއި އެހެނިހެން އެހީތަކަށް ހަރަދު ކުރަން މިއަހަރަށް 8.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވީނަމަވެސް މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އެކަމަށް 9.8 މިލިއަން ރުފިޔާ ހޭދަ ކޮށްފައެެވެ.
އެހެންކަމުން މި އަހަރަށް އެ ދާއިރާއަށް ކަނޑައެޅި ބަޖެޓަށް ވުރެން އިތުރަށް މި ވަނީ 1.1 ބިލިއަން ރުފިޔާ ހޭދަ ކޮށްފައެވެ. މިއީ 13 ޕަސެންޓްގެ އިތުރުވުމެކެވެ.
މިދިޔަ އަހަރު އެ މުއްދަތުގައި އެ ދާއިރާއިން ހަރަދު ކޮށްފައިވަނީ 9.7 ބިލިއަން ރުފިޔާއެވެ.
ބޭސް ފިހާރައެއްގައި އާސަންދަ ބޯޑެއް: --ސަން ފޮޓޯ/ އިބްރާހިމް ނާއިޝް
ވަކިވަކި އެހީތަނަށް ބަލާއިރު އެންމެ ބޮޑު އެއްޗެއް ހޭދަ ކޮށްފައިވަނީ ސަބްސިޑީތަކަށެވެ. އެގޮތުން އެ މުއްދަތާ ހަމައަށް މިއަހަރު ސަބްސިޑީއަށް ވަނީ 3.4 ބިލިއަން ރުފިޔާ ހޭދަ ކޮށްފައެވެ. ނަމަވެސް އެކަމަށް ކަނޑައަޅާފައިވާ ބަޖެޓަކީ 1.8 ބިލިއަން ރުފިޔާއެވެ.
ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އާސަންދައަށެވެ. އެ މުއްދަތާ ހަމައަށް މިއަހަރު އާސަންދައަށް ދެ ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އެކަމަށް ކަނޑައަޅާފައިވާ ބަޖެޓަކީ 1.9 ބިލިއަން ރުފިޔާއެވެ.
ކައުންސިލްތަކަށް ދޭ އެހީގެ ގޮތުގައި އެ މުއްދަތާ ހަމައަށް ވަނީ 2.2 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އެކަމަށް ފާސްކޮށްފައިވާ ބަޖެޓަކީ 2.1 ބިލިއަން ރުފިޔާއެވެ.
އެހެނިހެން އެހީތަކަށް 2.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާއިރު މި އަހަރުގެ އެ މުއްދަތާ ހަަމައަށް އޭގެން ކުރި ހޭދަ ވަނީ ބަޖެޓަށް ވުރެން ދަށްވެފައެވެ. އެކަމަށް ހޭދަކޮށްފައިވަނީ 1.7 މިލިއަން ރުފިޔާއެވެ.
މެޑިކަލް ވެލްފެއާއަށް މި އަހަރު 327.3 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް އެކަމަށް ވަނީ, 321.6 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.
ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ވެސް ރައްޔިތުންނަށް އެންމެ ގިނައިން ސަބްސިޑީއާއި އެލަވަންސްތައް ދޭ އެއް ގައުމެވެ. ރާއްޖޭގައި ސަބްސިޑީއާއި އެލަވަންސްތައް ދެމުން އަންނަ ކަންކަމުގެ ތެރޭގައި ކަރަންޓް ބިލާއި ފެންބިލުގެ އިތުރުން ތެލާއި ކާޑުގެ ބާވަތްތަކާއި ސިއްހީ ފަރުވާއާއި ތައުލީމާއި, އެކަނިވެރި މައިން/ބަފައިންނާއި އުމުރުން ދުވަސްވީ މީހުން ހިމެނެއެވެ. ކޮންމެ ވެސް ކަހަލަ އުސޫލުތަކެއް ހަދާފައި ހުރި ނަމަވެސް މީގެން ސަބްސިޑީތަކާއި އެލަވަންސްތައް ދެމުން އަންނަނީ ހަމައެކަނި އެ ހައްގު މީހުންނަށް އެކަންޏެއް ނޫނެވެ. އެންމެ ތަނަވަސް މީހާއާއި އެންމެ ނިކަމެތި މީހާއާ އެއްވެސް ތަފާތެއް ނެތް އުސޫލުންނެވެ. މިއީ ދައުލަތަށް ބުރަ ބޮޑުވާ ސަބެބެވެ.
ލިބޭ އެއްޗަކަށް ވުރެން ބޮޑު ހޭދައެއް ކުރަމުން އަންނަ ދިވެހި ރާއްޖޭގައި ދެމުން އަންނަ ސަބްސިޑީތައް ޓާގެޓްކޮށްގެން, ހަމަ އެކަނި އޭގެ ހައްގުވެރިންނަށް ދިނުމަށް, ވޯލްޑް ބޭންކާއި އައިއެމްއެފް ފަދަ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވަނީ ލަފާ ދީފައެވެ. ނަމަވެސް އެއްވެސް ސަރުކާރަކަށް އެކަން ކުރާކަށް ނުކެރެއެވެ.