ބައްސާމަށް ދައުވާ ސާބިތުވީއިރު އަމީން ކޮންސްޓްރަކްޝަނަށް ސަލާމަތްވުމުން، މައްސަލަ އިސްތިއުނާފުކުރަނީ

ޕީޖީ އޮފީސް -- ސަން ފޮޓޯ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް އަމިން އެވެނިއުއިން ޕެންޓްހައުސްއެއް ގަތް މައްސަލައިގައި، އަމިން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ނިންމުމުން މައްސަލަ އިސްތިއުނާފުކުރަން ވިސްނަމުން އަންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފިއެވެ.

ބައްސާމް، އަމިން އެވެނިއުގެ ދެ އެޕާޓްމެންޓް ގަތް މުއާމަލާތުގައި އަމީން ކޮންސްޓްރަކްޝަން ކުންފުނިން އޮޅުވާލައި މަނީ ލޯންޑްރިންއަށް އެހީވި ކަމަށް ބުނެ ދައުލަތުން ވަނީ ދައުވާކޮށްފައެވެ. މިއަދު ކްރިމިނަލް ކޯޓުން ވަނީ މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ދައުވާ އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ސާބިތުނުވާ ކަމަށް ނިންމައިފައެވެ.

އެ ހުކުމާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، ބައްސާމްގެ މައްޗަށް މަނީ ލޯންޑްރިންގެ ދަޢުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފައިވާއިރު، ހަމަ އެ މުޢާމަލާތާ ގުޅިގެން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ހުށަހެޅި ދަޢުވާ ސާބިތުނުވާކަމަށް އެ ކޯޓުން ހުކުމްކޮށްފައިވަނީ ޝަރުޢީ އަދީ ގާނޫނީ އުސޫލުތަކާ ޚިލާފަށްކަމަށް އެ އޮފީހަށް ބެލެވޭ ކަމަށެވެ.

އެހެންކަމުން އަމީން ކޮންސްޓްރަކްޝަންގެ ބައި ހައިކޯޓުގައި އިސްތިއުނާފުކުރުމަށް އެ އޮފީހުން ގަސްދުކުރާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ނަމަވެސް، އެކަމުގައި އެންމެ ފަހު ނިންމުމެއް ނިންމެން އޮތީ މައްސަލައިގެ ޝަރީޢަތް ނިމުނު ގޮތުގެ ފުރިހަމަ ރިޕޯޓު އެ އޮފީހަށް ލިބުމުންކަމަށްވާތީ، އެ ރިޕޯޓް އެ އޮފީހަށް ލިބުމުން އިސްތިއުނާފުކުރުމާމެދު ފަހު ނިންމުމެއް ނިންމާނެ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އަމީން ކޮންސްޓްރަކްޝަންގެ ހުޅުމާލޭގެ ފުލެޓުތަކެއް: ބައްސާމަށް ދައުވާ ސާބިތުވީއިރު އަމީން ކޮންސްޓްރަކްޝަނަށް ސަލާމަތްވުމުން، މައްސަލަ އިސްތިއުނާފުކުރަން ގަސްދުކުރާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައި --

އެ މައްސަލައިގައި ޝަރީއަތުގެ މަޖިލީހުގައި އެ މައްސަލަ ބައްލަވާ، ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު މިސްބާހު ވިދާޅުވީ އެފްއޭއެމްގެ 1.2 މިލިއަން ޑޮލަރު ދިވެހި ރުފިޔާއަށް މާރުކުރަން އަމިންއަށް ޖަމާކޮށްފައިވާ ކަމަށާއި އެ ޑޮލަރަށްވާ ފައިސާ، ނަގުދު ފައިސާގެ ގޮތުގައި އެފްއޭއެމްގެ މުވައްޒަފެއް ކަމަށްވާ އަދި މި މައްސަލައިގައި ދައުވާ ލިބޭ ހަސަން ވަހީދާ ހަވާލުކޮށްފައިވާ ކަން ޝަރިއަތަށް ސާބިތުވާ ކަމަށެވެ.

އެކަމަކު އެ ފައިސާ، ބައްސާމް އެޕާޓްމެންޓް ގަންނަން ބޭނުން ކުރި ކަމަށް ދައުލަތުން ބުނާއިރު، އެކަމަށް ބާރުދޭ ހެއްކެއް ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ. އެކަމަށް ދައްކާ ހަމައެކަނި ހުއްޖަތަކީ އެޕާޓްމެންޓަށް ދައްކަން ބާކީ އޮތް ފައިސާގެ އަދަދަކީ، ހަސަން ވަހީދާ ހަވާލުކުރި ފައިސާގެ އަދަދާ ގާތްކުރާ އަދަދަކަށްވުމެވެ. ނަމަވެސް، އެ ފައިސާ އެޕާޓްމެންޓް ގަންނަން އަމިންއަށް ޖަމާކުރި ކަމުގެ އެއްވެސް ލިޔުމެއް ނެތެވެ.

https://sun.mv/216358

ގާޒީ ވިދާޅުވި ގޮތުގައި ޑޮލަރު މާރުކުރަން ކަމަށް ބުނެ ޗެކެއް މެދުވެރިކޮށް އެފްއޭއެމްއިން ނެރުނު ފައިސާއަށްވާ ދިވެހި ފައިސާ އެތަނުގެ އެއްވެސް އެކައުންޓަކަށް ވަދެފައިވާކަން އެނގޭކަށް ނެތެވެ. އަދި އެޕާޓްމެންޓް ގަންނަން ނަގުދު ފައިސާ ދައްކާފައިވާ ކަމަށާއި އެ ފައިސާ ބައްސާމަށް ދައްކައިދީފައިވަނީ އެހެން މީހަކު ކަމަށް ބުނި ނަމަވެސް، އެއީ ގަބޫލު ކުރެވޭނެ ވާހަކައެއް ނޫން ކަމަށް ގާޒީ ވިދާޅުވި އެވެ.

މި މައްސަލައިގައި ބައްސާމްގެ މައްޗަށް ކުށް ސާބިތުވެފައިވާއިރު، އޭނާ އިތުރު 23 އަހަރަށް ޖަލަށް ލާން މިއަދު ވަނީ ހުކުމްކޮށްފައެވެ. އެއީ، އެހެން މައްސަލަތަކެއްގައި މިހާރު ވެސް ދިގު މުއްދަތަކަށް ޖަލަށް ލާން ހުކުމްކޮށް، ބަންދުގައި ހުއްޓައެވެ.

comment ކޮމެންޓް