އެމްޕީއެލްއިން 2024ގެ ބޯނަސް އަދި ނުދޭ، ދޭނެ ދުވަހެއް މިމަހު ކަނޑައަޅަނީ

އެމްޕީއެލް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންނަށް ދެމުން އަންނަ އަހަރީ ބޯނަހުގެ ތެރެއިން 2024 ވަނަ އަހަރުގެ ބޯނަސް އަދި ނުދޭ ކަމަށް އެ ކުންފުނީގެ މުވައްޒަފުން ބުނެފިއެވެ.

އާއްމުކޮށް އެމްޕީއެލްއިން އެ ކުންފުނީގެ އަހަރީ ދުވަސްކަމަށްވާ, ސެޕްޓެންބަރު މަހުގެ 15 ވަނަ ދުވަހާ ގުޅުވައިގެން އޭގެ ކުރީ އަހަރުގެ ބޯނަސް ދިޔައީ ދެމުންނެވެ. ނަމަވެސް، މިދިޔަ 2025 ވަނަ އަހަރު ނިމުނުއިރު ވެސް އަދި 2024 ވަނަ އަހަރުގެ ބޯނަސް ދީފައެއް ނުވެއެވެ.

އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ރިޝްވާން, މިދިޔަ އާދިއްތަ ދުވަހު ނެރުއްވި މެމޯއެއްގައި ވިދާޅުވެފައިވަނީ 2024 ވަނަ އަހަރުގެ ބޯނަސް ދިނުން ލަސްވެފައިވަނީ އަހަރީ އާއްމު ޖަލްސާ ބޭއްވުން ލަސްވުމާ ގުޅިގެން ކަމަށެވެ.

އެ ޖަލްސާ މި މަހު ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވާ ކަމަށް ރިޝްވާން ވިދާޅުވިއެވެ.

މުވައްޒަފުންނަށް ބޯނަސް ދޭނެ ދުވަހެއް ކަނޑައަޅާނީ އެ ޖަލްސާއަށް ފަހުގައި ކަމަށް ރިޝްވާން ވިދާޅުވިއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އެމްޕީއެލްއަށް 2024 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ވަނީ 860.6 މިލިއަން ރުފިޔާ ލިބިފައެވެ. އަދި، އެ އަހަރު ސާފު ފައިދާގެ ގޮތުގައި ވަނީ 27.8 މިލިއަން ރުފިޔާ ލިބިފައެވެ. ނަމަވެސް، މިއީ 2023 ވަނަ އަހަރު ސާފު ފައިދާއާ އަޅާބަލާއިރު 21.7 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.

މާލޭގެ ރަސްމީ ބަނދަރާއި އައްޑޫ ސިޓީއާއި ކުޅުދުއްފުށީ ސިޓީގެ ބަނދަރު ހިންގަމުން އަންނަ އެމްޕީއެލްގައި މި ވަގުތު 2،000 އެއްހާ މުވައްޒަފުން އެބަތިއްބެވެ. އިތުބާރު ކުރެވޭ ބައެއް މަސްދަރުތަކުން މައުލޫމާތު ދޭ ގޮތުގައި އެ ކުންފުންޏަށް އެންމެ ގިނަވެގެން ވެސް ބޭނުންވަނީ 1200 އެއްހާ މުވައްޒަފުންނެވެ.

comment ކޮމެންޓް