މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑެޕިއުޓީ ސީއީއޯއަކަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ކުރީގެ ސީއީއޯ އިބްރާހީމް ޒިޔަތު މިއަދު އައްޔަންކޮށްފިއެވެ.
އެމްޕީޯއެލްއިން ވަނީ އެ ކުންފުނީގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ޒިޔަތު އައްޔަންކުރުމުން މަރުޙަބާ ދަންނަވާފައެވެ.
ޒިޔަތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އެމްޓީސީސީގެ ސީއީއޯގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ކުރީގެ އޮޑިޓަރާ ޖެނެރަލް ހަސަން ޒިޔަތާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އެއްބަނޑުއެއްބަފާ ބޭފުޅެކެވެ.
އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ޒިޔަތަށް ދެއްވާފައިވާއިރު، އޭނާގެ މައްޗަށް މީގެ ކުރިން ކޮރަޕްޝަންގެ ތުހުމަތުތަކެއް ވެސް ކުރެވުނެވެ.
އެ ގޮތުން، މީގެ ކުރިން އެމްޓީސީސީގެ ސައިޓްތަކުގައި މަސައްކަތްކުރަން ބިދޭސީން މަސައްކަތްތެރިން ރެކްރޫޓްކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް މީގެ ކުރިން އޮތީ ތުހުމަތުކޮށްފައެވެ. އެ މައްސަލައިގައި އިބްރާހިމް ޒިޔަތުގެ މައްޗަށް ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދުނެވެ.