ދެ ޖިންސުގެ ދަރިވަރުންނަށް ވަކިން ކިޔަވައި ދިނުމުގެ ވިސްނުމެއް ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.
"އިލްމުވެރިންގެ ގުޅުމުން" ވަނީ، ރާއްޖޭގެ ސުކޫލުތަކުގައި ދެ ޖިންސުގެ ދަރިވަރުން މައްސުނިނުކޮށް ކިޔަވައިދެވޭނެ ގޮތްތައް ހަމަޖައްސައިދޭން މިނިސްޓަރުގެ އަރިހުން އެދިފައެވެ.
އެ ޖަމިއްޔާގެ ޢިލްމުވެރިންގެ ފަރާތުން މިނިސްޓަރަށް ފޮނުވި ސިޓީގައި ވަނީ، 2008ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ބޮޑެތި ސްކޫލްތަކުގައި އަންހެން އަދި ފިރިހެން ކުދިން ތިބީ ވީހާ ވެސް ބޮޑަކަށް ވަކިކޮށްފައި ކަމަށެވެ.
ދަރިވަރުންތަކެއް ކުލާސްރޫމެއްގައި: މިނިސްޓަރު ވިދާޅުވީ، ދެ ޖިންސުގެ ކުދިން ވަކިން ކިޔަވާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ނަމަވެސް، 2008 ވަނަ އަހަރު އައި އެމްޑީޕީ ސަރުކާރާއެކު ގެނައި ބަދަލުތަކަކީ އިސްލާމީ އުޞޫލުތަކާއި ދިވެހީންގެ ސަގާފަތާ ބީރަށްޓެރި، ސެކިއުލާ ފިކުރެއްގެ މައްޗަށް ބިނާވެފައިވާ ބަދަލުތަކެއް ކަމަށް ސިޓީގައި ވެއެވެ.
އެ ސިޓީގައިވަނީ އައްޑޫ ހައި ސްކޫލުގެ ކުލާހެއް ތެރޭގައި ދެ ޖިންސުގެ ދަރިވަރުން ގައިގޯޅިވެ ބޭއަދަބީކޮށް އުޅުނު މަންޒަރު ފެންނަ ވީޑިއޯއަށް އިޝާރާތްކޮށް، އެއީ ދެ ޖިންސު މައްސުނިކޮށް ކިޔަވައިދިނުމުގެ ސަބަބުން ކުރިމަތިވާ އަޚްލާގީ މައްސަލަތައް ކަމަށް ބުނެފައެވެ.
އެ ކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން މިނިސްޓަރު މެސެޖުން ވިދާޅުވީ، އެފަދަ ވިސްނުމެއް ނެތް ކަމަށެވެ. ނަމަވެސް، އިތުރު ތަފުސީލެއް ނުދެއްވައެވެ.
ވަރަށް ފަހުން އެޑިއުކޭޝަން މިނިސްޓްރީން ވަނީ، އަންނަ އަހަރުން ފެށިގެން ޔުނިފޯމަށް ބަދަލުތައް ގެންނަން ނިންމައި، އެކަން އިއުލާންކޮށްފައެވެ. އެ ބަދަލުތަކުގެ ތެރެއިން، އަންހެން ދަރިވަރުންގެ ޔުނިފޯމް އެޅުން ހަރުކަށިކޮށްފައިވާ ކަމަށް ބުނެ ބައެއް މީހުން ފާޑުކިޔައިފައިވެއެވެ.
ދެ ޖިންސު މައްސުނި ނުވާނެހެން ރާއްޖޭގައި ކިޔަވައިދިނުމުގެ ކަންކަން ކުރިއަށް ގެންދާ އެއް ސްކޫލަކީ އަރަބިއްޔާ ސްކޫލެވެ.