"ބަނދަރު ވިއްކަނީއޭ ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް، ބަޔަކު އިންވެސްޓުކުރަން ޕްރޮޕޯސަލެއް ހުށަހެޅުމަކީ އެކަމެއް ކުރުމެއް ނޫން"

ހއ. ދިއްދޫގައި މިއަދު އޮތް އެއާޕޯޓު ބިން ހިއްކުމުގެ ރަސްމިއްޔާތަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވަޑައިގެންނެވުން: އެ ރަސްމިއްޔާތުގައި ބަނދަރު ވިއްކަނީއޭ ބުނެ ދައްކާ ވާހަކަތައް ޒަމީރު ވަނީ ދޮގުކުރައްވާފައި -- ފޮޓޯ/ ދިއްދޫ ކައުންސިލް

ދުބާއީ ޕޯޓްސް ވޯލްޑް (ޑީޕީ ވޯލްޑް)އަށް ތިލަފުށީގައި ހަދާ ބަނދަރު ވިއްކަން އުޅޭކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށާއި، ރާއްޖޭގައި ބަޔަކު އިންވެސްޓުކުރަން ޕްރޮޕޯސަލެއް ހުށަހަޅާ ކޮންމެ ފަހަރަކީ އަދި ސަރުކާރުން އެކަމެއް ކުރުމެއް ނޫން ކަމަށް ވިދާޅުވެ، ފާޑުކިޔުންތަކަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ރައްދު ދެއްވައިފިއެވެ.

ވިޔަފާރި ބަނދަރު ހިންގުމަށް ބޭރުގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން އެކި ލެވަލްގައި މަޝްވަރާތައް ކުރަމުންދާ ކަމުގެ އަޑުތައް މިފަހުން ވަނީ ގަދަވެފައެވެ.

ހއ. ދިއްދޫގައި މިއަދު ހަވީރު އޮތް އެއާޕޯޓު ތަރައްގީކުރުމަށް ބިން ހިއްކުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ މާލޭގެ ޕޯޓުގެ ވާހަކަ މީޑިއާތަކުގައި އެނބުރޭތާ ދެތިން ދުވަސް ވެއްޖެ ކަމަށެވެ. ނަމަވެސް ހަގީގަތަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން އިގްތިސޯދަށް އައި ހެޔޮ ބަދަލާހުރެ، ދުނިޔޭގެ ވަރަށް ގިނަ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓުކުރަން ބޭނުންވުން ކަމަށް ޒަމީރު ވިދާޅުވިއެވެ.

ޕޯޓަށް ވެސް، އެއާޕޯޓުގައި ހުރި ކަންކަމަށް ވެސް އަދި ދެން ހުރި ކަންކަމަށް ވެސް އިންވެސްޓުކުރަން ބޭނުންވޭ. އެހެންވީމަ މި މީހުންގެ އިންވެސްޓުކުރަން ބޭނުންވީމަ، ކޮންމެ ޕްރޮޕޯސަލެއް ހުށަހެޅިޔަސް [ރައީސް] ބައްލަވާނެ. އޭގެ މާނައަކީ ރައްޔިތުންނަށް ދެރަވާނެ ގޮތަކަށް ރައީސް ކަމެއް ކުރެއްވީކީއެއް ނޫން. ބަޔަކު ޕްރޮޕޯސަލެއް ހުށަހެޅުމަކީ އަދި ރައީސް އެ ގަބޫލުކުރައްވާ އެކަމެއް ކުރީކީއެއް ނޫން، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ރައީސް މުއިއްޒަކީ ވަރަށް އިލްމީ ބޭފުޅެއްކަން ފާހަގަކުރައްވައި ޒަމީރު ވިދާޅުވީ ލިބޭ ކޮންމެ ޕްރޮޕޯސަލަކަށް، ވަޒީރުން ވިދާޅުވާ ވާހަކަތަކާއި ލަފާތަކަށް ވަރަށް ބޮޑަށް ބައްލަވާފައި ނޫނީ އެމަނިކުފާނު ނިންމުމެއް ނުނިންމަވާނެ ކަމަށެވެ.

އެހެންކަމުން މިފަހުން ބަނދަރު ވިއްކާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް، ދޮގު ވާހަކަތަކެއް ކަމަށް ޒަމީރު ވިދާޅުވިއެވެ. މިހާތަނަށް ވެސް ރައީސް ނިންމުމެއް ނިންމަވާފައި އޮތީ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަކަށް ކަންކަން ބައްލަވާފައި ކަމަށް ޒަމީރު ވިދާޅުވިއެވެ.

މާލޭ ވިޔަފާރި ބަނދަރަށް ބާރު ބޮޑުވާ މައްސަލައަށް ހައްލެއް ގެނައުމަށް ތިލަފުށީގައި ހަދާ ބަނދަރު، ޑީޕީ ވޯލްޑްއަށް ވިއްކުމަށްޓަކައި ސަރުކާރުން އެކި ލެވަލްގައި މަޝްވަރާތައް ކުރަމުން ދިޔަ ވާހަކަ މީގެ ކުރިން ވެސް ފެންމަތިވިއެވެ.

https://sun.mv/216306

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވެސް ވަނީ މި ތުހުމަތު ކުރައްވައި، އެކަން ހުއްޓުވަން ގޮވާލައްވައިފައެވެ. ޔާމީން ވިދާޅުވީ ބަނދަރު ވިއްކާލާ ވާހަކަ ސަރުކާރުން ނުދެއްކި ނަމަވެސް އެ މަސައްކަތްތައް ކުރިއަށްގެންދާ ކަމަށެވެ. ޑީޕީ ވޯލްޑަކީ ޔޫއޭއީގައި މަރުކަޒުކޮށްފައިވާ ކުންފުންޏެއް ކަމަށްވާއިރު، ޔާމީން ވިދާޅުވީ، އެ މަނިކުފާނުގެ ވެރިކަމުގައި އަބޫދާބީގެ އިސް ބޭފުޅުންނާއި ސީދާ އެ ކުންފުނިން ވެސް އެ މަނިކުފާނުގެ އަރިހަށް އައި ކަމަށެވެ.

ޔާމީން ވިދާޅުވީ، ތިލަފުށީ ބަނދަރު ޑީޕީ ވޯލްޑަށް ދިނުމަކީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް 25 އަހަރަށް އިންޑިއާގެ ޖީއެމްއާރަށް ދިނުން ފަދަ ކަމެއް ކަމަށެވެ. އަދި އެއީ، ސިފައިންގެ ބަޑި ގުދަން ތަޅުލުމަށް ތަޅުދަނޑި ޑީޕީ ވޯލްޑަށް ދިނުމުގެ ގޮތުގައި ވެސް އެ މަނިކުފާނު ސިފަކުރެއްވިއެވެ.

ޔާމީން އެފަދައިން ވިދާޅުވިއިރު، އެކަމަށް ނަޝީދު މިއަދު ވަނީ ތާއީދު ވެސް ކުރައްވައިފައެވެ. އެގޮތުން މާލޭ ވިޔަފާރި ބަނދަރަށް ބާރު ބޮޑުވާ މައްސަލައަށް ހައްލެއް ގެނައުމަށް ތިލަފުށީގައި ހަދާ ބަނދަރު، ޕްރައިވެޓް ސެކްޓަރަށް ވިއްކާލުން ރަނގަޅު ކަމެއްގެ ގޮތުގައި ނަޝީދު ސިފަކުރެއްވިއެވެ. ނަމަވެސް އެކަން ކުރަން ވާނީ ދެފުށް ފެންނަ ބިޑުކުރުމުގެ މަރުހަލާއަކަށްފަހު ކަމަށް ނަޝީދު ވިދާޅުވިއެވެ.

https://sun.mv/216302

މި ބޮޑު ތުހުމަތުތަކާ ގުޅޭގޮތުން, ޕޯޓް ހިންގާ, އެމްޕީއެލްގެ ބަހެއް ހޯދާލުމަށް "ސަން" އިން ގުޅުމުން އެ ކުންފުނީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކަމާ ގުޅުވައިގެން, މިވަގުތު އެއްޗެއް ދަންނަވަން ބޭނުން ނުވާ ކަމަށެވެ.

ތިލަފުށީ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު، މޯލްޑިވްސްް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ވަނީ އެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ނިންމޭނީ އަންނަ އަހަރު ކަމަށް ލަފާކޮށްފައެވެ. އެ ފިޔަވައްސަށް އެކަނިވެސް 60 މިލިއަން ޑޮލަރު ޚަރަދު ވާނެއިރު، ހުރިހާ މަސައްކަތެއް ނިންނަން 10 އަހަރު ނަގާނެ ކަމަށް އެ ކުންފުނިން، ދައުލަތުގެ މީޑިއާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެެއެވެ.

comment ކޮމެންޓް