ކުޑަކުދިންގެ އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުން

ކުޑަކުދިން ޕާކެއްގައި ކުޅެނީ

ކުޑަކުދިންނަކީ މުޖުތަމަޢެއްގެ ކުރިމަގާއި އުންމީދެވެ. އެކުދިންނަށް ބޭނުންވާ އަސާސީ ޙައްޤުތަކާއި، އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަކީ ދައުލަތާއި މުޖުތަމަޢުގެ އެންމެއިސް އެއް މަސްއޫލިއްޔަތެކެވެ.

ރާއްޖޭގައި އިޖުތިމާޢީ ރައްކާތެރިކަމުގެ ދާއިރާއިން ހަދާފައިވާ ދިރާސާތަކާއި، ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކުން ކުރާ މަސައްކަތްތަކަށް ބަލާއިރު، ކުޑަކުދިންގެ ރައްކާތެރިކަމަށްޓަކައި ހަރުދަނާ ނިޒާމެއް ބޭނުންވާކަން ފާހަގަކުރެވެއެވެ. މިގޮތުން ކުރަންޖެހޭ އެއްކަމަކީ، ކުޑަކުދިންނަށް ބޭނުންވާ އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމެވެ.

މިހާރު ރާއްޖޭގައި ކުޑަކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އޮތް ނިޒާމަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވެނީ އެކަނިވެރި މައިންނާއި ބަފައިންނަށްދޭ އެލަވަންސެވެ. ނަމަވެސް، މިއީ މުޅި އާބާދީގެ ވަރަށް ކުޑަ އިންސައްތައަކަށް ލިބޭ އެހީއެކެވެ. މި އެލަވަންސް ދިނުމުގައި ބަލާ މިންގަނޑުތައް ބިނާވެފައިވަނީ ވަރަށް ސަބްޖެކްޓިވް ކަންތައްތަކެއްގެ މައްޗަށެވެ. މިސާލަކަށް، ފަގީރުކަން މާނަކުރާ ގޮތާއި، އާމްދަނީ ބަލާ ގޮތް ހަރުދަނާ ނުވުމުގެ ސަބަބުން، ހަގީގަތުގައި އެހީއަށް ބޭނުންވާ އެތައް ކުދިންނަކަށް މި ފުރުސަތު ގެއްލިގެންދެއެވެ.

ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 25 ޕަސެންޓު ނުވަތަ 132،000 އަކީ ކުޑަކުދިންނާއި ފުރާއުމުރުގެ ކުދިންނެވެ. މީގެ ތެރެއިން އިޖުތިމާއި ރައްކާތެރިކަން ސަރުކާރުން ފޯރުކޮށްދޭ ކުދިންނަކީ – ނުކުޅެދުންތެރިކަމުގެ ދަފުތަރުގައި ރަޖިސްޓަރީ ވެގެން އެހީދޭ 4،777 ކުދިންނާއި އެކަނިވެރިމައިންނާއި ބަފައިންނަށްދޭ އެލަވަންސް ދަށުން އެހީފޯރުކޮށްދެވޭ 4،233 ކުދިން، ޖުމުލަ 9،000 ށްވުރެ މަދުކުދިންނެވެ. މީގެއިތުރުން، ފޮސްޓަރ ޕޭރެންޓް ޕްރޮގްރާމްގެ ދަށުން 131 ކުއްޖަކަށް އެހީތެރިކަން ފޯރުކޮށްދެވެއެވެ.

މިއެހީތެރިކަން ފޯރުކޮށްދެނީ ދިވެހިރާއްޖޭގެ އިޖުތިމާޢީ ރައްކާތެރިކަމާބެހޭ ގާނޫނުގެ ދަށުންނެވެ. އެގާނޫނުގައި، އިޖުތިމާޢީ ރައްކާތެރިކަން ސަރުކާރުން ފޯރުކޮށްދިނުމުގެ ދެ ބޭނުމެއްކަމުގައި ބުނަނީ – ފަގީރުކަމުގެ ލޮޅުންތަކުން ޙާލުގައި ޖެހޭމީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އަސާސީ ބޭނުންތައް ފުއްދުމުގެ ތަނަވަސްކަން ނެތް ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައެވެ.

ފަގީރުކަމާއި އަސާސީބޭނުންތަކަށް ބަލައިގެން އިޖުތިމާޢީ ރައްކާތެރިކަން ފޯރުކޮށްދޭ ކަމުގައިވާނަމަ، ދިވެހިރާއްޖޭގެ ކުޑަކުދިންނާއި ފުރާއުމުރުގެ ކުދިންގެ ތެރެއިން 9،000 ށްވުރެ މާބޮޑު އާބާދީއަކަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަމުގައި އަޅުގަނޑު ދެކެމެވެ. ދިވެހިރާއްޖޭގައި މިފަހުންހެދި އިޖުތިމާޢީ ދާއިރާގެ ދިރާސާއަކުން ދައްކާގޮތުގައި މިދެންނެވި ނުގުތާއަށް ބާރުލިބެއެވެ. އެރިޕޯޓު ޔުނިސެފް ގެ ވެބްސައިޓުން އަޅުގަނޑު ހޯދާލީމެވެ. ދެން މިބަލާލަނީ އެރިޕޯޓުން ފާހަގަ ކުރެވުނު އަޅުގަނޑުގެ މިހުށަހެޅުމަށް ބާރުދޭ ބައެއްކަންކަމުގެ މައްޗަށެވެ.

https://sun.mv/215496

މޯލްޑިވްސް ސޯޝަލް ސެކްޓަރ އެސެސްމަންޓް 2022 (ސޯޝަލްޕޮލިސީ ރިސާރޗް އިންސްޓިޓިއުޓް، ޔުނިސެފް) ގެ ޑްރާފްޓް ރިޕޯޓުގެ ޓޭބަލް 3.6 (އިޖުތިމާޢީ ރައްކާތެރިކަމުގެ ކަވަރޭޖް ދެވޭ މިންވަރުގެ ތާވަލު) ގައި ބުނާގޮތުން ރާއްޖޭގެ ކުޑަކުދިންގެ އާބާދީގެ ތެރެއިން އިޖުތިމާޢީ ރައްކާތެރިން ފޯރުކޮށްދެވެނީ އެންމެ 8.2 ޕަސެންޓު ކުދިންނަށެވެ. ސްރީލަންކާގައި މިނިސްބަތް އުޅެނީ 36.4 ޕަސެންޓުގައި، އަދި މުޅި އޭޝިޔާޕެސިފިކުގައި 44.1 ޕަސެންޓުގައެވެ. ދުނިޔޭގެ ކުރިއަރާފައިވާ ގައުމެއް ކަމުގައިވާ ބެލްޖިއަމްގައި 100 ޕަސެންޓުގައެވެ.

މޯލްޑިވްސް ސޯޝަލް ސެކްޓަރ އެސެސްމަންޓް ރިޕޯޓުގައި ބުނެފައިވަނީ "ދިވެހިރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގައި ބޮޑެތި ބާގަނޑުތަކެއް އެބަހުރި" ކަމުގައެވެ. މިރިޕޯޓުގައި ބުނެފައިވާގޮތުން، އިޖުތިމާއި ރައްކާތެރިކަމުގެ ނިޒާމުން ބާކީވެފައިވާ އެންމެ މައިގަނޑު ދެފަރާތުންކުރެ އެއްފަރާތަކީ ކުޑަކުދިންނާއި ފުރާއުމުރުގެ ކުދިންނެވެ. ނިޒާމު މިހާރު ފަރުމާކުރެވިފައި އޮތްގޮތުން އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުން ރައްކާތެރިކަން ފޯރުކޮށްދެނީ ހަމައެކަނި ފަގީރު ހާލަތުގައި އުޅޭ އެކަނިވެރިމައިންނާއި ބަފައިން ބަލާކުދިންނާއި ފޮސްޓަރ ފެމިލީސްތަކުން ބަލާކުދިންނަށް ކަމަށާއި، ކުޑަކުދިންތިބި އެހެން އާއިލާތައް ތިބީ އިޖުތިމާޢީ ރައްކާތެރިކަމުގެ ނިޒާމުން ބޭރުގައި ކަމަށްވެސް އެރިޕޯޓުގައި ބުނެފައިވެއެވެ.

އެރިޕޯޓުގައި ބުނެފައިވަނީ، ޔުނިސެފުން ވަކާލާތުކުރާ ފަދައިން - އެކަނިވެރި މައިންނާއި ބަފައިންނާއި ފޮސްޓަރ ފެމިލީސްއަށްދޭ އެލަވަންސަކީ މަދުކުދިޔަބަކަށް އަމާޒުވާ ޚަރަދުބޮޑު ސްކީމެއްކަމަށާއި، ރައްކާތެރިކަން ބޭނުންވާ ކުދިންތިބި ހުރިހާ އާއިލާއެއް އެއިން ކަވަރު ނުކުރެވޭ ކަމަށެވެ. ޔުނިސެފުން އެދިފައިވަނީ "ޔުނިވަރސަލް ޗައިލް ބެނިފިޓް" ސްކީމެއް އުމުރުން 0-5 އަހަރުގެ ކުދިންނަށް ކުރިއަށް ގެންދިއުމަށް ކަމުގައިވެސް ބުނެފައިވެއެވެ. އަދި މިރިޕޯޓުގައި ބުނެފައިވަނީ ޔުނިސެފްގެ 2021 ގެ އެހުށަހެޅުމަށް ފުރިހަމައަށް ތާއީދު ކުރާކަމަށެވެ.

ޝޯޝަލް ސެކްޓަރ އެސެސްމަންޓް ރިޕޯތުގެ ޑްރާފްޓްގައި އިތުރަށް ބުނެފައިވަނީ، ޔުނިސެފްގެ 2021 ގެ ރިޕޯޓުގައި ފަރުމާކޮށްފައިވާ ހުށަހެޅުމަށް، މިރިޕޯގެ ހޯދުންތަކުން ވަރަށްބޮޑަށް ބާރުދޭކަމުގައެވެ. އަދި ޔުނިވަރސަލް ޗައިލްޑް ބެނެފިޓް، ތައުލީމީ ނިޒާމުގައި ދެމިތިބޭ ހުރިހާ ކުޑަކުދިންނާއި ފުރާއުމުގެ ކުދިންނަށް ފޯރުކޮށްދިނުން މުހިންމު ކަމުގައިވެސް ބުނެފައިވެއެވެ. މީގެ ސަބަބުން މާލޭގެ އިތުރުން، ރަށްރަށުގައި އުޅޭ އާއިލާތަކުގެ ކުދީންވެސް ތައުލީމުގެ ހުރިހާ މަރުހަލާއެއް ފުރިހަމަކޮށް، ގައުމުގެ އިގުތިޞާދުގައި ފުރިހަމައަށް ބައިވެރިވުމުގެ ގާބިލުކަން ހުރި ބަޔަކަށް ވުމުގެ ފުރުސަތު ބޮޑުކަމުގައިވެސް ފާހަގަކޮށްފައިވެއެވެ.

އަޅުގަނޑު ގަބާލުކުރާގޮތުގައި، ޔުނިވަރސަލް ޗައިލްޑް ބެނެފިޓް ވާންވާނީ ހުރިހާ ކުޑަކުދިންނަށް ދައުލަތުން ދޭ މާލީ އެހީއަކަށެވެ. އެހެންކަމަށްވުމުން، ފަގީރުކަން ސާބިތުކޮށްދިނުމަށް އާއިލާތަކުން ކުރަންޖެހޭ އުނދަގޫ މަސައްކަތްތައް ނެތިގޮސް، ހުރިހާ ކުދިންނަށް ހަމަހަމަ ފުރުސަތުތަކެއް ލިބިގެންދާނެއެވެ. އަދި މުޖުމަތަމަޢުގައި އުޅޭ ކުދިންނާއި ޢާއިލާތަކުގެ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭނެއެވެ.

"ޔުނިވަރސަލް ޗައިލްޑް ބެނެފިޓް" ފަދަ ހަރުދަނާ މާލީ އެހީގެ ނިޒާމަކާއި، ނަފްސާނީ ގޮތުން ރައްކާތެރި މުޖުތަމަޢެއް ބިނާކުރުމަކީ ކޮންމެ ކުއްޖަކަށްމެ އުފާވެރި މުސްތަޤުބަލެއް ހޯދައިދިނުމަށް އޮތް އެންމެކުރު މަގެވެ.

ގުޅޭ ޓެގު
comment ކޮމެންޓް