އެޗްއާރުސީއެމްގެ ރައީސަކަށް ރަމީލާއަށް ރުހުންދޭން ދައުރުން ބޭރުން މާދަމާ ޖަލްސާއެއް ބާއްވަނީ

މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ: އެޗްއާރުސީއެމްގެ ރައީސްކަމަށް ރަމީލާގެ ނަމަށް މާދަމާ ރުހުންދޭން ވަނީ ތާވަލުކޮށްފަ -- ފޮޓޯ: އެނިމަލް ވެލްފެއާ މިނިސްޓްރީ

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ރައީސްކަމަށް, މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ މިނިސްޓަރު ޑރ. ޢާއިޝަތު ރަމީލާގެ ނަމަށް ރުހުންދޭން ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް މާދަމާއަށް ތާވަލުކޮށްފިއެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު އެޗްއާރުސީއެމަށް އައްޔަންކުރި ރަމީލާ، އެ ކޮމިޝަންގެ ރައީސްކަމަށް އައްޔަންކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހެވެ. އެކަމަކު މަޖިލީހުން ރަމީލާގެ ނަން އިއުލާނުކުރީ، ޗުއްޓީގައި އޮތުމަށް ފަހު މިއަދު ދައުރުން ބޭރުން ބޭއްވި ޖަލްސާގައެވެ.

އެ ޖަލްސާގައި ރިޔާސަތުން ވަނީ ރަމީލާގެ ނަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ފޮނުއްވައިފައެވެ.

އެހެންވެ، ހިއުމަން ރައިޓްސް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ، ރަމީލާ އެޗްއާރުސީއެމަށް އައްޔަންކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ކަން ފާހަގަކޮށް، އިންޓަވިއުކުރުމަކާ ނުލާ، އެޗްއާރުސީއެމްގެ ރައީސް ކަމަށް ރަމީލާ އައްޔަންކުރަން ފެންނަ ކަމަށް އިއްތިފާގުން ނިންމައިފައެވެ.

މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފައި އޮތީ ރަމީލާގެ ނަން ފާސްކުރަން އެކަންޏެވެ.

އެގްރިކަލްޗާ މިނިސްޓަރުކަމުގައި ހުންނެވުމަށްފަހު، ކެންސަރަށް ފަރުވާ ހޯއްދެވުމަށް ރަމީލާ ޑިސެންބަރު 1، 2024ގައި މަގާމުން އިސްތިއުފާ ދެއްވިއެވެ.

މީގެ ކުރިން ރަމީލާ ވަނީ ދެ ފަހަރެއްގެ މަތިން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވައިފައެވެ. އޭނާ ޕީއެޗްޑީ ހާސިލުކުރެއްވީ ސޯޝަލް ސައިންސްގެ ދާއިރާއިންނެވެ.

އެޗުއާރްސީއެމްގައި ފަސް މެންބަރުން ތިއްބަވާއިރު، މިހާރު އެ ކޮމިޝަންގައި ތިއްބެވި މެންބަރުންނަކީ:

  • ނައިބު ރައީސް މުޙައްމަދު ޝަފީޤް މަޙްމޫދު
  • މެންބަރު ސަމާޢު އަޙްމަދު ނަޖީބު
  • މެންބަރު އިސްމާޢީލް ޙަބީބު ޢަބްދުއްރަޙީމް
  • މެންބަރު އަޙްމަދު މަޤުސޫމް
comment ކޮމެންޓް