މައި ދެ އިންތިޚާބު އެއްކޮށްލާ އިސްލާހު ބަލައިގަނެ، ކޮމިޓީއަށް

ޕީއެންސީގެ ބޮޑު ޖަލްސާގައި ރައީސްގެ ދެކަނބަލުންނާއި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމާއި ބިލު ހުށަހެޅުއްވި މެންބަރު ފަލާޙް: މައި ދެ އިންތިޚާބު އެއްކޮށްލާ އިސްލާހު ބަލައިގަނެ ވަނީ ކޮމިޓީއަށް ފޮނުވައިފަ -- ސަން ފޮޓޯ/ މޫސާ ނަދީމް

މައި ދެ އިންތިޚާބު ކަމަށްވާ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލަން ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު މިއަދު ބަލައިގެންފިއެވެ.

ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ގާނޫނުއަސާސީއަށް އިއްޔެ ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން، މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު ބާއްވަން ޖެހޭނީ އެކުގައެވެ.

އެއާއެކު، އާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެށޭ ތާރީޚު ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހަށް ބަދަލުކުރުމަށް ވެސް ފަލާޙް ހުށަހަޅުއްވާފައިވެއެވެ.

މިއަދު ދައުރުން ބޭރުން ބޭއްވި ޖަލްސާގައިވަނީ އެ އިސްލާހަށް ބަހުސްކޮށް، އިސްލާހު ބަލައިގަންނަން ފެނޭތޯ ވޯޓަށް އަހައިފައެވެ. ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން ބިލު ބަލައިގަތުމާ އެއްކޮޅަށް 46 މެންބަރުން ވޯޓު ދެއްވިއިރު، ބިލު ބަލައިގަތުމާ ދެކޮޅަށް ވޯޓުދެއްވީ އެންމެ ފަސް މެންބަރުންނެވެ.

https://sun.mv/216256

އެހެންކަމުން އެ އިސްލާހު އިތުރަށް ދިރާސާކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާލައިފައެވެ.

ފަލާހު ހުށަހެޅުއްވި އިސްލާހު ފާސްވެއްޖެ ނަމަ 2028ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު، 21ވަނަ ރައްޔިތުންގެ މަޖިލިސް ފެށޭނީ އެ އަހަރުގެ ޑިސެންބަރު މަހުގެ ފުރަތަމަ ދުވަހެވެ. އަދި، މިހާރު ހިނގާ 20ވަނަ މަޖިލިސް އެ ދުވަހު އުވޭނެއެވެ.

ފާހަގަކުރެވޭ ގޮތުގައި ވެރިކަންކުރާ ޕީއެންސީގެ އާ ޖަގަހަ ހުޅުވުމަށް ޖުލައި 7، 2024ގައި ބޭއްވި ޖަލްސާގައި، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއްކޮށްލަން، ގާނޫނުއަސާސީ އިސްލާހު ކުރުމަށް ހުށަހަޅުއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ.

އޭރު ރައީސް ވިދާޅުވީ، ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ވާނީ ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއްކޮށްލުމުން ކަމަށެވެ. އެގޮތުން މަޖިލިސް އިންތިޚާބު ނިމުނުއިރު 120 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާ ކަމަށާއި ރިޔާސީ އިންތިޚާބުގެ ދެ ބުރަށް 180 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވި ކަމަށް ރައީސް ވިދާޅުވިއެވެ.

https://sun.mv/216303

"ދިވެހި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށްވާނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ރިޔާސީ އިންތިޚާބާއި ރައްޔިތުން މަޖިލީހުގެ އިންތިޚާބު އެކު އެކީގައި ބޭއްވުމުން،" ރައީސް ވިދާޅުވިއެވެ.

އެ ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ފައިސާއިން މަދުވެގެން 120 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، އެ ރުފިޔާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންތައް ސަރުކާރަށް ނިންމައިދެވޭނެކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.

އިދިކޮޅު ބޭފުޅުންގެ ތެރެއިން މި އިސްލާހަށް ތާއީދުކުރައްވާކަން ހާމަކުރެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެކަންޏެވެ. މި އިސްލާހާ ދެކޮޅުކަން އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލާއި ކުރީގެ ރައީސް ޢަބްދުالله ޔާމީން ވަނީ ހާމަކުރައްވާފައެވެ.

comment ކޮމެންޓް