ކުރިން އެމްޑީޕީގައި ހުންނެވި ޒަރީރު އެމްޑީޕީ މެންބަރުންނަށް: ''އެމްޑީޕީ ވެރިކަމުގައި ކަންކަން ރަނގަޅު ނުކުރީ ކީއްވެ؟''

ޒަރީރު އެމްޑީޕީގައި ހުންނެވިއިރު އެ ޕާޓީގެ ޕޯޑިއަމެއްގައި: ޒަރީރު ގެންދަވަނީ އޭނާ ކުރިން ނިސްބަތްވި ޕާޓީއަށް ފާޑުވިދާޅުވަމުން---

އެމްޑީޕީގެ ވެރިކަމުގައި ކަންކަން ރަނގަޅު ނުކުރެއްވީ ކީއްވެތޯ ސުވާލު އުފައްދަވައި އެ ޕާޓީގެ މަޖިލިސް މެންބަރުންނަށް, ނިމިދިޔަ ފަސް އަހަރު އެމްޑީޕީގެ ސަރުކާރާ އެކު އެ ޕާޓީގެ މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު މިއަދު ފާޑު ވިދާޅުވެއްޖެއެވެ.

މިދިޔަ 19 ވަނަ މަޖިލީހުގައި ވެސް ޒަރީރު ވަނީ މަތިވެރި ދާއިރާގެ މެންބަރުކަން ކުރައްވާފައެވެ. އޭނާ އޭރު ހުންނެވީ އޭރު އޮތް އެމްޑީޕީގައެވެ. އޭނާ އެމްޑީޕީއިން ވަކިވެ, ޕީއެންސީއާ ގުޅިވަޑައިގަތީ އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ނާކާމިޔާބުވެ, 19 ވަނަ މަޖިލީހުގެ ދައުރު ހަމަވާން ކައިރިވެފައި އޮއްވައެވެ.

މި ވެރިކަމުގައި މިހާރު ޕީއެންސީ ތަމުސީލު ކުރައްވާ ޒަރީރު, މަޖިލީހުގެ ގިނަ ބަހުސްތަކުގައި އޭނާ އޭރު ހުންނެވި އެމްޑީޕީގެ ވެރިކަމަށް ވަރަށް ބޮޑަށް ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ.

މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރު --- ފޮޓޯ/ މަޖިލިސް
ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި, ޕެންޝަން ފަންޑަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން, ޒަރީރު ވިދާޅުވީ އެމްޑީޕީގެ ނިމިދިޔަ ފަސް އަހަރު ރާއްޖޭގެ އެސެޓްތައް ރަނގަޅަށް ބެލެހެއްޓިފައި ނެތް ކަމަށާއި މިއަދު އެ އެސެޓްތަކުގެ އަގުތައް ދަށްވެގެން މި އުޅެނީ އެހެންވެ ކަމަށެވެ.

ޕެންޝަން ފައިސާ ބޭނުން ކުރެވޭނެ އުސޫލެއް ހަދައި ދިނުމަށް ރައްޔިތުން އެދޭތާ ވަރަށް ދުވަސްވެއްޖެ ކަމަށާއި އެކަން ކޮށްދިނުމަށް މިއަދުގެ ސަރުކާރުން ބިލެއް ހުށަހެޅުމުން ވެސް އެމްޑީޕީން ދައްކަނީ މުޅިން އެހެން ވާހަކައެއް ކަމަށް ޒަރީރު ވިދާޅުވިއެވެ.

"މި ގޮތަށް މި ވާހަކަދެއްކި ބޭފުޅުން ކީއްވެގެންތޯ އެ ބޭފުޅުންގެ އާރާއި ބާރު އޮތްއިރުގައި މި އިސްލާހުތައް ނުގެނައީ. އެހެންވެ މި ބުނީ ހަގީގަތުގައި ވެސް އަޅުގަނޑު އަބަދު ވެސް ދައްކާ ވާހަކައެއް މިއީ އިދިކޮޅު ފަރާތްތަކެއް ތިބެން ޖެހެއޭ ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހެއޭ. އެކަމަކު ޕްރޮޑަކްޓިވިޓީ, ވިޒިބިލިޓީ މާނަވީ ގޮތެއްގައި އެކަން ކުރަން ޖެހޭނީ," ޒަރީރު ކުރިން ހުންނެވި ޕާޓީގެ މެންބަރުންނަށް ނިސްބަތްކޮށް ވިދާޅުވިއެވެ.

ޒަރީރު އެގޮތަށް ވިދާޅުވިއިރު ޕެންޝަން ފަންޑުން ބޮޑެތި ބަލިތަކަށް ބޭސް ކުރަން ފައިސާ ނެގޭގޮތަށް މިހާރުގެ މަޖިލީހަށް ފުރަތަމަ އިސްލާހު ހުށަހެޅުއްވީ އެމްޑީޕީއަށް ނިސްބަތްވާ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އެވެ. ނަމަވެސް، ޕީއެންސީގެ ފުލް ކޮންޓްރޯލް އޮތް މަޖިލީހުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ. އެއަށް ފަހު އިއްޔެ ސަރުކާރުގެ ފަރާތުން ވަނީ އެ އިސްލާހު ހިމެނޭގޮތަށް އިތުރު އިސްލާހުތަކެއް ވެސް ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހަޅުއްވައިފައެވެ.

މިދިޔަ ފަސް އަހަރު ވެރިކަން ކުރި އެމްޑީޕީގެ ސުޕަ މެޖޯރިޓީގައި ވެސް ހިމެނުނު ޒަރީރު ވިދާޅުވީ، ހުށަހަޅާ ކޮންމެ ބިލަކާ ދެކޮޅު ހެދުމަކީ ސަރުކާރު ޒިންމާދާރު ކުރުވުން ނޫން ކަމަށާއި އެއީ ޖެއްސުން ކުރުން ކަމަށެވެ.

"ދޮގު ހަދައި ފިތުނަ ފަސާދަ އުފައްދާ މި ވާހަކަތައް ތާ އަބަދު. މި ނޫން ކޮން ކަމެއްތޯ މިތާ އޮތީ. ރާއްޖޭގެ ޕޮލިޓިކަލް ދާއިރާގައި. ކޮބާތޯ އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެން ދައްކަން އޮތް މަންޒަރު؟ އަޅުގަނޑުމެން އެ ބޭފުޅުންނާ ހަވާލުކުރަން މި ޖެހެނީ ފޭރާން ވީދިފައި އޮތް ގައުމެއްތޯ؟" އެމްޑީޕީގެ ވެރިކަން ނިމުނު ފަހުން ކުއްލި ގޮތަކަށް ޕީއެންސީއަށް ސޮއިކުރެއްވި ޒަރީރު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ޒަރީރަކީ ރިޔާސީ އިންތިޚާބު ވެސް ނިމުނު ފަހުން، އެއް ފަހަރާ ކުއްލިއަކަށް އެމްޑީޕީން ވަކިވެ, ޕީއެންސީއަށް ސޮއިކުރި 13 މެންބަރުންގެ ތެރެއިން ބޭފުޅެކެވެ.

comment ކޮމެންޓް