ހއ. ދިއްދޫގައި އެއާޕޯޓު ތަރައްގީކުރުމަށާއި އަސާސީ އެހެނިހެން ބޭނުންތަކަށް ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
ދިއްދޫ ކައުންސިލުގެ ރައީސް ޢަބްދުالله ރަޝީދު 'ސަން'އަށް މިއަދު ވިދާޅުވީ، އެ ރަށުގެ ހުޅަނގުފަރާތު ފަޅު ހިއްކުމުގެ މަސައްކަތް މިއަދު ފަތިހު ހަތަރެއް ޖަހާކަން ހާއިރު ފަށާފައިވާ ކަމަށެވެ.
ދިއްދޫގެ ކައުންސިލަރު ޢަބްދުالله ވަޙީދު މީގެކުރިން ވިދާޅުވީ، އެންމެ އަވަސްވެގެން އެ ރަށުގެ ހުޅަނގުފަރާތު ފަޅު ތިން މަހުގެ ތެރޭ ހިއްކައި ނިމޭނެ ކަމަށެވެ.
ދިއްދޫގައި ބިން ހިއްކަނީ އެއާޕޯޓުތައް ހިންގާ ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިންނެވެ. މި މަޝްރޫއުގައި 110 ހެކްޓަރުގެ ބިމެއް އެ ރަށަށް އިތުރުކުރާނެއެވެ.
ފާހަގަކުރެވޭ ގޮތުގައި ނިމިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ފަހުކޮޅު ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ދިއްދޫގައި އެއާޕޯޓެއް އެޅުމަކީ މި ސަރުކާރުން ގެންގުޅޭ ސަރަހައްދީ ތަރައްގީގެ ސިޔާސަތުގެ ތެރެއިން ކުރަންޖެހޭ ކަމެއް ކަމަށާއި، އެ ރަށުގައި އެއާޕޯޓު އެޅުމަށް އަމަލީ މަސައްކަތް ފެށުމަށްޓަކައި ކަންކަން ތަރުތީބު ކުރެވިފައިވާ ކަމަށެވެ.
މިދިޔަ އަހަރު، އެ ރަށުގެ ބިން ހިއްކުމާއެކު އެއާޕޯޓުގެ އަމަލީ މަސައްކަތް ބާރު ދުވެލީގައި ނިންމައިދޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދިއްދޫގެ ރައްޔިތުންނަށް ދެއްވައިފައެވެ. އަދި އެ މަނިކުފާނު ދެން އެ ރަށަށް ވަޑައިގަންނަވާނީ އެއާޕޯޓުގެ މަސައްކަތް ނިމި، ފުރަތަމަ ޖައްސާ ފްލައިޓުގައި އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
ދިއްދޫގައި އެއާޕޯޓު އަޅަން އެމްޓީސީސީއާ ހަވާލުކުރީ އޭޕްރިލް 19، 2024ގައެވެ. ނަމަވެސް 257.21 މިލިއަން ރުފިޔާއަށް ހަވާލުކުރި އެ މަޝްރޫއު އަދިވެސް ނުފެށެއެވެ.
އެހެންވެ އެ މަޝްރޫއު ނުފެށޭ ސަބަބު ހޯދަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެދުމުން ޓްރާންސްޕޯޓް މިނިސްޓްރީން ކޮމިޓީއަށް ފޮނުވި ސިޓީގައި ވަނީ، ދިއްދޫ އެއާޕޯޓުގެ އެއްވެސް މަސައްކަތެއް ކުރަން އެ މިނިސްޓްރީން ފަށާފައި ނުވާކަމަށް ބުނެފައެވެ.
ހަމައެއާއެކު ކޮންސްޓްރަކްޝަން މިނިސްޓްރީން ކޮމިޓީއަށް ފޮނުވި ސިޓީގައި، ދިއްދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުން އެއްވެސް ފަރާތަކާ ހަވާލު ކޮށްފައި ވެސް ނުވާކަމަށް ބުނެފައިވެއެވެ. އަދި ދިއްދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް އޭޕްރިލް 19، 2024ގައި އެމްޓީސީސީއާ ހަވާލުކޮށްފައިވީ ނަމަވެސް މިހާތަނަށް އެ މަސައްކަތް ވެސް ފެށިފައި ނުވާކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. ހަމައެއާއެކު އެ މަޝްރޫއުގެ ފީޒިބިލިޓީ ސްޓަޑީއެއް ވެސް ހަދާފައި ނުވާކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ދިއްދޫގައި އެއާޕޯޓެއް އަޅާއިރު ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ދިއްދުއަށް ލޯންޗެއްގައި ދިއުމަށް ނަގަނީ 15 ވަރަކަށް މިނެޓެވެ. އަދި ކުޅުދުއްފުށީ ސިޓީ އެއާޕޯޓުން ލޯންޗެއްގައި ދިއްދުއަށް ދާން ވެސް ހޭދަ ވާނީ ވިއްސަކަށް މިނެޓެވެ.