މާލޭގެ ބިންތަކުން ލިބޭ ކުލި ރަނގަޅަށް ނަގައިގެން މާލެ ސިޓީ ކައުންސިލުގެ އާމްދަނީ އެއް ބިލިއަން ރުފިޔާއަށް އިތުރުކުރެވެން އެބައޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.
މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ އަލީ އާޒިމްގެ ކެމްޕެއިން ހަރަކާތެއް ރޭ ވަނީ ބާއްވާފައެވެ. އެ ހަރަކާތުގައި އަލީ އާޒިމަށް ތާއިދުކުރައްވާ ނަޝީދު ވިދާޅުވީ، މާލެ ސިޓީ ކައުންސިލުގެ އާމްދަނީއަކީ އަހަރަކު 425 މިލިއަން ރުފިޔާކަން އެނގިވަޑައިގެންފައިވާ ކަމަށެވެ.
އެ ފައިސާ އެއް ބިލިއަން ރުފިޔާއަށް އިތުރުކުރެވޭނެ ގޮތެއް، އެ މަނިކުފާނު ވަނީ ކިޔައިދެއްވާފައެވެ.
މާލޭ ސިޓީ ކައުންސިލުގެ އާމްދަނީ، އެބައޮތް އެއް ބިލިއަނަށް ގެންދެވެން ހަމައެކަނި ބިމުގެ ކުލި ރަނގަޅަށް ނެގީމައި ވެސް،ކުރީގެ ރައީސް މުހައްމަދު ނަޝީދު
މާލޭގެ ބިމު ކުލީގެ ރޭޓުން މިހާރު ކުއްޔަށް ދީފައި ހުރި ބިންތައް އަގު ކުރުމުން "ކަމެއް ނުކޮށް ތިއްބާ" ސިޓީ ކައުންސިލުގެ އާމްދަނީ އިތުރުވާނެ ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ.
އެކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، އާޒިމަށް ވޯޓު ދޭން ނިންމީ އަސާސީ ކަންތައްތަކެއް ކުރުމަށް އެހީތެރިވެދޭތީ ކަމަށެވެ.

އާޒިމްގެ ކެމްޕެއިން ހަރަކާތުގައި އޭނާއަށް ތާއިދުކުރައްވާ އެމްޑީޕީ ބޭފުޅުންނާއި ނަޝީދު ---- ފޮޓޯ/ އާޒިމް ކެމްޕެއިން
ފާހަގަކޮށްލެވޭ ގޮތުގައި ޓެކްސްގެ ނިޒާމު ތައާރަފުކޮށް ދައުލަތުގެ އާމްދަނީ އިތުރުކުރަން ނަޝީދުގެ ވެރިކަމުގައި 2008 ވަނަ އަހަރުން 2012 ވަނަ އަހަރުގެ ނިޔަލަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އޭގެ ފަހުން އައި ވެރިކަންތަކުގައި ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގުނީ އެހެންވެ ކަމަށް އެ މަނިކުފާނުގެ ސަޕޯޓަރުން ގަބޫލުކުރައްވައެވެ.
މާލޭ ސިޓީގެ މޭޔަރުކަމުގެ ވާދަވެރިކަން ބޮޑުއިރު، ވެރިރަށުގެ ބިންތައް ނުހައްގުން ބަހާލިކަމުގެ ޝަކުވާ ވެސް މި ފަހުން ފެންމަތިވިއެވެ.
މިދިޔަ ނޮވެންބަރު މަހު ސިޓީ ކައުންސިލުން ހާމަކުރި ދަފުތަރުގައިވާ ގޮތުން މާލެއާއި ވިލިމާލޭން 157 ބިމަކާއި ތަނެއް ކުއްޔަށް ދޫކޮށްފައިވެއެވެ. އަދި، ލޯކަލް މާރުކޭޓުތަކުން 363 ގޮޅިއެއް ކުއްޔަށް ދޫކޮށްފައިވާ ކަމާއި، 424 ފައްތިޔާއެއް ކުއްޔަށް ދޫކޮށްފައިވާ ކަމަށް ވެސް ކައުންސިލުން އިއުލާނާ އެކު އާންމުކުރި ލިސްޓުތަކުގައި ފެންނަން އެބަހުއްޓެވެ.
އެ ދަފުތަރުގައި އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ނަހަމަ ގޮތުގައި ބިންތައް ދޫކޮށްފައިވާ ކަމުގެ ތުހުމަތުތައް ވަނީ އަމާޒުވެފައެވެ. އެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި މާލޭން ދެއްވި ބިންތަކެއްގެ މައްސަލަ ހިމެނޭ ގޮތަށް، މާލޭން ނަހަމަ ގޮތުގައި ކުއްޔަށް ދީފައިވާ ބިންތަކުގެ ކޮންޓްރެކްޓުތައް އުވާލަން ކައުންސިލްގެ ޖަލްސާއެއްގައި އެޖެންޑާކޮށްދިނުމަށް ވެސް ހުށަހަޅައިފައިވެއެވެ.
ދަފުތަރުގައި ހިމަނާފައިނުވާ އެއްބަސްވުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށާއި ބިމުގެ ދަފުތަރަށް ޝަކުވާ ހުށަހަޅަން ހުޅުވާލި ފުރުސަތު މިދިޔަ ޑިސެންބަރު މަހުގެ 20އަށް ހަމަވާތީ އަމަލުކުރާނެ ގޮތަކާ މެދު މަޝްވަރާކުރުމަށް ވެސް އެޖެންޑާގައި ހުށަހެޅިއެވެ.
ނަމަވެސް، 18 ކައުންސިލަރުން ތިއްބަވާ މާލެ ސިޓީ ކައުންސިލުގެ ސާފު އަޣުލަބިއްޔަތު އޮންނަ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރުންގެ ތެރެއިން ގިނަ ކައުންސިލަރުން ޖަލްސާއަށް ހާޒިރުނުވާތީ މި މަސައްކަތް ކުރިއަށް ނުގެންދެވި މަހަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.