ސްކޫލް ބަންދު ދުވަސްވަރު ގިނަ އަދަދެއްގެ ދިވެހީން އުމްރާގެ އަޅުކަމަށް ދަތުރުކުރަމުން އަންނައިރު، އުމްރާއަށް ފަހު، ރާއްޖެ އައިސް ބަލިތަކުން ރައްކާތެރިވާން ފިޔަވަޅު އަޅަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.
މި ދުވަސްވަރު، ސުކޫލު ބަންދުވެފައިވާތީ، ގިނަ ބަޔަކު އަންނަނީ، އުމްރާގެ އަޅުކަމަށް ދަތުރުކުރަމުންނެވެ. އާންމުކޮށް، އަޅުކަމަށް ފަހު، އެނބުރި ރާއްޖެ އަންނައިރު ގިނަ ބަޔަކު ތިބެނީ ރޯގާ ޖެހިފައެވެ.
އެހެންވެ، އެޗްޕީއޭއިން ވަނީ، ރާއްޖެ އައުމަށް ފަހު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އިލްތިމާސްކޮށްފައެވެ.
ރޯގާއާއި ވައިރަލް ހުމުން ރައްކާތެރި ވުމުގައި ސަމާލުކަން ދޭންވީ ކަންކަން އެޗްޕީއޭއިން ވަނީ ކިޔައިދީފައެވެ. މިގޮތުން، އަރިދަފުސް ރޯގާ ޖެހިއްޖެ ނަމަ، ކެއްސާ ކިނބިހި އަޅާއިރު، އަނގަމައްޗާއި ނޭފަތް ނިވާކުރުމާއި ހައްޖު ނުވަތަ އުމްރާ އަދާކުރަން އުޅޭއިރު، މާސްކު އަޅައިގެން އުޅުމާއި ގިނަގިނައިން ސައިބޯނި ލައިގެން އަތްދޮވުން ހިމެނެއެވެ.

ސިއްހީ މާހިރަކު އެމްބިއުލާންސެއް ކައިރީގައި: ހައްޖާއި އުމްރާއިން އައުމަށްފަހު، ބަލިތަކުން ރައްކާތެރިވާން ފިޔަވަޅު އަޅަން އެޗްޕީއޭގެ އިލްތިމާސެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ
އިތުރަށް ކުރެވިދާނެ ކަންކަމަކީ:
- ރޯގާ ޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުން
- ރޯގާ ޖެހިފައިވާނަމަ، ކުޑަކުދިން ކައިރިއަށް ނުދިޔުމާއި އެ ކުދިން އުރާ ނުހެދުން
- ހައްޖުން ނުވަތަ އުމްރާއިން އެނބުރި އަންނަތާ 14 ދުވަހުގެ ތެރޭގައި ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން، މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، އަވަހަށް ޑޮކްޓަރަށް ދެއްކުން
- ޑޮކްޓަރަށް ދައްކާއިރު، ހައްޖުން ނުވަތަ އުމްރާއިން އެނބުރި އައި މީހެއް ކަމުގެ މައުލޫމާތު ދިނުން
އެ އެޖެންސީން ވަނީ، ރޯގާ ޖެހި، ހުން އައިސްފިނަމަ، ގޭގައި ކުރެވިދާނެ ކަންކަން ވެސް ކިޔައިދީފައެވެ. އެގޮތުން، ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުމާއި އަރާމު ކުރުމާއި ހުންގަދަ ނަމަ، އާދައިގެ ތާފަނާ ފެން، ގައިގައި ހޭކުމުގެ އިތުރަށް ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް، ޑޮކްޓަރެއްގެ މަޝްވަރާއާ ނުލައި ބޭނުން ނުކުރުން ހިމެނެއެވެ.
ބަލިތަކުން ރައްކާތެރިވާން އެޗްޕީއޭއިން އިލްތިމާސްކުރިއިރު، ނިމުނު ޑިސެމްބަރު މަހާއި މި މަހު، 7،726 މީހުން ރާއްޖޭން އުމްރާގެ އަޅުކަމަށް ސައުދީއަށް ދިޔުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
އުމްރާއަށް ދިޔަ މީހުން އަންނަ ހަފުތާގައި އެނބުރި އަންނަން ފަށާނެއެވެ. އަދި، ހައްޖާއި އުމްރާގެ އަޅުކަމުން މީހުން އަންނަ ދުވަސްވަރާ ދިމާކޮށް، ވަކި ފްލޫ ކުލިނިކުތައް ބައެއް ފަހަރަށް ގާއިމުކުރެއެވެ.