މި ސްކޫލު ބަންދުގައި 7726 މީހުން ރާއްޖޭން, އުމްރާގެ އަޅުކަމަށް ސައުދީއަށް ދިއުމަށް ނިންމާފައިވާ ކަމަށް, އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު, މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ޑިސެންބަރު މަހާއި ޖެނުއަރީ މަހު ރާއްޖެއިން 7726 މީހުން އުމްރާގެ އަޅުކަން އަދާކުރަން މައްކާއަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އުމްރާވެރިން ސައުދީއަށް ފުރަން ފަށާނީ, މި ހަފުތާގައި ކަމަށް ޝަހީމް ވިދާޅުވިއެވެ.
އަހަރުގެ އެކި ދުވަސްވަރު އުމްރާއަށް ދިއުމަކީ މިހާރު ދިވެހީންގެ މެދުގައި އާއްމު ކަމެކެވެ. ބައެއް އާއިލާތައް އެކުގައި އުމްރާއަށް ގޮސް ހަދައެވެ. ގިނަ ޖަމާއަތްތަކެއް އެ ޚިދުމަތް ދެމުންދާއިރު ގިނަ ބަޔަކު ދަނީ ޖަމާއަތްތަކަށް ފައިސާ ދައްކައިގެންނެވެ.
މީގެ ކުރިން ހަމައެކަނި ޖަމާއަތެއްގެ އެހީތެރިކަމުގައި އުމްރާއަށް ދެވުނު ނަމަވެސް މިހާރު އަމިއްލައަށް ވެސް އެ އަޅުކަމަށް ދެވެއެވެ. އެހެންވެ އެގޮތަށް ވެސް އުމްރާއަށް ދިއުމަކީ މިހާރު އާއްމު ކަމެކެވެ.