މެލޭޝިއާގައި ހަލުވިކަމާއި އެކު ޓީބީ ފެތުރެމުން އަންނާތީ، ރާއްޖޭގައި ރިސްކް އެސެސްމަންޓު ހަދަން ފަށައިފިއެވެ.
މެލޭޝިއާއަކީ ދިވެހިން، އެކިއެކި ބޭނުންތަކުގައި އާންމުކޮށް ދަތުރު ކުރާ ގައުމެކެވެ.
އެޗްޕީއޭގެ މީޑިއާ އޮފިޝަލަކު، 'ސަން' އަށް ވިދާޅުވީ، މެލޭޝިއާގައި ޓީބީ އިތުރުވަމުން އަންނާތީ ރާއްޖޭގައި ރިސްކް އެސެސްމަންޓް ހަދަމުން އަންނަ ކަމަށެވެ. އަދި އެސެސްމަންޓް ނިމުމުން މައުލޫމާތު ހިއްސާ ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.
މެލޭޝިއާގެ ހެލްތު މިނިސްޓްރީން ބުދަ ދުވަހުގެ ނިޔަލަށް އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ކޭސް ރިޕޯޓްކޮށްފައި ވަނީ ސަބާ އިންނެވެ. އެއީ 755 ކޭހެވެ. މީގެ އިތުރުން ސެލަންގޯ އިން 596 ކޭސް އަދި ސަރަވަކް އިން 332 ކޭސް ފެނިފައިވާ ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
މެލޭޝިއާގައި ކެއްސުން ބަލި ނުވަތަ ޓީބީ ޖެހޭ މީހުންގެ އަދަދު 2023 ވަނަ އަހަރު 5.5 އިންސައްތަ އިތުރުވެ، 26,781 އަށް ވަނީ އަރާފައެވެ. އަދި 2026 ވަނަ އަހަރުގެ ކުރީކޮޅު މި އަދަދު 10 އިންސައްތައަށް އިތުރުވެފައިވުމަކީ، މި ބަލި އަލުން ފެތުރެމުންދާކަން ހާމަކޮށްދޭ ކަމެއްކަމަށް ރިޕޯޓުތައް ބުނެއެވެ.
ޓީބީއަކީ ބަލިޖެހިފައިވާ މީހަކާ ގާތްކޮށް ގިނަ ވަގުތު އުޅުމުގެ ތެރެއިން ފެތުރޭ ބައްޔެކެވެ. ބަލި އިތުރުވަމުންދާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށިވުމާއި، ބަލި ދެނެގަތުން ލަސްވުމުގެ އިތުރުން، ފަރުވާ ފުރިހަމަނުކުރުމުގެ ސަބަބުން ބޭހަށް ނުގުޑާ ބައްޔަކަށް ޓީބީ ބަދަލުވުން ހިމެނެއެވެ.
ގިނަ ދުވަހަށް ކެއްސުން ފަދަ އަލާމާތްތައް ފެންނަނަމަ، ބަލި އަވަހަށް ދެނެގަތުމަކީ ފަރުވާގެ އެންމެ މުހިންމު ބައެވެ. ޓީބީއަކީ ފަރުވާގެ މުއްދަތު ދިގު، އަދި ވަކި ހަމަތަކަކުން ފަރުވާ ކުރަންޖެހޭ ބައްޔެއް ނަމަވެސް، މިއީ މުޅިން ފަސޭހަކުރެވޭ ބައްޔެކެވެ.
ދެހާސްތިރީސްވަނަ އަހަރާ ހަމައަށް، ޓީބީ މަދުކުރެވިފައިވާ ގައުމަކަށް ހެދުމަށް ރާއްޖޭން މަސައްކަތް ފަށާފައިވާއިރު، 100 ރަށެއްގައި ޓީީބީ ނައްތާލެވިފައިވާ ކަމަށް ކަނޑައަޅަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ކުރިން ވަނީ ބުނެފައެވެ.