އަންނަ އޭޕްރިލް މަހުގެ ކުރީކޮޅު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުންގެ ތެރެއިން ހަތަރު ކޮމާންޑަރަކު ހަމަޖައްސައިފިއެވެ.
އެ ހަތަރު ކޮމާންޑަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ، ފުލުހުންގެ ކޮމިޝަނަރުގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ކޮމިޝަނަރު އިސްމާޢީލް ނަވީނެވެ.
ފުލުހުން ބުނީ، އެ ހަތަރު ކޮމާންޑަރުން ނަވީނާއެކު ބޭއްވި ބައްދަލުވުމުގައި، އިންތިޚާބުގެ އެންމެހާ ކަންކަން އަމާންކޮށް ގެންދިއުމަށާއި، އާންމުންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމަށް މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށެވެ.
މި އިންތިޚާބުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުންގެ ތެރެއިން ހަމަޖައްސާފައި ވަނީ:
- ކޮމާންޑަރު ކަމަށް އެސިސްޓަންޓް ކޮމިޝަނަރު ޢަބްދުالله ޝަރީފް
- ޑެޕިއުޓީ ކޮމާންޑަރަކަށް ޗީފް ސުޕްރިންޓެންޑެންޓް ޙުސައިން ސަމީރު
- ޗީފް ޓެކްނޮލޮޖީ އޮފިސަރުކަމަށް ޗީފް ސުޕްރިންޓެންޑެންޓް އަޙްމަދު ޢާތިފް
- ޓެކްޓިކަލް ކޮމާންޑަރުކަމަށް ސުޕްރިންޓެންޑެންޓް ޢަބްދުލްމަތީން ޢަބްދުލްކަރީމް
ރާއްޖޭގައި ބާއްވާ އެކި އިންތިޚާބުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އޮޕަރޭޝަން ކޮމާންޑަރުން އައްޔަންކޮށް، ކޮންމެ އިންތިޚާބަކަށް ވެސް ފުލުހުން އަބަދުވެސް ތައްޔާރުވެއެވެ.
މިއަހަރުގެ ކައުންސިލު އިންތިޚާބު އޮންނަނީ އަންނަ އޭޕްރިލް މަހުގެ ހަތަރުވަނަ ދުވަހެވެ. ފާހަގަކުރެވޭ ގޮތުގައި އިންތިޚާބަށް ތައްޔާރުވުމަށްޓަކައި ސިޔާސީ ޕާޓީތަކުން އަންނަނީ އެކި މަސައްކަތްކުރަމުންނެވެ. އެގޮތުން ވެރިކަންކުރާ ޕީއެންސީގެ ފަރާތުން ކައުންސިލު އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް މިދިޔަ މަހުގެ 27ގައި ޕްރައިމަރީ ބޭއްވިއިރު، އިދިކޮޅު އެމްޑީޕީން ޕްރައިމަރީ ބާއްވާނީ މިމަހުގެ 16ވަނަ ދުވަހެވެ.
މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ވަނީ، އިންތިޚާބުގައި ބައިވެރިވާ އޮފިޝަލުން ތަމްރީނުކުރުމުގައި ބައިވެރިވާ ފަރާތްތަކަށް ތަމްރީނު ދިނުމުގެ ޕްރޮގުރާމެއް މިދިޔަ ހަފުތާ ބަންދުގައި ފަށައިފައެވެ.