ޔުނިފޯމުގައި ކަރުބެދޭހެން ޓައި އަޅައި ކޯޓުލެއްވުމަކީ ދަރިވަރުންނަށްދެވޭ އަނިޔާއެއް: ޑރ. ޙަސަން

ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ޙަސަން ޙަމީދު: އަލަށް އެކުލަވާލި، ސްކޫލުތަކުގެ ދަރިވަރުން ޔުނިފޯމް ލުމަށް އެކުލަވާލި ސިޔާސަތުގައި މައްސަލަތައް އެބަހުރި ކަމަށާއި އެކަމަކު މިއީ ކުރިއެރުމެއް ކަމަށް ލިޔުއްވި

ދަރިވަރުންގެ ޔުނިފޯމު ރާއްޖޭގެ މާހައުލާ ގުޅެން ޖެހޭނެ ކަމަށާއި، ޔުނިފޯމުތަކުގައި ކަރު ބެދޭހެން ޓައީއާއި ކޯޓު ފަޓުލޫނު ލާން ޖެހޭ ގޮތް ހެދުމަކީ ދަރިވަރުންނަށް ދެވޭ އަނިޔާއެއް ކަމަށް، ގައުމީ ޔުނިވާސިޓީގެ ކުރީގެ ޗާންސެލަރު ޑރ. ޙަސަން ޙަމީދު ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ކަނޑައެޅި އާ އުސޫލުގައި ޔުނިފޯމުގެ ގަމީހުގެ ކުލަތައް ކަނޑައެޅުމުގައި ބަލާފައިވަނީ މިނިސްޓްރީގެ ކުލައާއި ގައުމީ ދިދައިގެ ކުލަތަކާ ގުޅުވުމަށް ކަމަށާއި، ފަޓުލޫނު ގަދަ ކުލައެއްގައި ބެހެއްޓުމަށް ކަމަށް، ބަޔާންކޮށްފައިވެއެވެ.

އަންނަ އަހަރުން ފެށިގެން އަމަލުކުރާ އެ އުސޫލުގައިވާ ގޮތުން، އިސްތިސްނާވަނީ ޢަރަބިއްޔާ ސުކޫލު އެކަންޏެވެ.

އެހެންކަމުން މި ބަދަލާއެކު، ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމާއެކު ބޭނުން ކުރާނީ އެއްވެސް ޑިޒައިނެތް ނެތް ކަޅު ކުލައިގެ ޓްރެކްސޫޓެވެ.

އަދި އާ އުސޫލުގައިވާ ގޮތުން، ކީސްޓޭޖު އެކަކާއި ދޭއްގެ ދަރިވަރުން ގަމީސް ހުންނަންވާނީ ދަށަށް ޖަހައިފައެވެ. ބެޖު ހުންނަންޖެހޭނީ ޖީބުގައި ހަރުކޮށްފައެވެ. މި ދަރިވަރުން ޓައީ އަޅާކަށް ނުޖެހޭނެއެވެ. އަދި، ކީސްޓޭޖު ތިނަކާއި ހަތަރެއްގެ ދަރިވަރުން ޔުނީފޯމާއެކު ޓައި އަޅާނީ ސްކޫލުން ބޭނުންވާ ނަމައެވެ. އެހެންނަމަވެސް ކީ ސްޓޭޖް ފަހެއްގެ ދަރިވަރުންނަށް ޓައީއަކީ ޔުނީފޯމުގެ ބައެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

https://sun.mv/214858

އެކަމަށް އިޝާރާތްކުރައްވައި، އަމިއްލަ ބްލޮގުގައި ޑރ. ޙަސަން ލިޔުއްވާފައިވަނީ، ރާއްޖެއަކީ ހޫނު އަދި ޖައްވުގެ ތެތްކަން ބޮޑު ޤައުމަކަށްވާއިރު، ރާއްޖޭގައި ދިރިއުޅޭ ދަރިވަރުންގެ ޔުނިފޯމު، މާހައުލާ ގުޅެން ޖެހޭނެ ކަމަށެވެ.

"ކަރު ބެދޭ ގޮތަށް ޓައީ އެޅުމާއި ހެދުމުގެ މަތިން ސަދުރިޔާ އާއި ކޯޓުލުމަކީ ބޭރު ގައުމުތަކުގެ ފިނި ހިސާބުގައި ހެދުން އަޅާ ގޮތެކެވެ. މިރި ނުވެ ގަބުޅިއަށް ވާގޮތަށް، ނުވަތަ ޔަޤީނުން ވެސް މާޔޫސްވާނޭ އުއްމީދުތަކެއް އުދަވާގޮތަށް، ކުޑަކުދީންނާ މެދު އަމަލުކުރުމަކީ އެކުދީންނަށް ދެވޭ އަނިޔާއެކެވެ." ޙަސަން ލިޔުއްވާފައިވެއެވެ.

ސުކޫލު ކުދިން ޔުނިފޯމު އެޅުމުގައި މިހާރު އަމަލުކުރަމުންދާ ގޮތަށް ބަލާއިރު، ސަރުކާރުން ކަނޑައެޅި އާ އުސޫލަކީ ކުރިއެރުމެއް ކަމަށާއި، ނަމަވެސް، އެ އުސޫލުގައި މައްސަލަތަކެއް އެބަހުރި ކަމަށާއި، އިސްލާހުތަކެއް ބޭނުންވާ ކަމަށް ޙަސަން ލިޔުއްވާފައިވެއެވެ.

އާ އުސޫލުގެ ދަށުން ޢަރަބިއްޔާ ސުކޫލުގެ ޔުނިފޯމު އިސްތިސްނާ ވާ ހާލަތަށް އިޝާރާތްކުރައްވައި ޙަސަން ލިޔުއްވިގޮތުގައި، ކުރިއަށް އޮތް ތަނުގައި އެތައް ސުކޫލަކުން އަމިއްލަ ޔުނިފޯމުތައް ބޭނުންކުރާ ގޮތަށް ހެދުމަށް އެދޭނެއެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިސްތިސްނާ ކުރަންވީ އެހެން ޔުނިފޯމުތައް ވެސް އެބަހުއްޓެވެ. ދީނީ ގޮތުންނާއި ޤގައުމީ ގޮތުން ބަލާއިރު، އިގުތިޞާދީ ގޮތުންނާއި ސިއްހީ ނަޒަރުން ވިސްނާއިރު، ސިޔާސަތުގައި ރަނގަޅު ކުރެވޭނޭ ކަންކަން އެބަހުއްޓެވެ," ޙަސަން ލިޔުއްވާފައިވެއެވެ.

އެއާއެކު، ޔުނިފޯމެއްގައި ހުންނަން ޖެހޭ ކަމަށް ޙަސަން ގަބޫލުކުރައްވާ ސިފަތަކެއްވެސް ލިއުމުގައި ފާހަގަކުރައްވާފައިވެއެވެ.

ޙަސަން ލިޔުއްވިގޮތުގައި ޔުނިފޯމެއްގެ މައިގަނޑު އެއް ބޭނުމަކީ ދަރިވަރުންގެ މެދުގައި އޮންނަ ތަފާތުކުރުންތައް ނައްތާލައި، އެއީ ހަމަހަމަ ބައެއްކަން ރަމްޒުކޮށްދިނުމެވެ. ދަރިވަރުންގެ ޔުނިފޯމު ވާން ވާނީ އެ ބައެއްގެ މާހައުލާ ގުޅޭ ޔުނިފޯމަކަށް ކަން ފާހަގަކުރައްވައި، ރާއްޖޭގެ ޔުނިފޯމު ވާން ވާނީ ރާއްޖޭގެ މާހައުލާ ގުޅޭ އެއްޗަކަށް ކަމަށް، ޙަސަން ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން، އަސާސީ ޚިދުމަތްތަކެއް ކޮށް ކޮންމެ ތިން މަހުން ޔުނިފޯމެއް ގަނެވޭހާ ވަރަށް ޔުނިފޯމުގެ އަގުހެޔޮވާން ޖެހޭ ކަމާއި، ޔުނިފޯމުގެ ކޮންމެވެސް ކަންތައްތަކަކުން ދަރިވަރުންގެ ހިތްތަކުގައި ގައުމީ ލޯބި އުފައްދަން ޖެހޭ ކަން ޙަސަން ފާހަގަކުރެއްވިއެވެ.

ޙަސަން ލިޔުއްވިގޮތުގައި، ރާއްޖޭގައި ޔުނިފޯމުގެ ކަންކަން މިހާރު ހިނގަމުންދާ ގޮތަށް ބަލާއިރު، އާ ސިޔާސަތަކީ މައިގަނޑުގޮތެއްގައި އެދެވޭ އިސްލާހެކެވެ. އެގޮތުން އިސްލާމީ ނަޒަރަކުން ބަލާއިރު، ދެ ޖިންސުގެ ހެދުން ތަފާތުކުރަން ޖެހޭ ކަމަށް ޙަސަން ލިޔުއްވާފައިވެއެވެ.

ޔުނިފޯމާއެކު ޓައީ އެޅުމުގެ މަގުސަދާ މެދު ސުވާލު އުފައްދަވައި ޙަސަން ލިޔުއްވިގޮތުގައި، ދަރިވަރުންނަށް ފަސޭހަކަމާއެކު ހެލިފެލިވެ އުޅެވޭ ގޮތަށް ގަޔަށް ފަސޭހަ ޔުނިފޯމެއް ބޭނުންކުރުމަކީ އަލަށް އެކުލަވާލި އެއް މަގުސަދެވެ.

"ނަމަވެސް، ކަރުގައި ”މާނިޔަ މަހެއް“ އައްސައިގެން މަދަރުސާގައި އުޅޭއިރު، މި މަގުސަދު ހާސިލުވާނެކަމަކަށް އަޅުގަނޑަކަށް ނުފެނެއެވެ. ޔުނިފޯމު، އެއް މިންގަނޑަކަށް ހިފެހެއްޓުމަކީ މަގުސަދުކަމަށް ވިޔަސް، ދަށު ސާނަވީގައި ޓައީ އެޅުމާއި ނޭޅުމުގެ މަނަސް މަދުރަސާތަކަށް ދޫކޮށްލުމުން މި މަގުސަދެއް ހާސިލެއް ނުވާނެއެވެ. މަގުސަދުގައިވަނީ އައު ޔުނިފޯމުގެ އެއް ބޭނުމަކީ އަގުހެޔޮކޮށް ފަސޭހައިން ޔުނިފޯމު ލިބޭނޭ ގޮތް ހަމަޖެއްސުން ކަމަށެވެ. ނަމަވެސް، ޓައީއެއް އަޅާނަމަ، އަދި ޓައީގައި މަދަރުސާގެ ބެޖު ޖަހާ ނަމަ، ޓައީ ނޭޅުމަށް ވުރެ ކުރަންޖެހޭ ޚަރަދު ބޮޑުވާނެ ކަމަށް ފެނެއެވެ." ޙަސަން ލިޔުއްވާފައިވެއެވެ.

ހަމަ އެހެންމެ، ޓައީގެ ސަބަބުން ދަރިވަރުން ދާހިއްލައި، ކިޔެވުމަށް ސަމާލުކަން ދޭ ދިނުން ކުޑަވެގެން ދާނެ ކަމަށާއި، ކިލާސްރޫމްތައް އޭސީކުރުމަށް ދާ ޚަރަދު ބޮޑުވާނެ ކަމަށް ޙަސަން ލިޔުއްވާފައިވެއެވެ.

ޙަސަން ލިޔުއްވިގޮތުގައި، ސުކޫލުކުގެ ބެޖު ހުންނަންވާނީ ތާނަ އަކުރުންނެވެ. ސަބަބަކީ، ގާނޫނުއަސާސީ އާއި ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނުގައި ރާއްޖޭގެ ރަސްމީ ބަހަކީ ދިވެހި ބަސްކަމަށް ލިޔެފައިވާތީ ކަމަށް، ޙަސަން ލިޔުއްވާފައިވެއެވެ. އަދި ޔުނިފޯމުތަކުގައި ޖަހަންވާނީ ރާއްޖޭގެ ފެހުންތެރިންނަށް ފަސޭހައިން ޖެހޭ ބެޖެއް ކަމަށް ލިޔުއްވިއެވެ.

comment ކޮމެންޓް