ބޮލީވުޑްގެ މަގުބޫލު އެކްޓަރު ސައިފް އަލީ ޚާން އެކްޓަރަށް ލިބިފައިވާ ހަތަރު ކުދިން ތަރުބިއްޔަތު ކުރަމުން އަންނަގޮތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް ބުނެ މަންމަ ޝަރުމިލާ ޓޭގޯރް ސައިފަށް ތައުރީފުކޮށްފިއެވެ.
ކުރީގެ މަޝްހޫރު ބަތަލާ ޝަރުމިލާ ދާދިފަހުން ވަނީ އަންހެން ދަރިފުޅު އަދި ބަތަލާ ސޮހާ އަލީ ޚާން ގެނެސްދެމުން އަންނަ ޕޮޑްކާސްޓް 'އޯލް އަބައުޓް ހާ'ގައި ބައިވެރިވެ އާއިލީ ގުޅުންތަކާ ބެހޭގޮތުން ވާހަކަ ދައްކާފައެވެ.
ޝަރުމިލާއާ އެކު މާމަ ދަރިފުޅު އަދި ސައިފްގެ ދޮށީ ދަރިފުޅު ބަތަލާ ސާރާ އަލީ ޚާން ވެސް މި ޕޮޑްކާސްޓްގައި ބައިވެރިވިއެވެ. ޝަރުމިލާ ސައިފް ސިފަކޮށްފައި ވަނީ ވަރަށް ރަނގަޅު އަދި ކުދިން ދެކެ އިންތިހާއަށް ލޯބިވާ ބައްޕައެއްގެ ގޮތުގައެވެ.
މީގެ އަހަރުތަކެއް ކުރިއަށްޖެހިލާއިރު ޝަރުމިލާމެން ކުދިން ބޮޑެތި ކުރުމާއި ތަރުބިއްޔަތު ކުރުމުގައި މުޅިންވެސް ބަރޯސާވީ މައިންބަފައިނަށާއި އާއިލާގައި ތިބޭ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ނަމަވެސް އެ މަންޒަރު މުޅިން ބަދަލުވެ މިހާރުގެ މައިންބަފައިން ކުދިން ތަރުބިއްޔަތު ކުރުމުގައި އެހީ ހޯދަނީ ފޮތްތަކާއި އެކީގައި އުޅޭ ރަހްމަތްތެރިންގެ ފަރާތުން ކަމަށް ޝަރުމިލާ ވަނީ ބުނެފައެވެ.

ޝަރުމިލާގެ ތިންކުދިން ކަމަށްވާ ސައިފް އަލީ ޚާން، ސޮހާ އަލީ ޚާން، ސަބާ، ޅީދަރިފުޅު ކަމަށްވާ ކަރީނާ އަދި މާމަ ކުދިންނާ އެކު-- ފޮޓޯ/އިންޑިއަންއެކްސްޕްރެސް
ޝަރުމިލާގެ ކައިވެންޏަށް ލިބުނު ތިން ކުދިންގެ ތެރެއިން ދެ ކުދިން ކަމަށްވާ ސޮހާ އާއި ސައިފް ކައިވެނިކޮށް ކުދިން ލިބި އެކުދިން ތަރުބިއްޔަތުކުރާ މަންޒަރު ފެނުމަކީ ހަގީގަތުގައި ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި ކުދިން ތަރުބިއްޔަތު ކުރުމުގައި ގެންގުޅޭ ހަމަތަކާއި އުސޫލުތައް ފެނުމުން އެކަމާ ފަޚުރުވެރިވާ ކަމަށް ކުރީގެ މަޝްހޫރު ބަތަލާ ބުނެފައިވެއެވެ.
ސައިފް ކުރިން ކައިވެންޏެއްކޮށް އެ ކައިވެންޏަށް ދެ ކުދިން ލިބި ކައިވެނި ރޫޅުނު ނަމަވެސް އޭގެ ނޭދެވޭ އަސަރު އެ ދެކުދިންގެ ދިރިއުޅުމަށް ނުކުރާ ކަމަށާއި ކުދިން ބޭނުންވި ކޮންމެ ދަނޑިވަޅެއްގައި ބައްޕައެއްގެ ހައިސިއްޔަތުން އެ ކުދިން ގާތު ސައިފް އަބަދުވެސް ހުންނަ މަންޒަރު ފެނިފައިވާ ކަމަށް ޝަރުމިލާ ވަނީ ބުނެފައެވެ.
ހަމައެއާއެކު ސާރާ އާއި އިބްރާހީމްގެ ކިޔެވުމަށް ސައިފް އިސްކަންދިންއިރު އެކްޓަރެއްގެ ޒިންމާވެސް ފުރިހަމައަށް އަދާކުރަމުންދިޔަ ކަމަށް ޝަރުމިލާ ބުނެފައިވެއެވެ.
ސައިފް ބަތަލާ ކަރީނާ ކަޕޫރާ އެކު ދެވަނަ ކައިވެންޏެއްކޮށް އެ ކައިވެންޏަށް ދެ ކުދިން ލިބިފައިވާއިރު އެ ކުދިންނާ ތަރުބިއްޔަތު ކުރުމުގައި ވެސް ސައިފްގެ ދައުރު ވަރަށް ބޮޑު ކަމަށް އުމުރުން 81 އަހަރުގެ ބަތަލާ ވަނީ ބުނެފައެވެ.
ޝަރުމިލާގެ އާއިލާއަށް މި ވޭތުވެދިޔަ އަހަރުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިއިރު އޭގެތެރޭގައި ސައިފަށް އަމާޒުވި ހަމަލާ ފާހަގަކޮށްލެވޭ ކަމަށް ސާރާ ވަނީ ބުނެފައެވެ.
އެފަދަ ކޮންމެ ދަނޑިވަޅެއްގައި އާއިލާގެ ހުރިހާ މެމްބަރުންނަށް ވެސް ހިތްވަރުދިނުމުގައި މާމަ ޝަރުމިލާ ހުންނަކަން ފާހަގަކޮށް ދިރިއުޅުމުގައި ނަމޫނާ ޝަހުސިއްޔަތެއްގެ ގޮތުގައި ސާރާ ބަލާ މުހިއްމު އެކަކީ މާމަ (ބަޅީ އައްމާ) ކަމަށް ސާރާ ވަނީ ބުނެފައެވެ.