ފިލްމު 'އޯއެމްޖީ 3'އަށް ވެސް އަކްޝޭ، ބަތަލާއަކަށް ރާނީ

ބޮލީވުޑް ތަރިން ކަމަށްވާ ރާނީ މުކަރުޖީ އަދި އަކްޝޭ ކުމާރު--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ އެކްޓަރު އަކްޝޭ ކުމާރު ލީޑް ރޯލް ކުޅެމުން އަންނަ މަގުބޫލު ފްރެންޗައިސް ފިލްމު "އޯއެމްޖީ – އޯ މައި ގޯޑް"ގެ ތިން ވަނަ ފިލްމުގެ ލީޑް ރޯލުން ވެސް ފެންނާނީ އަކްޝޭ ކުމާރުކަމަށް ބުނެފިއެވެ.

އަކްޝޭއާ އެކު މި ފިލްމުން ބަތަލާގެ ރޯލްއިން ފެންނާނީ ފިލްމީ ތަރި ރާނީ މުކަރުޖީއެވެ. އަކްޝޭ އާއި ރާނީ އަކީ ވަރަށް ގާތް އެކުވެރިން ކަމަށްވިޔަސް މިހާތަނަށް ދެ ތަރިން އެކީގައި އެއްވެސް ފިލްމެއްގައި މަސައްކަތްކޮށްފައެއް ނުވެއެވެ.

އެހެންކަމުން ދެ ތަރިން އެކީގައި ފުރަތަމަ ފަހަރަށް މަސައްކަތްކުރާނެ ފިލްމު "އޯއެމްޖީ 3" ވާނީ ދެ ތަރިންގެ ކެރިއަރުގެ ވެސް ވަރަށް ތާރީޚީ ފިލްމަކަށެވެ.

އަކްޝޭ ފިލްމު 'ޢޯއެމްޖީ 2"ގެ މަންޒަރެއްގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ފިލްމު "އޯއެމްޖީ"އަކީ މުޖްތަމައުތެރެއިން އާއްމުކޮށް ފެންނަ އެހެންނަމަވެސް ސަމާލުކަން ކުޑަ އިޖުތިމާއީ މައްސަލަތަކުގެ މައްޗަށް ބިނާކޮށްގެން އުފައްދަމުން އަންނަ ފްރެންޗައިސްއެކެވެ.

މިހާތަނަށް މި ފްރެންޗައިސްގެ ދަށުން ދެ ފިލްމެއް ރިލީޒްކޮށްފައިވާއިރު ފުރަތަމަ ފިލްމު ބެލުންތެރިންނަށް ގެނެސްދިނީ 2012 ވަނަ އަހަރުއެވެ. ދެވަނަ ފިލްމު ގެނެސްދިނީ 2023ވަނަ އަހަރުއެވެ.

އަމިތު ރާއީ ޑައިރެކްޓްކޮށް ވިއަކޮމް 18 މޯޝަން ޕިކްޗާސްއިން ގެނެސްދެމުން އަންނަ މި ފްރެންޗައިސްގެ ތިން ވަނަ ފިލްމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި ފިލްމުގެ އަމަލީ މަސައްކަތް މި އަހަރުގެ ކުރީކޮޅު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެ ސްޓޫޑިއޯއާ ހަވާލާދީ ރިޕޯޓުތަކުން ވަނީ ބުނެފައެވެ.

ހަމައެއާއެކު ފިލްމުގެ ކާސްޓަށް އަކްޝޭ ކުމާރު ނަގާފައިވާ ކަމަށާއި ފިލްމަށް ރާނީ ހޮވާފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ. "އޯއެމްޖީ 3"ގައި ރާނީ ފެންނާނީ ކެމޯ ރޯލަކުން ނޫން ކަމަށާއި ފިލްމުގެ ވާހަކަ ބިނާކޮށްފައި ވަނީ އަންހެނުންނަށް ކުރިމަތިވާ އަންހެނުންނާ ގުޅޭ އިޖުތިމާއީ މައްސަލައަކަށް ވުމުން ރާނީ އަކީ ފިލްމުގެ ވަރަށް މުހިއްމު ރޯލެއް ކުޅޭނެ ތަރިއެއް ކަމަށް ވެސް ފިލްމީ ޚަބަރުތައް ބުނެއެވެ.

ފިލްމު "އޯއެމްޖީ 3" އިން އަކްޝޭ އާއި ރާނީ ފެނުމަކީ 90އިގެ ފިލްމުތަކަށް ލޯބިކުރާ ބެލުންތެރިންނަށް ދެވޭނެ ވަރަށް ރަނގަޅު ހަދިޔާއެއް ކަމަށް ވިއަކޮމް 18 މޯޝަން ޕިކްޗާސްގެ ފަރާތުން ވާހަކަ ދެއްކި މީހަކު މީޑިއާގައި ވަނީ ބުނެފައެވެ.

comment ކޮމެންޓް