މި އަހަރު ދީނީ ގޮތުން އަހަރެން.

ލޮބުވެތި ހުރިހާ ކިޔުންތެރިންނަށް މީލާދީ އައު އަހަރަކަށް މަރުޙަބާ ކިޔަމެވެ. މި އަހަރަކީ ހުރިހާ ގޮތަކުން ވެސް ކާމިޔާބު އަހަރަކަށްވުން އެދެމެވެ. ޚާއްޞަކޮށް ދީނީ ގޮތުން ތިބާ މިހާރު ހުރި ހަރުފަތައްވުރެ މަތީ ހަރުފަތަކަށް ދެވޭތޯ އިޚުލާޞްތެރި ހިތަކުން ދުޢާކޮށްދެމެވެ.

ލޮބުވެތި ކިޔުންތެރިންނޭވެ! "މި އަހަރު ދީނީ ގޮތުން އަހަރެން ހުންނާނީ ކޮން ހަރުފަތެއްގައިބާ؟" މި ސުވާލު އަމިއްލަ ނަފުސާ ކުރާށެވެ. އަދި އެދެވޭ ޖަވާބެއް ހޯދާށެވެ! އެ ޖަވާބާ އެކު ތިބާ ހުންނަން އުންމީދުކުރާ ހަރުފަތަށް ވާސިލުވުމަށް ކުރާންހުރި މަސައްކަތްތަކާ މެދު ވިސްނައިލާށެވެ. އެ ހަރުފަތާ ހަމައަށް ވާސިލުވާން ތިޔަ އެދުނު ހިސާބަކީ އުނދަގުލަކައިނުލާ ފޯރޭނެ ހިސާބެއް ކަން ޔަޤީން ކުރަން ވާނެއެވެ. އެހެން ނޫނީ އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރު ވެސް، ފޯރިއާ އެކު ފަށާ އިޞްލާޙީ މަސައްކަތް ފަނުފުލުން ހިނގައިދާނެއެވެ.

ފަސޭހަމަކާ އެކު ދީނީ ދަރަޖަ މަތިކުރެވޭނީ ކުއްލިއަކަށް ދިގު އޮޅިއެއް ގިރައިނުކޮށް، ހަރުދަނާކަމާ އެކު ކުދި އޮޅިތައް ގިރާކޮށްގެންނެވެ. ކުރެވޭ ވަރަކުން ޢަމަލުކޮށްގެންނެވެ. މިހާރު ވެސް އުޅެމުން ތި އަންނަ ޢާދީ ދިރިއުޅުމުގެ ތެރެއަށް ދީނީ ކަންކަން މަޑުމަޑުން ވައްދައިގެންނެވެ. މިސާލެއްގެ ގޮތުން ބުނަންޏާ މިހާރު ވެސް އެބަ ނަމާދުކުރަމު ނޫން ހެއްޔެވެ؟ މިހާރު ނަމާދުކުރެވެނީ ވަގުތުގެ ކުރީކޮޅުގައި ނޫން ކަމަށް ވާ ނަމަ، މި އަހަރުގެ ފެށުމުގައި ކަނޑައެޅިދާނެ އެއް ލަނޑުދަނޑިއަކީ ވަގުތުގެ އެންމެ ކުރީކޮޅުގައި ނަމާދުކުރުމަށް ޢަޒުމު ކަނޑައެޅުމެވެ.

ޢަޒުމު ކަނޑައެޅުމަކީ ވެސް އާދައިގެ ކުޑަ ކަމެއް ނޫނެވެ. އެއީ ހާސިލުކުރަން އުނދަގޫ ބޮޑެތި ކަންކަމުގައި ކޮންމެހެން ހިފަހައްޓަންޖެހޭ އަޚުލާޤީ މިންގަނޑެކެވެ. ޚާއްޞަކޮށް ނަމާދުކުރުމަށް މީހާ ހިތްވަރެއް ލުމަކީ އެ ކަމަށް ޢަޒުމު ކަނޑައަޅަންޖެހޭ ކަމެކެވެ. މިއީ ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ދެއްވި ނަސޭހަތްޕުޅުގެ ތެރޭގައި ހިމެނުނު ކަމެކެވެ. އެ ނަސޭހަތް ﷲ ވަނީ ކީރިތި ޤުރުއާނުގައި ޒިކުރުކުރައްވައިފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ. ‎﴿يَا بُنَيَّ أَقِمِ الصَّلَاةَ وَأْمُرْ بِالْمَعْرُوفِ وَانْهَ عَنِ الْمُنكَرِ وَاصْبِرْ عَلَىٰ مَا أَصَابَكَ إِنَّ ذَٰلِكَ مِنْ عَزْمِ الْأُمُورِ﴾ ‎(لقمان: ١٧)‏ މާނައި: "އޭ ދަރިފުޅާއެވެ! ތިބާ ނަމާދު ޤާއިމުކުރާށެވެ! އަދި ހެޔޮކަންތަކަށް އަމުރުކުރާށެވެ! އަދި ނުބައިކަންތައް ނަހީކުރާށެވެ! ތިބާޔަށް ޖެހޭ މުޞީބާތަށް ކެތްކުރާށެވެ! ހަމަކަށަވަރުން، އެ ކަން ވަނީ، ޢަޒުމު ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރެއިންނެވެ."

މި ނަސޭހަތުން އެނގެނީ ދީނީ ކަންކަމަކީ ޢަޒުމު ކަނޑައަޅައިގެން ހިތްވަރާ އެކު ކުރަން ޖެހޭނޭ ކަންކަން ކަމެވެ. ޢަޒުމު ކަނޑައެޅުމަށްފަހު އެ ކަމެއްގައި ﷲއަށް ވަކީލުކުރުމަކީ ދެން ކުރަން އޮންނަ ކަންތަކެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ‎﴿فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ﴾ ‎(آل عمران: ١٥٩)‏ މާނައީ: "ފަހެ، (ކަމަކާމެދު) ކަލޭގެފާނު ޢަޒުމު ކަނޑައަޅުއްވައިފި ނަމަ، ފަހެ، ކަލޭގެފާނު ﷲއަށް ވަކީލުކުރައްވާށެވެ!" އެހެންކަމުން މި އަހަރު ދީނީ ގޮތުން ހަރުފަތް މަތިކޮށްލަން އެދޭ ކޮންމެ މީހަކު، އޭނާއަށް ކުރެވޭނޭ މިންވަރުން ވަކިވަކި ކަންކަން ހާސިލުކުރުމުގެ ލަނޑުދަނޑިތަކެއް ކަނޑައަޅާފައި އެ ކަންކަމަށް ޢަޒުމުކުރަންވީއެވެ. އަދި އެއަށް ފަހު އެ ކަމުގައި ﷲއަށް ވަކީލުކޮށް ހިތްވަރާ އެކު މަސައްކަތް ކުރަން ފަށައިގަންނަންވީއެވެ.

މި ގޮތަށް މަސައްކަތްފަށަން ބޭނުންވާ އެންމެންނަށް ލަނޑުދަނޑިތަކެއް ކަނޑައެޅުމަށް ފަސޭހަ ކޮށްދިނުމަށް އަމާޒުހިފާނެ ބައެއް ކަންކަން ލިޔެލައިނަމެވެ.

ނަމާދުތައް ވަގުތުގެ ކުރީކޮޅުގައި ކުރަން އާދަކުރުން.

ފިރިހެނުން މިސްކިތުގެ ޖަމާޢަތަށް ދާން އާދަކުރުން.

ރަވާތިބު ސުންނަތްތައް ކުރަން ފެށުން.

ހަފުތާގެ ވަކި ދުވަހެއް ކަނޑައަޅައިގެން ކުޑަ ޞަދަޤާތެއް ދޭންފެށުން. (ހުކުރު އެއީ ރަނގަޅު ދުވަހެކެވެ.)

ކޮންމެ މަހެއްގައި 3 ރޯދަ ހިފަން ފެށުން.

މުސްޙަފާ އެކު (ކީރިތި ޤުރުއާން ފޮތާ އެކު) މަދުވެގެން 10 މިނެޓު ހޭދަކޮށްލުން

މަހަކު އެއްފަހަރު ބަލި މީހަކަށް ޒިޔާރަތްކުރުން

ދޮށީ ޢުމުރުގެ މީހަކަށް އެހީއެއް ވެދިނުން

ކުޑަކުއްޖަކަށް އޯގާތެރިކަމުގެ ބަހެއް ބުނެލުން

މި ލިޔެވި ދިޔަ ކަންކަމަކީ ވިސްނައިލަން ދިން ލިސްޓެކެވެ. މިއައްވުރެ މާ ގިނަ، މާ ފަސޭހަ، މާ އަޖުރު ބޮޑު ކަންކަން ތިޔައިން ކޮންމެ ކިޔުންތެރިއަކަށް ވެސް އެނގިދާނެއެވެ. ރަނގަޅަށް ވިސްނާފައި، ލަސްނުކޮށް އަވަހަށް ކޮންމެވެސް އެއް ކަމަކައި ގެން ފަށައިގަންނާށެވެ. މި އަހަރު ދީނީ ކުރިއެރުމަށް ލަނޑުދަނޑި ކަނޑައަޅައި އެ ލަނޑުދަނޑި ހާޞިލުކުރުމުގެ ތައުފީޤު މާތް ﷲ އަޅަމެންނަށް ދެއްވާނދޭވެ! آمين.

comment ކޮމެންޓް