ފަރުހާންގެ ފިލްމު 'ޑޮން 3'އަށް ރިތިކް ގެންނަނީ؟

ބޮލީވުޑްގެ އެކްޓަރު ރިތިކް ރޯޝަން--ފޮޓޯ/ފިލްމުގެއަ

މި މަހު ޝޫޓިންގް ފަށާނެކަން ކުރިން އިއުލާނުކޮށްފައިވާ ބޮލީވުޑްގެ ފިލްމު "ޑޮން 3"އިން ރަންވީރު ސިންގް ވަކިވުމާ ގުޅިގެން އެ ފިލްމުގެ ލީޑް ރޯލަށް އެކްޓަރު ރިތިކް ރޯޝަން ގެނައުމުގެ މަޝްވަރާތަކެއް ކުރިއަށްދާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

ފިލްމުފެއާގައިވާ ރިޕޯޓަކުން ބުނެފައިވާ ގޮތުގައި ފަރުހާންގެ ޓީމުން މިހާރު ނިންމާފައި ވަނީ "ޑޮން 3"ގެ އާ މޫނެއްގެ ގޮތުގައި ރިތިކް ބެލުންތެރިންނަށް ގެނެސްދިނުމަށެވެ.

ރަންވީރު ސިންގް ފިލްމުން ވަކިވުމާ ގުޅިގެން އެ ފްރެންޗައިސްއަށް ދެން ގެންނަން ބޭނުންވަނީ ވެސް އިންޑަސްޓްރީގެ ތަޖުރިބާކާރު ވަރުގަދަ އެކްޝަން ތަރިއެއް ކަމަށް ފަރުހާންގެ ޓީމާ ހަވާލާދީ ފިލްމުފެއާއިން ވަނީ ބުނެފައެވެ. އެހެންނަމަވެސް މިހާތަނަށް މިކަމާ ގުޅޭގޮތުން ރިތިކްގެ ފަރާތުން ވަކި އެއްޗެއް ބުނެފައި ނުވާ ކަމަށް ވެސް ފިލްމުފެއާގައި ވަނީ ބުނެފައެވެ.

ޝާހްރުކް ޚާން އަދި ބަތަލާ ޕްރިޔަންކާ ޗޯޕްރާ ފިލްމު "ޑޮން 2"ގެ މަންޒަރެއްގައި--ފޮޓޯ/ފިލްމުފެއަ

ރިތިކް "ޑޮން 3"އަށް ގެންނަން އުޅޭކަމުގެ އަޑުތަކެއް އަރާފައިވާއިރު މި ފްރެންޗައިސްގެ ދެވަނަ ފިލްމުގެ ޚާއްސަ ފެނިލުމަކުން ރިތިކް ވަނީ ޝާހްރުކް ޚާންއާ އެކު ފެނިފައެވެ.

މީގެ 48 އަހަރު ކުރިން ހިންދީ ސިނަމާއަށް ތައާރަފްކުރި "ޑޮން" އަކީ އެކްޓަރު އަމީތާބް ބައްޗަން ލީޑް ރޯލްއިން ފެނުނު ފިލްމެކެވެ. އޭރު އެ ފިލްމުގެ ސްކްރީން ރައިޓަރުންގެ ގޮތުގައި މަސައްކަތްކޮށްފައި ވަނީ ފަރުހާންގެ ބައްޕަ ޖާވިދު އަޚްތަރު އަދި އެކްޓަރު ސަލްމާން ޚާންގެ ބައްޕަ ސަލީމް ޚާންއެވެ.

އޭގެ އެތައް އަހަރެއްފަހުން ފިލްމުގެ "ޑޮން"ގެ ރައިޓްސް ގަނެ އެ ފްރެންޗައިސްގެ ދަށުން ގެނެސްދިން ދެވަނަ ފިލްމު ފަރުހާންގެ އެކްސެލް އެންޓަޓެއިމަންޓްއިން ރިލީޒްކުރީ 2006 ވަނަ އަހަރެވެ. އޭގެ ފަހުން ގެނެސްދިން ދެ ފިލްމުގައި ވެސް ލީޑް ރޯލް ކުޅެފައި ވަނީ ޝާހްރުކް ޚާންއެވެ.

ރިޕޯޓުތައް ބުނާގޮތުން ރަންވީރު "ޑޮން 3" ދޫކޮށްލީ ދާދިފަހުން ރިލީޒްކުރި އެކްޓަރުގެ ފިލްމު "ދުރަންދަރު"އަށް ލިބެމުން އަންނަ ކާމިޔާބީއާ ގުޅިގެން ކުރިމަގުގައި އެފަދަ ބޮޑެތި ފިލްމުތަކަށް އިސްކަން ދިނުމުގެ ގޮތުންނެވެ.

ފިލްމު "ޑޮން 3"ގެ ޓީމަށް ރިތިކް ގެނައުމުގެ މަޝްވަރާތަކެއް ކުރެވެމުން އަންނައިރު އެކްޓަރު އަންނަނީ ފިލްމު "ކްރިޝް 4"ގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންނެވެ. ރިތިކް އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމު "ވޯ 2"އިންނެވެ.

comment ކޮމެންޓް