ބޮލީވުޑްގެ އެކްޓަރު ސައިފް އަލީ ޚާނަށް މިހާތަނަށް ކިޔުނު ވާހަކަތަކުގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ހޯދި އެއް ފޮތަކީ އިންޑިއާގެ ލިޔުންތެރިޔާ ނިލަންޖަނާ އެސް ރޯއި ލިޔެފައިވާ ވާހަކަ "ބްލެކް ރިވާ" ކަމަށް އެކްޓަރު ބުނެފިއެވެ.
މީގެ ތިން އަހަރު ކުރިން ލިޔުންތެރިޔާ ނިލަންޖަނާ ނެރުނު އެ ވާހަކަ ސައިފްއަށް މާބޮޑަށް ކަމުދިޔުމާ ގުޅިގެން ވާހަކައިގެ ރައިޓްސް ގަނެ އެއަށް ފިލްމެއް އުފައްދަން ނިންމާފައިވާ ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
އެސްކުއަ އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ސައިފް ބުނީ އެ ވާހަކައަށް ޝައުގުވެރިވީ އެއީ ފުލުހުންގެ ތަހުގީގުތަކެއް އޭގައި ހިމެނޭ މާޑާ މިސްޓްރީއަކަށް ވުމުގެ އިތުރުން ވަރަށް ޖަޒުބާތީ ވާހަކައަކަށް ވުމުން ކަމަށެވެ.
ކިޔުންތެރިންގެ ބޮޑު މަގުބޫލުކަމެއް ލިބުނު އެ ވާހަކަ އަކީ ކުޑަ އަންހެން ކުއްޖެއްގެ މަރުގެ ހަގީގަތް ހޯދަން އާއިލާ އާއި ފުލުހުން ގުޅިގެން ކުރާ މަސައްކަތްތައް ކިޔައިދީފައިވާ ވާހަކައެކެވެ. އެ ވާހަކައިގެ ރައިޓްސް ގަނެ ވާހަކައިގެ މައްޗަށް ބިނާކޮށް ފިލްމެއް އުފައްދަން ނިންމިކަން ސައިފް ވަނީ އެސްކުއަ އިންޑިއާއަށް ދިން އިންޓަވިއުގައި ކަށަވަރުކޮށްދީފައެވެ.

'ބްލެކް ރިވާ'ގެ ވާހަކަ ލިޔުނު ނިލަންޖަނާ އެސް ރޯއި--ފޮޓޯ/ޕިންކްވިލާ
'ބްލެކް ރިވާ' ވާހަކައިގެ މައްޗަށް ބިނާކޮށް ފިލްމެއް އުފައްދަން ނިންމިކަން އިއުލާނުކުރި ނަމަވެސް އެ ފިލްމު ޕްރޮޖެކްޓާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ސައިފް ހިއްސާކޮށްފައެއް ނުވެއެވެ.
މީގެކުރިންވެސް ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ އެކްޓަރު މިހާތަނަށް އުފެއްދި ފިލްމުތަކުގެތެރޭ "ލަވް އާޖް ކަލް"، "ހެޕީ އެންޑިންގް"، "ކޮކްޓެއިލް" އަދި "ޖަވާނެ ޖާނެމަން" ފަދަ ފިލްމުތައް ހިމެނެއެވެ.
ސައިފް އެންމެ އަވަހަށް އެކްޓަރެއްގެ ގޮތުގައި ބެލުންތެރިންނަށް ފެންނާނީ ޑައިރެކްޓަރު ޕްރިޔާދަރުޝަންގެ ފިލްމު "ހައިވާން"އިންނެވެ. އަކްޝޭ ކުމާރުއާ އެކު ސައިފް ފެންނާނެ މި ފިލްމުގެ ޝޫޓިންގްގެ ވަރަށް ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ.