ރާއްޖެއަށް އަދިވެސް ވަޔާއި ދުރުފެންނަ މިންވަރު ސާފުވާގޮތެއް ނުވޭ

މާލެ ސަރަހައްދުގެ ވައި ނުސާފުވެފައި: މިއީ މި ދުވަސްވަރު އާއްމު ކަމެއް-- ސަން ފޮޓޯ: ފާތިމަތު ޝައުނާ

މުޅި ރާއްޖެއަށް ވެސް ވަޔާއި ދުރުފެންނަ މިންވަރު އަދި ސާފުވާގޮތް ނުވާ ކަމަށް, ކަމާބެހޭ އިދާރާތަކުން މިއަދު ބުނެފިއެވެ.

އާއްމުކޮށް ކޮންމެ އަހަރެއްގެ ވެސް މި ދުވަސްވަރު, އިރުއުތުރުން ވައި ޖެހޭނަމަ, އިންޑިއާ ސަރަހައްދުން އަންނަ ނުސާފު ވަޔާއެކު ރާއްޖޭގެ ޖަށްވުވެސް ނުސާފުވެއެވެ. އޭގެ ސަބަބުން ސިއްހީ މައްސަލަތައް ކުރިމަތިވުމުގެ އިތުރުން ދުރުފެންނަ މިންވަރު ދަށަށް ދެއެވެ.

ވައި ސާފު މިންވަރު ބުނެދޭ, އައިކިޔުއެއާ އެޕުން ދައްކާ ގޮތުގައި، މިއަދު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިގެ ރައްކާތެރިކަން ހުރީ "މޮޑެރޭޓް" ނުވަތަ މެދުމިނުގެ މިންވަރަކަށެވެ.

އެންމެ ބޮޑަށް ވައި ތަޣައްޔަރުވެފައި ވަނީ ދ. ކުޑަހުވަދުއަށެވެ. އެ ސަރަހައްދަށް ހުރީ އޮރެންޖް އެލާޓް ލެވަލްގައެވެ. އޭގެ މާނައަކީ ސިއްހީ ގޮތުން ނާޒުކު މީހުންނަށް ނުރައްކާތެރި މިންވަރަކަށް ވައި ނުސާފެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ, މެޓުގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ, "ވިޒިބިލިޓީ" ނުވަތަ ދުރުފެންނަ ނިސްބަތް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އަދިވެސް ވަރަށް ދަށް ކަމަށެވެ. އެގޮތުން އެންމެ ދެކުނު ފިޔަވާ އެހެން ހިސާބުތަކަށް ދުރު ފެންނަ ނިސްބަތް ހުރީ ހަ ކިލޯ މީޓަރުގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެންމެ ދެކުނަށް އަށް ކިލޯ މީޓަރަށް ފެނެއެވެ.

އާއްމު ގޮތެއްގައި ރާއްޖެއަށް ދުރުފެންނަ ނިސްބަތް ހުންނަނީ 10 ކިލޯ މީޓަރުގައެވެ.

އޮފިޝަލް ވިދާޅުވީ މިހާރު މިޖެހޭ ގޮތަށް ވައި ޖެހޭއިރު, ފަސޭހައިން ވައި ސާފުވާނީ ވަރަށް ބޯކޮށް ވާރޭވެހިގެން ކަމަށެވެ.

މެޓު އޮފީހުން ލަފާ ކުރާގޮތުގައި މިއަދު އެންމެ ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރުން އެކަށީގެންވެއެވެ. ނަމަވެސް ރާއްޖޭގެ އެހެން ހިސާބުތަކަށް މޫސުން ޖުމުލަ ގޮތެއްގައި ރަނގަޅު ވާނެ ކަމަށް މެޓުން ބުނެއެވެ.

comment ކޮމެންޓް