ދިވެހިރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލާ, މުޙައްމަދު ނައީމު ހުސައިން އަވަހާރަވެއްޖެއެވެ.
އުމުރުފުޅުން 74 އަހަރުގައި ނައީމު އަވަހާރަވީ, އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް, މިދިޔަ އާދިއްތަ ދުވަހުއެވެ. ޖަނާޒާ އޮތީ އިއްޔެ ހުޅުމާލޭ ސަހަރާގައެވެ.
ނައީމު, އަވަހާރަ ވުމަކީ ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީއަށް ލިބުނު ބޮޑު ފަޅުކަމެއްގެ ގޮތުގައި އެ ދާއިރާގެ ބޭފުޅުން ގެންދަވަނީ ސިފަ ކުރައްވަމުންނެވެ.
ރަސްމީ މަސައްކަތުން ނައީމު, ރިޓަޔާ ކުރެއްވިތާ މިހާރު ގިނަ އަހަރުތަކެއް ވަނީ ވެފައެވެ.
ނައީމަކީ, ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި, މީގެ 59 އަހަރު ކުރިން ހުޅުލޭ އެއާޕޯޓް ހުޅުވުމަށްޓަކައި އެންމެ ފުރަތަމަ ތަމްރީނު ކުރި، އެއާ ޓްރެފިކް ކޮންޓްރޯލަރުންގެ ތެރެއިން ބޭފުޅެކެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރެއްގެ މަގާމު ފުރުއްވި ނައީމު, އޭރު އެ ބޮޑު ޒިންމާ އަދާ ކުރައްވަމުން ގެންދެވީ ޓަވަރެއް ވެސް, އަދި ޒަމާނީ މާ ބޮޑު ވަސީލަތްތަކެއް ވެސް ނެތިއެވެ.